Support Us

އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ރައީސް މުއިއްޒާއި ދެ ދަރިކަލުން

މާލޭގައި މިއަދު ކުރި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މިއީ މާލޭގެ އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ރައީސަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް އެނގިފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އައި ފުރަތަމަ އަޟްހާ އީދުގައި، ރައީސް މުއިއްޒު އަރިހުގައި، އެ މަނިކުފާނުގެ ދެ ދަރިކަލުން ވެސް ބޮޑު ޖަމާއަތުގައި ބައިވެރިވެވަޑައިގަތެވެ.

އެތައް ހާސް ބަޔަކާއެކު، މާފަންނު ސްޓޭޑިއަމްގައި އޮތް އީދު ނަމާދަށްފަހު، ގިނަ ބަޔަކާ ރައީސް ސަލާމް ކުރައްވައި، ފޮޓޯ ނަންގަވައި އީދުގެ ތަނުހިޔާ ބަދަލުކުރެއްވިއެވެ.

ކޮންމެ އީދެއްގައި މާލެ އާއި ރަށްރަށުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރި ނަމަވެސް، ހުރިހައި ރައީސުން ވެސް މީގެ ކުރިން އީދު ނަމާދު ކުރައްވައިފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. މިދިޔަ ފިތުރު އީދުގައި ރައީސް މުއިއްޒު ވެސް ވަޑައިގެންނެވީ އިސްލާމީ މަރުކަޒަށެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ މި ކަހަލަ ކޮންމެ ހަރަކާތެއްގައި ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ރައީސް އަރިހުގައި ތިއްބެވި ނަމަވެސް، މިއަދުގެ އީދު ނަމާދުގައި ރައީސް އަރިހުގައި ތިބީ އާންމުންނެވެ. ދައުލަތުގެ އިސް ބޭފުޅަކަށް ކުރީ ސަފުގައި އިންނެވީ މާލޭ މޭޔަރ އާދަމް އާޒިމް އެކަންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *