އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންގުޅުއްވާ އުމުރުން ދެ އަހަރުގެ "ޖާމަން ޝެފަޑް"ގެ ބާވަތުގެ ޕެޓް ކުއްތާ، ބައިޑަންގެ ބޮޑީގާޑުންގެ ތެރޭގައި ހިމެނޭ ޖާސޫސީ 24 މީހެއްގެ ގައިގައި ދަތްއަޅައިފި ކަމަށް ސައުތު ޑަކޮޓާ ސްޓޭޓްގެ ގަވަރުނަރު ކްރިސްޓީ ނޮއަމް ވިދާޅުވެއްޖެއެވެ.
އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިން މޭޓަކަށް ވުމުގެ ފުރުސަތު ވެސް ބޮޑު އުމުރުން 52 އަހަރުގެ ކްރިސްޓީ ވިދާޅުވީ "ކޮމާންޑާ"ގެ ނަން ދީފައިވާ "އެ ކުއްތާ ޖެހޭނީ މަރާލަން" ކަމަށެވެ.
ކުއްތާ ގެންގުޅުމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވީ ޖާމަން ޝެފަޑް ކުއްތާ އެ ސޮރު ޅަ އިރު "އިޖުތިމާއީ ގުޅުންތައް ދަސްކޮށް ނުދީފި ނަމަ" އިންސާނުންނަށާއި އެހެން ޖަނަވާރުންނަށް ވެސް ހަމަލާ ދޭނެ ކަމަށެވެ. ރަސްމީ ފަރާތްތަކުން ބުނީ ކޮމާންޑާ ދަތްއެޅީ 11 ބޮޑީގާޑުންގެ ގައިގައި ކަމަށާއި މިހެންވެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އެ ސޮރު މިހާރު ނުގެންގުޅޭ ކަމަށާއި އެ ސޮރު މިހާރު ވަނީ ބައިޑަންގެ އާއިލާ އުޅޭ ގެއަށް ފޮނުވާލާފައި ކަމަށެވެ.
ކޮމާންޑާ ވައިޓް ހައުސްއަށް ބައިޑަން ގެންދެވީ 2021 ވަނަ އަހަރު އެ ސޮރުގެ ވަރަށް ޅަ އުމުރުގައެވެ. އަދި ހަލަބޮލި އެ ގަނޑުވަރުގައި ކޮމާންޑާ ހޭދަކުރީ ވަރަށް ނުތަނަވަސް ދިރިއުޅުމެއް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ކްރިސްޓީ ވިދާޅުވީ ޚުދު އޭނާ ވެސް ޅަ ކުއްތާއެއް ގެންގުޅުއްވި ކަމަށެވެ. އަދި "ވަރަށް ގިނަ ބޮޑީގާޑުންގެ ގައިގައި ދަތްއެޅުމުން" އެ ކުއްތާ މަރާލާފައިވާ ކަމަށެވެ.
ބައިޑަންގެ މީޑިއާ ތަރުޖަމާނު ކަރީން ޖީން-ޕިއޭ ވިދާޅުވީ ކްރިސްޓީގެ ގޮވާލުމަކީ "ނުތަނަވަސްކަން ގެނުވި" ގޮވާލުމެއް ކަމަށެވެ.
"ކްރިސްޓީ ވިދާޅުވީ ވަރަށް ހަމަނުޖެހޭ ވާހަކައެއް. މިއީ ކުއްތާ ދެކެ ލޯބިވާ ގައުމެއް. ނަމަވެސް މި ފެންނަނީ ކުއްތާ މަރަން ޖެހޭނެ ކަމަށް ބުނާ ޒާތުގެ ލީޑަރުން،" ކަރީން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކްރިސްޓީ މި ޒާތުގެ ވާހަކަތައް ދެއްކެވުން ވާނީ "ކްރިސްޓީ އަމިއްލައަށް ކޮންނަ ސިޔާސީ ކަށްވަޅަކަށް" ކަމަށެވެ.
ކްރިސްޓީ ނެރުއްވުމަށް ކައިރިވެފައިވާ އޭނާގެ ބަޔޮގްރަފީގައި ވިދާޅުވެފައިވަނީ ޝިކާރަ ކުރުމަށް ނުކުމެ އުޅެނިކޮށް އޭނާ ގެންގުޅުއްވި އުމުރުން 14 މަހުގެ "ކްރިކެޓް" ނަމަކަށް ކިޔާ ކުއްތާ ތަމްރީނު ނުކުރެވުމުން އެ ކުއްތާ މަރާލީ ކަމަށެވެ.
"ބައިޑަންގެ ކުއްތާ ކިތައް މީހުންގެ ގައިގައި ދަތްއަޅައި ނުރައްކާ ވާވަރުގެ ޒަހަމްތައް ދިނުމުންބާ އެ ކުއްތާ މަރާލާނީ؟ އެއީ ބައިޑަން މިހާރު އަހަން ޖެހޭ ސުވާލަކީ،" ކްރިސްޓީ ސުވާލު އުފެއްދެވިއެވެ.



advertisment