Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަށިގަނޑުގައި މައްސަލައެއް އުޅޭކަން އަންގައިދޭ 10 ކަންތައް

ގަނޑުފެން އަނގައިގެ ތެރެއަށް ލައިގެން ދަތުން ހަފައިހިތްވޭ ހެއްޔެވެ؟ ލޮނު ރަހަ ގަދަ އެއްޗެހި އަބަދުމެ ކާހިތްވެފައި ހުރޭ ހެއްޔެވެ؟ މި ކަހަލަ ކަންތައްތަކެއް ކުއްލިއަކަށް ފާހަގަކުރެވޭ ނަމަ، އެ ކަމަށް ސަމާލުކަން ދިނުން މުހިންމެވެ. އެ ގޮތުން ހަށިގަނޑުގައި ކޮންމެވެސް މައްސަލައެއް އުޅޭކަމުގެ 10 ސިގްނަލެއް ތިރީގައި ފާހަގަކޮށްލާނަމެވެ.

1. ފަޔަށް ހިނިއަރައިގެން، ކަހާ، ހިރުވާ ކަހަލަ އިހުސާސެއްވުން:

ފަޔާއި ފައިތިލައިގައި މި ކަހަލަ އިހުސާސްތަކެއް ކުރެވި، ފައިތަޅުވާހިތްވެ، ފައި އެކި ގޮތްގޮތަށް ހަރަކާތްތެރިކުރަން ބޭނުން ނަމަ، މިއީ "ރެސްޓްލެސް ލެގް ސިންޑްރޯމް" ބައްޔަށް ވެދާނެއެވެ. މިހެންވުމުން ފައިގައި އުނދަގޫކަމެއް ހުރުމުގެ އިހުސާސް ކުރެވޭނެއެވެ. މި ކަން އާއްމު ގޮތެއްގައި ފާހަގަކުރެވޭނީ ހަވީރު ނުވަތަ ރޭގަނޑެވެ. އިށީނދެ އިނދެ ނުވަތަ އޮށޯވެގެން އޮންނަ އިރެވެ. ފަޔަށް ހަރަކާތެއް ގެނައުމުން ތަސައްލީއެއް ލިބޭނީ ކުޑަ ހިނދުކޮޅަކަށެވެ. މިއީ ދިގު މުއްދަތަކަށް ދިމާވާ ބައްޔެކެވެ. އަދި ރޭގަނޑު އަރާމުކުރަން ބޭނުންވާއިރު މި އުނދަގޫތައް ކުރިމަތިވާނެއެވެ.

2. ހަން ބޯވުން:

ހަންގަނޑަށް ދިމާވާ މައްސަލަތަކާމެދު ފަރުވާ ކުޑަ ނުކުރާށެވެ. ހަން ބޯވެ ނުވަތަ ކަހައި ހިރުވާ ނަމަ އެއީ އެތެރެހަށީގެ އެތައް މައްސަލަތަކަކަށް ވެދާނެއެވެ. އޭގެ ތެރޭގައި ހޯމޯންސް މައްސަލަޖެހުން، އެކްޒެމާ އަދި އެހެން އެލާޖީތައް ހިމެނިދާނެއެވެ. އެކްޒެމާއަކީ ހަނގަޑުން ފެން މަދުވެ ކުރަކިވެ، ކަހައި ހިރުވައި، އަދި ދުޅަވާ މައްސަލައެކެވެ. ކޮންމެ އުމުރެއްގައި ވެސް މި ކަން ދިމާވެދާނެއެވެ. ނަމަވެސް މިއީ ކުޑަކުދިންގެ ކިބައިގައި އާއްމު ހުންނަ ބައްޔެކެވެ. މި ކަމުގެ ސަބަބުން ހަށިގަނޑަށް އުނދަގޫތަކެއް އިހުސާސް ކުރެވުނަސް މިއީ ގައިން ގަޔަށް އަރައި ބައްޔެއް ނޫނެވެ. ހަންގަނޑަށް ދިމާވާ މިފަދަ މައްސަލަތައް ދިގުދެމިގެންދާ ނަމަ ނުވަތަ އިތުރަށް ގޯސްވާ ނަމަ ލޭގެ ޓެސްޓްތަކެއް ހެދުން މުހިންމެވެ.

3. އަތުލިޔުން ބަދަލުވުން، ވަސް ނުދުވުން، އަދި އާދަޔާހިލާފު ހުވަފެން ފެނުން:

ޕާކިންސަންސް ޑިސީޒް ނުވަތަ ތުރުތުރު އަޅާ ބަލި މިއީ އެންމެނަށްމެ މިހާރު އެނގޭ ބައްޔަކަށް ވެދާނެއެވެ. ނަމަވެސް މި ބަލީގެ އަލާމާތްތަކަކީ ކޮބައިކަން ގިނަ މީހުންނަށް އަދިވެސް ނޭނގެއެވެ. ތުރުތުރުއަޅައި، ހަށިގަނޑުގެ ހަރަކާތްތައް ލަސްވެ، ނިދުމަށް އުނދަގޫވެ، ބިރުވެރި ހުވަފެން ފެނި، އަދި ވާހަކަދެއްކުމުގައާއި އަތުލިޔުމަށް އަންނަ ބަދަލުތަކުން ހަށިގަނޑުގައި ކޮންމެވެސް މައްސަލަތަކެއް އުޅޭ ކަމަށް ޑޮކްޓަރުން އިންޒާރު ދެއްވައެވެ.

4. ރުޅިގަދަވުން އަދި ހަރުކަށިކަން ދެއްކުން:

ރުޅިގަދަވުމަކީ ތިމާގައި ހުންނަ ޝަހުސިއްޔަތަކުން ވާ ކަމެއް ކަމަށް ކޮންމެ ފަހަރަކު ނުވެދާނެއެވެ. އެއާ ހިލާފަށް، ރުންކުރުވުން ކަހަލަ ކަންތައްތައް މާޔޫސްކަން ނުވަތަ "ޑިޕްރެޝަން"އާ ވެސް ގުޅުން ހުރެދާނެއެވެ. ޑިޕްރެޝަނަކީ ހަމައެކަނި ގައިން ވަރުދެރަވެފައި ހުރުމެއް ނޫނެވެ. އެއީ އަބަދުމެ މޮޅިވެފައި ހުރުމެއް ވެސް ނޫނެވެ. ޑިޕްރެޝަން އިހުސާސް ކުރެވެމުންދާއިރު ހަރުކަށިކަން ދައްކައިދޭ އަމަލުތައް ވެސް ތިމާގެ ފަރާތުން ފާޅުވެދާނެއެވެ.

5. މާގިނައިރު ނިދުން:

މިއީ "ހައިޕަސޮމްނިއާ" ކަމަށް ވެދާނެއެވެ. މި ކަން ކުރިމަތިވަނީ ހަމައެކަނި ހަށިގަނޑު ވަރުބަލިވުމަކުން ނޫނެވެ. ހަށިގަނޑަށް ލިބެން ޖެހޭ މިންވަރަށް ނިދި ނުލިބުން ނުވަތަ ކާ ބޭހެއްގެ ގޮތުން ނޫނީ ނަފުސާނީ މައްސަލަތަކެއް ދިމާވުމުން ވެސް ހައިޕަސޮމްނިއާ ޖެހިދާނެއެވެ. އުމުރާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ވެސް ހައިޕަސޮމްނިއާއަށް ތިމާ ހުށަހެޅިދާނެއެވެ. އަދި "އޮޓޯއިމިއުން" މައްސަލައެއް ނަމަ، ޖެހޭ ކޮންމެ ތަނެއްގައި ވެސް ނިދަން ބޭނުންވެދާނެއެވެ. އޮޓޯއިމިއުން މައްސަލަ ދިމާވުމުން ހަށިގަނޑުގައި ހުންނަ ސެލްތަކާއި ބޭރުން ހަށިގަނޑަށް ވަންނަ ސެލްތައް ހަށިގަނޑަށް ފާހަގަނުކުރެވޭ ގޮތް ދިމާވެއެވެ. މިހެންވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ތިމާގެ ހަށިގަނޑުގައިވާ ސެލްތަކަށް ހަމަލާ ދެއެވެ. އޮޓޯއިމިއުން ބަލީގެ 80 ވައްތަރެއް ހުރެއެވެ. މިއިން ހަށިގަނޑުގެ އެކި ގުނަންތަކަށް ނުރައްކާ ކުރެއެވެ. މީގެ އިތުރުން ނިދުމުގެ ކުރިން ބަނގުރާ ބުއިމުން ވެސް ހައިޕަސޮމްނިއާގެ އަސަރުތައް ފެނިދާނެއެވެ.

6. ކަޅީގެ ކުލަ ބަދަލުވުން:

ކަޅީގައި ހުދު ނުވަތަ އަޅި ކުލައިގެ ބޮޅެއް ފާޅުވެއްޖެ ނަމަ، އެއީ އުމުރުން 45 އަހަރު ނުވާ މީހުންގައި ކޮލެސްޓްރޯލް މަތީ މިންވަރަކަށް ހުރިކަން ދޭހަކޮށްދޭ ނިޝާނެކެވެ. މި ގޮތަށް ކަޅީގައި ފާޅުވާ ބޮޅަކީ އޭގެ ޒާތުގައި ނުރައްކާތެރި އެއްޗެއް ނޫނެވެ.

7. ލޮނު އެކުލެވޭ ކާއެއްޗެހި ކެއުމަށް ދަހިވުން:

ލޮނު ހިމެނޭ ކެއުންތަކަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ލޮނު ލީ ތަކެތިން ދުރުނުވެވި، ގިނަ އަދަދަކަށް ލޮނު ލާފައި ހުންނަ ކާބޯތަކެއްޗަކީ ތިމާ ކާހިތްވާ ހަމައެކަނި ކާބޯތަކެތި ކަމަށް ވެއްޖެ ނަމަ، މީގެން ދޭހަވަނީ ތިމާގެ ހަށިގަނޑުގައި "އަޔަން" ނުވަތަ ދަގަނޑުގެ މާއްދާ އެކުލެވޭ މިންވަރު ދަށްވެފައިވާ ކަމެވެ. މީގެ އިތުރުން މިއީ "އެނެމިއާ"ގެ އަސަރުވެސް މެއެވެ. އެނެމިއާއަކީ މުޅި ހަށިގަނޑުގެ ޓިޝޫތަކަށް އޮކްސިޖަން ފޯރުކޮށްދޭ ރެޑް ބްލަޑް ސެލްތަކާއި އޭގައި ހިމެނޭ ހިމޮގްލޯބިން މާއްދާ މަދުވުމުން ދިމާވާ ކަމެކެވެ. މި ކަމުގެ ސަބަބުން ފުއްޕާމެއަށް ވަންނަ އޮކްސިޖަން އެހެން ގުނަންތަކަށް ލޭ ދައުރު ކުރާ ނިޒާމުން ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ނަތީޖާއަކީ ވަރުބަލިކަމާއި ނޭވާ ކުރުވުން އިހުސާސްކުރެވުމެވެ. "ޑިހައިޑްރޭޝަން" ނުވަތަ ހަށިގަނޑުގައި ފެން މަދުވުމަކީ ވެސް ލޮނު ކާހިތްވާ ސަބަބެކެވެ. އަދި މައްސަރު ކަންތައްތަކުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ވެސް އާދަޔާ ހިލާފަށް ގިނައިން ލޮނު ކާހިތްވާނެއެވެ.

8. ހަނދާން ބަލިވުން، ވަރުބަލިވުން، އަދި ޖިންސީ އެދުން ކުޑަވުން:

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މިއީ ޑިޕްރެޝަންއާ ގުޅިފައިވާ ކަމެއް ކަމަށެވެ. ސަބަބަކީ ހަށިގަނޑުގައި ހަކަތަ ނެތި، ހުރިހާ ކަމެއް ވަރިހަމަކޮށްލާ ހިސާބަށް ގޮސް، އެ ކަމުގެ ސަބަބުން ތިމާއަށް ކަންތައްތައް ހަނދާން ނެތެނީ ކަމަށް ހީކުރެވޭތީއެވެ. ޑޮކްޓަރުން ވިދާޅުވަނީ މިއީ ތައިރޮއިޑްގައި ހޯމޯންގެ މައްސަލައެއް އުޅެނީ ކަމަށެވެ. މި ފަދަ ކަންތައް ދިމާވުމުން ހަށިގަނޑުގެ ބަރުދަން އިތުރުވެ، މީހާ ފަލަވެ އަދި ހީކަރުވައި، ފިނިކަން އިހުސާސް ކުރެވެން ފަށައެވެ.

9. އަބަދު ފެންބޮވައިގެންފައި ހުރުން:

އަބަދު ފެންބޮވާހިތްވުމަކީ އާދައިގެ ކަމެއް ނޫނެވެ. ބައެއް ފަހަރު މިއީ ތިމާ ކައިބޮއިހަދައި އެއްޗިއްސާ ގުޅުން ހުރި މައްސަލައެކެވެ. މިހެންވެ، ތިމާއަށް ގިނައިން ކެވެނީ ކުޅި ނުވަތަ ލޮނު އެކުލެވޭ ކާއެއްޗެހިތޯ ޗެކު ކޮށްލާށެވެ. އަބަދު ފެންބޮވައިގެންފައި ހުރުމަކީ ހަކަރު ބަލި ނުވަތަ "ޑައެބެޓީސް" އާއި މާބަނޑުވުމުން ވެސް ދިމާވާ ކަމެކެވެ.

10. ގަނޑުފެން ހަފައިހިތްވުން:

މިއީ ހަމައެކަނި އާދައަކަށް ކުރާ ކަމަކަށް ނުވެދާނެއެވެ. ހަށިގަނޑުގައި އެކުލެވޭ ދަގަނޑު މާއްދާ މަދުވުން އަދި އެނެމިއާގެ ސަބަބުން ވެސް، ގަނޑުފެން ހަފައިހިތްވުމުގެ މި އާދަޔާ ހިލާފު ކަންތައް ކުރާހިތް ވެދާނެ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ގަނޑުފެން ހަފައިހިތްވާ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، ލޭގެ ތަހުލީލުތަކެއް ހަދާށެވެ. އެއީ ހަށިގަނޑަށް އިތުރު "ސަޕްލިމެންޓް"ތައް ބޭނުންވޭތޯ ޗެކު ކުރުމަށެވެ. ސަޕްލިމެންޓަކީ ވިޓަމިން، މިނެރަލް އަދި ފަތްޕިލާވެލިން އުފައްދާ "ހާބަލް" ކެއުމެވެ. މި ތަކެތި ކާންޖެހެނީ ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ކާނާ ނުވަތަ "ނިއުޓްރިއަންޓް" ހަށިގަނޑަށް ލިއްބައިދިނުމަށެވެ. ސިއްހަތު ރަނގަޅުކޮށް، އަދި އެ ގޮތުގައި ދެމިތިބެވޭނީ މި "ނިއުޓްރިޝަން"ތައް ހަށިގަނޑަށް ފޯރުކޮށްދީގެންނެވެ.

މީގެ އިތުރުން ސިއްހީ ގޮތުން އާދަޔާ ހިލާފު ކަންތައްތަކެއް އިހުސާސް ކުރެވޭނެ ނަމަ، ރަސްމީ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލް ސިއްހީ ފަރުވާ ދޭ މީހެއްގެ މަޝްވަރާ ހޯދައި، ޑޮކްޓަރަކަށް ނުވަތަ ފިޒީޝަނަކަށް ނުވަތަ އެހެން ވެސް ސިއްހީ އެހީތެރިއެއްގެ ހިޔާލު ހޯދައިލައި ފަރުވާ ހޯދުމަށް އަވަސްވެގަންނާށެވެ.