ޣައްޒާގެ އުތުރު ސަރަހައްދެއް ކަމަށްވާ ޖަބަލިއާ އާއި ޣައްޒާގެ ސަހަރެއް ކަމަށްވާ ރަފާހްގައި ފަލަސްތީނުގެ ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި އިސްރާއީލުގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފަށައިފިއެވެ.
މި ކަމާ ގުޅިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 82 ފަލަސްތީނު ރައްޔިތުން އިސްރާއީލު ސިފައިން ޝަހީދުކޮށްލައިފައެވެ. މިއީ މި ފަހަކަށް އައިސް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލި ފަހަރެވެ. މި ގޮތަށް މި ދިމާވީ ކެނޑިނޭޅި ވައިގެ ހަމަލާތައް އިސްރާއީލު ސިފައިން ދެމުންދާތީއެވެ.
ނޫސް ރިޕޯޓްތަކުން ބުނާ ގޮތުގައި ޖަބަލިއާ އާއި ދެކުނު ރަފަހްގައި އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ފަރާތްތަކުގެ ދެމެދުގައި ބަޑީގެ ހަމަލާތައް ވަނީ ވަރުގަދަވެފައެވެ.
ރަފަހުން މިހާރު ވަނީ ފަލަސްތީނުގެ 550،000 އާއްމު ރައްޔިތުން ފައިބައިފައެވެ. މިހެންވެ ރަފަހްގެ މެދުތެރޭ ސަރަހައްދު މިހާރު ވެފައިވަނީ "ފަޅު ތަނަކަށް" ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ފަރާތްތަކުން ބުނީ މިއީ ދެވަނަ "ނަކްބާ"އެއް ކަމަށެވެ. މާނައަކީ އިސްރާއީލު އުފެއްދިއިރު ފަލަސްތީނުގެ 750،000 ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށްލުމާއި ހަނގުރާމަވެރި ހަތިޔާރު އެޅި ޔަހޫދީންގެ ހަމަލާތަކުން ސަލާމަތްވުމަށް ފަލަސްތީނު ރައްޔިތުން ގެދޮރު ދޫކޮށް ދާންޖެހުމެވެ. ކަންދިމާކުރި ގޮތުން އިއްޔެއަކީ އިސްރާއީލުގެ 76 ވަނަ "އުފަން ދުވަހެ"ވެ. އަދި ނަކްބާ މިއީ ނުހިނގާ ކަމެއް ކަމަށް ދުނިޔެއަށް ދައްކަން މިހާރު ވެސް އިސްރާއީލު ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.
އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ވަޒީރުން ސަރުކާރަށް ގޮވާލަމުންދަނީ ޣައްޒާއަށް އިސްރާއީލު ސިފައިން އަނެއްކާވެސް އެރުމަށެވެ. އެ ގޮތުން ފަލަސްތީނުގެ ބިންތަކުގައި ގެދޮރު އަޅައިގެން ދިރިއުޅުމަށް ޔަހޫދީންގެ އާއްމު ރައްޔިތުންނަށް ދަނީ ގޮވާލަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާ ސުންނާފަތި ކުރުމުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 35،173 އަށް އަރައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު މިހާރު ހުރީ 79،061 ގައެވެ.
ހަމާސްގެ ހަމަލާގައި މަރުވީ 1،139 ޔަހޫދީންނެވެ. އަދި 100 އަށްވުރެ ގިނަ ޔަހޫދީން މިހާރު ވެސް ރަހީނުކޮށްފައި އެބަތިއްބެވެ.
ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް ކުރި ހުރިހާ މަޝްވަރާތަކެއް ވަނީ ފޭލިވެފައެވެ. އެމެރިކާ އާއި މިސްރާއި ގަތަރު މެދުވެރިވެގެން ކުރިއަށް ގެންދިޔަ މި މަޝްވަރާތައް ފޭލިވި ކަމަށް ބެލެވެނީ އިސްރާއީލުގެ ގޮތް ދޫ ނުކުރުމުންނެވެ.
"އެއް ފަރާތުން (ހަމާސްއިން) ބޭނުންވަނީ ފަލަސްތީނުގެ ހުރިހާ ގައިދީން އިސްރާއީލުން މިނިވަންކޮށް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލަން. ނަމަވެސް އަނެއް ފަރާތުން (އިސްރާއީލުން) ބޭނުންވަނީ ހުރިހާ ރަހީނުން ދޫކޮށްލުމުން ވެސް ހަނގުރާމަ ކުރިއަށް ގެންދަން،" އިސްރާއީލާ ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރި ޑެލިގޭޝަންތަކުގެ މެންބަރެއް ވިދާޅުވިއެވެ.



advertisment