Support Us

ޖުޑީޝަރީން ކުށުގެ ރެކޯޑު ސާފުކުރުން ލަސްވެގެން ގައުމީ އިނާމަށް ނަން ހުށަނޭޅި ހާސްކަމުގެ ތެރެއަށް

މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިއަދު މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ. ނަމަވެސް ގިނަ ބަޔަކު ހާސްވެ ކަންބޮޑުވެގެން އުޅެނީ، އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމުުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ)ގެ ދިއުޅި ދިގުކަމުންނެވެ.

"ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ޑީ.ޖޭ.އޭއަށް މެއިލް ފޮނުވިތާ މިހާރު ބަރާބަރު ދެ ހަފުތާވީ. އަދި ހަބަރެއް ވީކީ ނޫން. ލަސްވާތީ ހަބަރެއް ހޯދާލަން ގުޅުމުން އެތަނުން ފޯނެއް ނަގަނީކީ ނޫން. މެއިލް ކުރިޔަސް ޖަވާބެއް ދެނީކީ ނޫން. ގުޅޭނެ މީހަކު ހުރީކީ ކޫން. އެތާ އުޅޭ މީހަކު ދަންނަ މީހަކު ހުރީކީ ނޫން،" ގައުމީ އިނާމަށް މިއަހަރު ނަން ހުށަހެޅުމަށް އެހެން ހުރިހައި ލިޔެކިއުންތަކެއް ތައްޔާރުކޮށްގެން ހުރި އަލީ ބުންޏެވެ. ކަމުގެ ބާވަތުން އޭނާގެ ފުރިހަމަ ނަން ނޫހުގައި ޖަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ޕޮލިސް ރެކޯޑު ވެސް 24 ގަޑިއިރު ތެރޭގައި ލިބިއްޖެ. މީރާ އިން ދޭ ޓެކްސް ކްލިއަރެންސް ރިޕޯޓު ވެސް ހަމަ އެހާ އަވަސް. ހުރިހާ ވެސް މައްސަލައަކީ ޖުޑީޝަރީ ރެކޯޑު. ހަމަ އެންމެ ކުރީގެ ސިސްޓަމަށް ހިނގާ ތަނެއް އެއީ."

އިޖުތިމާއީ ދާއިރާއަކުން ގައުމީ އިނާމަށް ނަން ހުށަހަޅަން ތައްޔާރުވެފައި ހުރި މަރީ ވެސް ހުރީ ޑީ.ޖޭ.އޭ އިން ދޭ ކުށާއި ދަރަނީގެ ރެކޯޑު ނުލިބިގެން ހާސްވެފައެވެ. އޭނާ ވެސް އެކަމާ އުޅޭތާ ދޮޅަހަކަށް ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް ރެކޯޑު ސާފުކުރަން އެތައް ބަޔަކު އެއްފަހަރާ ފޮނުވުމުން އެކަން ކުރުމުގައި ޑީ.ޖޭ.އޭ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް، ޖުޑީޝަލް ދާއިރާގައި ކުރިން މަސައްކަތް ކުރި، ނޫހުގައި ފުރިހަމަ ނަން ޖަހަން ބޭނުންނުވާ މަރީ ގަބޫލްކުރެއެވެ.

"މީހާގެ މުޅި އުމުރުގެ ކުށާއި ދަރަނީގެ ރެކޯޑު، ރާއްޖޭގެ ހުރިހައި ކޯޓަކުން ސާފުކުރަންޖެހޭ. ހުރިހައި ކޯޓެކޭ މި ބުނަނީ ސުޕްރީމް ކޯޓުން ފެށިގެން މާލޭގެ ހުރިހައި ކޯޓުތަކާއި ރަށްރަށުގައި ހުރި ހުރިހައި ކޯޓެއް. އެއީ ޖުމްލަ 202 ކޯޓު. ތަރައްގީގެ ޒަމާނޭ ކިޔަސް، ޑީ.ޖޭ.އޭ ނެޓްވޯކު ތެރެއިން، އެންމެ ފިތަކަށް އޮބާލީމާ އެ މައުލޫމާތު ފެންނަ ގޮތަކަށް ނޫން ހުންނަނީކީ. ހުރިހައި ކޯޓަކަށް ލިޔެގެން އެ މައުލޫމާތު ޑީ.ޖޭ.އޭ އިން ހޯދަނީ،" މަރީ މިއަދު ބުންޏެވެ. "ޑީ.ޖޭ.އޭ އަދިވެސް ހިނގަނީ ހަމަ އެންމެ މުސްކުޅި ގޮތަށް."

މަރީ ބުނީ ގައުމީ އިނާމަށް ހުށަހެޅުމަށް ދުއިސައްތައަށް ވުރެ ގިނަ މީހުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ޑީ.ޖޭ.އޭ އަށް ހުށަހަޅައިފައިވާ ކަމުގެ މައުލޫމާތު އޭނާ އަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ޑީ.ޖޭ.އޭގެ ބަހެއް، އެތަނުން ފޯނު ނުނަގާތީ ނުލިބެއެވެ.

"މި ކަހަލަ ލިޔުމެއް ގަޑިއަށް ނުލިބުނަސް، އެޕްލިކޭޝަން ބަލައިގަންނަ ގޮތަށް ގައުމީ އިނާމާ ބެހޭ ގަވައިދު ވެސް ރައީސް އޮފީހުން ބަދަލު ކުރަންޖެހޭ. ލިޔުން ލިބުނީމާ ހުށަހަޅާ ގޮތަށް އޮތީމާ ނިމުނީ. އަނެއްކާ އެ ހުރިހައި ލިޔުމަކީ ދައުލަތުގެ ތެރޭގައި ހުރި ލިޔުންތައް. ރައީސް އޮފީހުން ބޭނުންވެއްޖިއްޔާ ހޯދޭނެ ކޮންމެ އިރަކު ވެސް. އާންމު މީހަކަށް މިކަން ކުރަން އުނދަގޫވެގެން މި އުޅެނީ،" ކުރިން ވާހަކަ ދެއްކި އަލީ ބުންޏެވެ. "އިނާމަށް ޝޯޓްލިސްޓް ވީމާ އެ ލިޔުންތައް ހުށަހަޅާ ގޮތަށް އޮންނަ ނަމަވެސް ތަންކޮޅެއް ފަސޭހަވާނެ. އޭރުން އެންމެންގެ ރެކޯޑު ސާފުކުރާކަށް ވެސް ނުޖެހޭނެ. މުވައްސަސާތަކުން ބޭކާރު ވަގުތުތަކެއް ވެސް ނުދާނެ."

ގައުމީ އިނާމަށް ނަން ހުށަހެޅި، މީޑިއާ ދާއިރާގެ މީހަކު ބުނީ އޭނާ އަށް ޑީ.ޖޭ.އޭގެ ލިޔުން ލިބުނީ، އިނާމަށް ހުޅުވާލުމާއެކު، ޑީ.ޖޭ.އޭ އަށް މެއިލްކޮށްގެން ކަމަށެވެ.

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށްފަހު ޑީ.ޖޭ.އޭ އިން ދޫކޮށްފައިވާ ހަތް ސަފުހާގެ ރިޕޯޓުގެ ބައެއް ސަފުހާތައް

"އުމުރުން 18 އަހަރުން ފެށިގެން މިހާތަނަށް ކުށާއި ދަރަނީގެ ރެކޯޑު ލިބިފައި އޮތީ. އެއްވެސް ކުށެއް ނެތް، ހަތް ސަފުހާގެ ރިޕޯޓެއް އެއީ،" އުމުރުން 52 އަހަރުގެ އޭނާ ބުންޏެވެ. އެހެންވެ އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ.

ޑީ.ޖޭ.އޭ އިން ދޫކުރާ ކުށާއި ދަރަނީގެ ރެކޯޑަކީ ގައުމީ އިނާމަށް ނަން ހުށަހަޅާއިރު ކޮންމެހެން ވެސް އެއްހީރަސް ކުރަންޖެހޭ ލިޔުމެކެވެ. އެ ލިޔުން ނެތި ޕޯޓަލުން އެޕްލިކޭޝަން ގަބޫލެއް ވެސް ނުކުރެއެވެ. އެހެން ހުރިހައި ލިޔުމެއް ލިބުނަސް، މިއަދު މެންދުރު ދޭއްޖަހާއިރު ސުންގަޑި ހަމަވާއިރު ޖުޑީޝަރީގެ ލިޔުން ނެތް ނަމަ، މިހާރުގެ ގަވައިދު އޮތް ގޮތުން، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެ ލިޔުން ޑީޖޭއީއިން ނުލިބިގެން ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ވެސް ބައެއް މީހުނަށް މިއަހަރު އެޕްލިކޭޝަން ހުށަނޭޅުނު ކަމަށް އެނގިފައިވޭ. މިކަހަލަ ކަންކަމަށް ރައީސް އޮފީހުން މިއަހަރު ދީފައިވާ މުއްދަތު ވެސް ކުރުކަމަށް ފެނޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *