ތިބާ ހުރީ ކޮފީ ތައްޓެއް ހިފައިގެންނެވެ. އެހެން ހުއްޓާ މީހަކު އައިސް ތިބާގެ ގައިގައި ލައިގަނެއެވެ. ނުވަތަ ތިބާގެ އަތުގައި ހިފައި ތަޅުވައިގަނެއެވެ. މި ކަމުގެ ސަބަބުން ތަށިން ބޭރަށް ކޮފީ އޮހިގެންދެއެވެ. ތިބާގެ ހުދު، ސާފު ހެދުން ޚަރާބުވެއެވެ.
ތަށިން ކޮފީ ބަންޑުންވީ ކީއްވެ ހެއްޔެވެ؟
ތިބާ ބުނާނެއެވެ: "އެއީ މީހަކު އަހަރެންނާ މުޑިއެރުމުންނެވެ!"
ނަމަވެސް ތިޔަ ދިނީ ނުބައި ޖަވާބެކެވެ. ތިބާގެ ތަށިން ކޮފީ ބަންޑުންވީ ތަށީގައި ހުރީ ކޮފީ ކަމަށް ވުމުންނެވެ. ތަށީގައި ހުރީ ސައި ނަމަ، ބަންޑުންވާނީ ސައެވެ. ތަށްޓަކުން އަބަދުވެސް ބަންޑުންވާނީ އެ ތައްޓަކަށް އަޅައިފައި ހުރި އެއްޗެކެވެ. ހަޔާތް އައިސް ތިބާ "ތަޅުވައިގަންނާނެކަން" ކަށަވަރެވެ. މިހެން ދިމާވުމުން ތިބާގެ ބޭރުފުށަށް ނުކުންނާނީ ތިބާގެ އެތެރެފުށުގައިވާ އެއްޗެކެވެ. ނޫން ކަމަށް ހެދިގެން ތިބާއަށް ހުރެވިދާނެއެވެ. ނަމަވެސް ތިބާއަށް ލިބޭ ހާސްކަމާއި ކަންބޮޑުވުމާއި އަދި ރުންކުރުވުން ވަކި ކުޑައެއް ނުވާނެއެވެ.
އެހެންކަމުން އަހަރެމެން، އަހަރެމެންގެ ނަފުސާ އެބަ ސުވާލު ކުރަން ޖެހެއެވެ: "އަހަރެންގެ ތަށީގައި ހުރީ ކޮން އެއްޗެއް ހެއްޔެވެ؟"
ހަޔާތަށް ގޮންޖެހުންތައް ކުރިމަތިވުމުން، އަހަރެމެންގެ އެތެރެއިން ބޭފުށަށް ނުކުންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ އުފާވެރިކަން ހެއްޔެވެ؟ ޝުކުރުވެރިވުމުގެ ސިފަ ހެއްޔެވެ؟ ސުލްހަވެރިކަން ހެއްޔެވެ؟ ނޫނީ ހިތްތިރިކަން ހެއްޔެވެ؟
މި ނޫން ސިފަތަކެއް ކަމަށް ވަނީ ނަމަ އެއީ ކޮން ސިފަތަކެއް ހެއްޔެވެ؟ ރުޅިވެރިކަން ހެއްޔެވެ؟ ކަންކަމާމެދު ހިތިގޮތަކަށް ދުށުން ހެއްޔެވެ؟ އަހަރެމެންނަކީ އެހެން ބައެއްގެ ޝިކާރައަކަށް ވެފައިވާ ބަޔަކު ކަމުގައި ގަބޫލު ކުރެވުން ހެއްޔެވެ؟ ނުވަތަ ގޮންޖެހުންތަކާ ކުރިމަތިނުލާން ނިންމުން ހެއްޔެވެ؟
ހަޔާތަކީ އެއްކަލަ ތަށްޓެވެ. އެ ތަށްޓައް އަޅައި ފުރައިލާނީ ކޮން އެއްޗެއްކަން ނިންމާނީ ތިބާއެވެ.
އެ ތަށި ފުރައިލަން ރަނގަޅު ވިސްނުންތަކެއް މިއަދު ގެންގުޅެމާހެއްޔެވެ. ޝުކުރުވެރިވުމާއި މައާފުކުރުމުގެ ސިފައާއި އުފާވެރިކަމާއި ހިތްވަރު ލިބިގަތުމުގެ ބަސްތަކާއި ކެތްތެރިކަމާއި ކޮންމެ ކަމެއްގެ ވެސް ރަނގަޅު ފަރާތް ބަލައިގަތުމާއި ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއި އަނެކުންނަށް ލޯބި ދިނުމުގެ ސިފައިން އަހަރެމެންގެ ހަޔާތުގެ ތަށި ފުރާލަމާ ހިނގާށެވެ.