Support Us

އެއް މަސް ވަންދެން މެކްޑޮނަލްޑުން ކޭ މީހާ މަރުވެއްޖެ

އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް މެކްޑޮނަލްޑްގެ ރެސްޓޯރަންޓްތަކުން ވިއްކާ "ފާސްޓް ފުޑް" ކެއުންތަކުގެ ގެއްލުންތައް ދައްކަން ވެގެން އެއް މަސް ދުވަސް ވަންދެން ހަމައެކަނި މެކްޑޮނަލްޑުން ކައި އުޅުނު މޯގަން ސްޕާލޮކް މަރުވެއްޖެއެވެ.

ޝަރަފުވެރި އޮސްކާ އިނާމުގެ އެންމެ މޮޅު ޑޮކިއުމެންޓްރީ އެވޯޑަށް، މޯގަން 2004 ގައި އުފެއްދި ޑޮކިއުމެންޓްރީ "ސުޕަ ސައިޒް މީ" ވަނީ ނޮމިނޭޓްވެފައެވެ. މި ޑޮކިއުމެންޓްރީގައި މެކްޑޮނަލްޑްގެ ޗިޕްސް ނުވަތަ ފްރެންޗް ފްރައިޒް ފަދަ ތަކެތީގެ ގޮތް ނޭނގޭ "އަނދިރި ފަރާތް" ވަނީ ދައްކައިފައެވެ. އަދި އެތައް ގައުމެއްގައި ހުޅުވައިފައިވާ މެކްޑޮނަލްޑް އައުޓްލެޓްތަކުން ވަނީ މި ޑޮކިއުމެންޓްރީ ބެލި އެތައް މިލިއަން މީހުންގެ ނަފުރަތު ރައްދުވުމުން ސުޕަ ސައިޒް ކެއުން ވިއްކުން ވަނީ ހުއްޓާލައިފައެވެ.

އުމުރުން 53 އަހަރުގައި، މި ދިޔަ ބުރާސްފަތި ދުވަހު މަރުވި މޯގަން މި ޑޮކިއުމެންޓްރީ ހެދުމަށް ސުޕަ ސައިޒް ވިއްކާ މެކްޑޮނަލްޑް އައުޓްލެޓެއް ނަމަ އޭނާ އޯޑަރު ކުރަނީ އެ ކެއުމަށެވެ. އަދި އެ ގޮތުން ދުވާލަކު ހަށިގަނޑަށް 5،000 ކެލަރީ ލިއްބައިދީ، އެމެރިކާގެ އާއްމު ރައްޔިތުން ކަސްރަތު ކުރާ މިންވަރަށް އޭނާ ވަނީ ކަސްރަތު މަދުކޮށްލައިފައެވެ.

މޯގަން މަރުވީ ކެންސަރު ބަލީގައި އެމެރިކާގެ ނިއު ޔޯކްގައި ކަމަށް އޭނާ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"މޯގަން ވަނީ އޭނާގެ ހުނަރާއި ހިޔާލުތަކާއި އަދި ހިތްހެޔޮކަމުން އަހަރެމެން އެންމެންނަށް އޯގާތެރިކަން ދައްކުވައިދީފައި،" މޯގަންގެ އެއްބަނޑު އެއްބަފާ ކްރެއިގް ސްޕާލޮކް ބުންޏެވެ.

އޭނާ ބުނީ ދުނިޔެއަށް މި ގެއްލުނީ "ވިސްނުންތެރި އުފެއްދުންތެރިއެއް" ކަމަށާއި "ހާއްސަ މީހެއް" ކަމަށެވެ.

"އޭނާ އާއެކު އަހަރެންނަށް މަސައްކަތް ކުރަން ފުރުސަތު ލިބުމުން ފަހަރުވެރިވަން،" ކްރެއިގް ބުންޏެވެ.

"ސުޕަ ސައިޒް މީ"ގައި މޯގަން ވަނީ އެއް މަސް ވަންދެން ހަމައެކަނި މެކްޑޮނަލްގެ ކެއުންތައް ކައިފައެވެ. ބޭނުމަކީ އެމެރިކާ މީހުން ފަލަވުމުގެ މައްސަލައިގެ ހަގީގަތް ހޯދުމެވެ. މޯގަން ބުނީ އޭނާ ކުރި އެއް މަސް ދުވަހުގެ "ތަހުލީލު"ގެ ނަތީޖާއަކީ ހަށިގަނޑުގެ ބަރުދަން 11.3 ކިލޯއިން އިތުރުވުމާއި ނަފުސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަން އާ ކުރިމަތިލާން ޖެހުމާއި އޭނާގެ މޭ ރަނގަޅަށް މަސައްކަތް ނުކުރުން ކަމަށެވެ.

މި ޑޮކިއުމެންޓްރީއަށް 22 މިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ލިބުނަސް މޯގަން މެކްޑޮނަލްޑުން ކެއުމުގެ ރެކޯޑުތައް އާއްމު ނުކުރުމުން ބައެއް މީހުން ވަނީ ހިތްހަމަނުޖެހިފައެވެ.

މި ކަން މިހެން އޮއްވާ 2017 ގައި މޯގަން ބުނީ އޭނާ ބަނގުރަލަށް ދެވިހިފައިވާ ކަމަށެވެ. ޑޮކިއުމެންޓްރީ ހަދާ އެހެން ފަރާތްތަކުން ބުނީ މޯގަންގެ މެއަށާއި ނަފުސާނީ ބަލިމަޑުކަމަށް ބަނގުރަލުން އަސަރު ކޮށްފައިވުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *