Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ނަސީބު އަތުގައި ހިފާނެ ގޮތެއް ނޭނގޭނެއެވެ.

މީހަކު އެއް ދުވަހަކު ހޮޓަލަކަށް ވަނެވެ. މެނޫ ބަލައިލުމަށް ފަހު ކާއެއްޗަކަށް އޯޑަރު ދިނެވެ.

އޭގެ ވިއްސަކަށް މިނެޓު ފަހެވެ. ފިރިހެނުންނާއި އަންހެނުންގެ ގްރޫޕެއް ވަދެ، އެ މީހުން ކާން ބޭނުންވި ތަކެއްޗަށް އޯޑަރު ދިން މަންޒަރު އޭނާއަށް ފެނުނެވެ.

ދެން އޭނާ ދެރަވީ އޭނާއަށް ވުރެ މާ ފަހުން އައި ބަޔަކަށް އެ ބައިމީހުން އޯޑަރު ދިން ކާއެއްޗެހި އޭނާއަށް ވުރެ ކުރިން ގެނެސްދިނީމައެވެ.

އެ ގްރޫޕްގެ މީހުން ކާން ފެށިއެވެ. އަދި ހީނސަމާސާކޮށްހެދިއެވެ.

އެ ތަނުން އަކަކު ބުނި ވާހަކައެއްވެސް އޭނާއަށް އަޑުއިވުނެވެ. އެ މީހާ ބުންޏެވެ: "މި ހޮޓަލުގެ އެންމެންނާ އަހަރެން ވަރަށް ގާތްވާނެއެވެ. އެހެންވެ އަހަރެން އައުމުން ހިދުމަތް ވަރަށް އަވަސްވާނެއެވެ."

މި އަޑު އިވިފައި އޭނާއަށް އިހުސާސް ކުރެވުނީ އެ ގްރޫޕުން އޭނާއަށް މަލާމާތް ކުރީ ކަމަށެވެ. އެހެންވެ ނުކައި އެ ތަނުން ނިކުމެގެން ދާން އޭނާ ނިންމިއެވެ.

އޭނާގެ ކައިރީގައި ތިބެގެން އެ ގްރޫޕުން ދެއްކި މަލާމާތުގެ ވާހަކައަށް ކެތްނުކުރެވިގެން އޭނާ ވެއިޓަރަށް ގޮވައިލިއެވެ.

ވެއިޓަރު އޭނާގެ ގާތަށް އައެވެ. އަދި ހަމަޖެހިލައިފައި ބުންޏެވެ: "ސާހިބާއެވެ. ތިބާގެ އޯޑަރަކީ ހާއްސަ ކެއުމެކެވެ. އެ ތައްޔާރު ކުރަނީ މި ހޮޓަލުގެ ބޮޑު ކައްކާއެވެ. ތިބާގެ ގާތުގައި އެ ތިބަ ގްރޫޕް އޯޑަރު ދިން ކާއެއްޗެހި ތައްޔާރުކުރީ މި ތަނުގައި ކާއެއްޗެހި ހެދުމުގައި ތަމްރީނު ހޯދަމުން އަންނަ ބައެކެވެ. ސަބަބަކީ ތިބާގެ ކާއެއްޗެހި ހެދުމުގައި ބޮޑު ކައްކާ މަސްއޫލުވެގެން އުޅޭތީއެވެ. އެ ގްރޫޕުގެ ކާއެއްޗެހި އެހާ އަވަހަށް ގެނެސްދެވުނީ މިހެންވީމައެވެ. މި ތާނގައި މަޑުކޮށްލައިގެން އިންނަ ވަގުތު ހޭދަކޮށްލުމަށް ޖޫސް ތައްޓެއް އެބަގެންނަމެވެ."

މިހެން ބުނުމުން އެ މީހާ ކުޑަކޮށް ހިތްހަމަޖެހިއްޖެއެވެ. އަދި މަޑުމައިތިރިކަމާއެކު މަޑުކޮށްލައިގެން ކެތްތެރިވެލައިގެން އިނެވެ.

އޭގެ އިރުކޮޅެއް ފަހެވެ. އޭނާގެ ގާތަށް ހަ ވެއިޓަރުން އައެވެ. ކާ ސާމާނު ހިފައިގެންނެވެ.

އޭނާއަށް ނޭނގި އޮތް ކަމަކީ އެ ހޮޓަލުގެ ވެރިފަރާތަކީ އޭނާ ވަރަށް ކުރީއްސުރެ ދަންނަ ރަހްމަތްތެރިއެއް ކަމެވެ. އަދި ކަންދިމާކުރި ގޮތުން އޭނާ ހޮޓަލަށް ވަނތް މަންޒަރު އެ ރަހްމަތްތެރިޔާއަށް ފެނުނެވެ. އަދި މިހާ ދުވަސް ފަހުން ފެނިލުމުން ނިންމީ އޭނާ އުފާކޮށްލުމަށް، އޭނާއަށް ނާންގާ، "ސަޕްރައިޒެއް" ދިނުމަށެވެ.

ހޮޓަލުގެ ވެރި ފަރާތް ކަމަށްވާ އެ އަންހެން މީހާ ކުރި ކަމަކީ އޭނާ ދިން އާދައިގެ ސީދާސާދާ އޯޑަރު ބަދަލުކޮށްލައި، ފަސް ތަރީގެ ކާއެއްޗެހި އޭނާއަށް ދޭން ނިންމީއެވެ. އޯޑަރު ހިފައިގެން ހަ ވެއިޓަރުން އައީ އެހެންވެގެންނެވެ.

ކާން ތިބި އެއްކަލަ ގްރޫޕަށް ލިބުނީ ސިހުމެކެވެ. ކަޅި ޖަހައިނުލައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ދެން ކުއްލިއަކަށް އެ މީހުންގެ މެދުގައި ސުވާލުތަކެއް އުފެދުނެވެ. އޭނާއަށް ލިބުނު ހާއްސަ ހިދުމަތާއި ފަސް ތަރީގެ ކާއެއްޗެހި އެ މީހުންނަށް ނުލިބުނީ ކީއްވެ ކަމާމެދު ސުނބިސުނބި ލައްވަމުން ދިޔައެވެ.

ހަޔާތަކީ މި ކަހަލަ އެއްޗެކެވެ! ބައެއް ފަހަރު އެހެން މީހުން ތިބޭނީ ތިބާގެ ކުރީގައެވެ. މި ވަގުތު ކެއުމުގައި މަސްއޫލުވެގެންނެވެ. ތިބާއަށް މަލާމާތްކޮށްކޮށެވެ. ތިބާއާ އަޅާބަލާއިރު އެ މީހުންނަކީ މާ ވިސްނުން ތޫނު، ބުއްދިވެރި، އަދި ތިބާއަށް ވުރެ މޮޅު މީހުން ކަމުގައި އަމިއްލައަށް ދެކިގެންނެވެ. އެ މީހުން ބުނާނެއެވެ؛ އެ މީހުންގެ ރައްޓެހިން ގިނަވާނެއެވެ. އެ މީހުންނަށް އިތުރަށް ރިޒުގު ލިބޭނެއެވެ. އެ މީހުންނަށް އިތުރު ފައިސާ ލިބޭނެއެވެ. އަދި މިހެންވެ އެ މީހުންގެ ހަޔާތް މާ ބާއްޖަވެރިވާނެއެވެ.

މި ވަގުތު ތިބާ ކެތްމަދުވެފައި ހުންނާނީ ތިބާގެ ނަސީބު ތިބާގެ އަތުގައި ހިފަން މިހާ ގިނައިރު ނަގަނީ ކީއްވެ ކަމާމެދު ވިސްނާށެވެ. އެހެން މީހުން ކުރާ މަލާމާތަށް ތިބާ ހުންނާނީ ކެތްކުރަން ޖެހިފައެވެ. ތިބާ ލަދުގަންނަވާލާއިރު ވެސް ހެދޭނެ އިތުރު ގޮތެއް ނެތިފައެވެ. ފަހަރެއްގައި އަމިއްލައަށް މަރުވާން ވެސް ހިތަށް އަރައިފައިނެއެވެ. މާޔޫސްކަން ނުވަތަ "ޑިޕްރެޝަން" ވެސް އިހުސާސް ކުރެވިދާނެއެވެ. އަދި ހައްދުފަހަނަޅާ ވަރަށް ސިކުނޑި ހާސް ވެސް ވެދާނެއެވެ. ނަމަވެސް ހާސް ނުވާށެވެ! "ހޮޓަލުގެ ވެރިޔާއަށް" ތިބާ ފެނިވޮޑިގެންފައެވެ. އެއީ ހެއްދެވި ފަރާތެވެ. ތިބާއަށް މަލާމަތް ކުރަމުން ދިޔަ މީހުން ކަމުން ދިޔަ ކަހަލަ އާދައިގެ ކާއެއްޗެހި ތިބާއަށް ކާން ދޭކަށް އެ ކަލާނގެ ބޭނުންވެވޮޑިގެން ނުވެދާނެއެވެ. ތިބާ ގިނައިރު މަޑުކުރަން ޖެހިފައިވަނީ ތިބާއަށް ލިބެން އުޅެނީ ހާއްސަ ކެއުމަކަށް ވާތީއެވެ. އެ ފަދަ ކާއެއްޗެއް ތައްޔާރުކުރަން ބައެއް ފަހަރު ވަގުތު ވެސް ނަގައިފާނެއެވެ.

ތިބާގެ ކެއުން އަންނަންދެން މަޑުކޮށްލާށެވެ. އަރާމުކޮށްލާށެވެ. އެ ކެއުން އައުމާއެކު ތިބާއަށް މަލާމާތްކުރާ ގްރޫޕްގެ އަޑު ކެނޑިދާނެއެވެ.