ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި މަދުވެގެން 300 މީހުން މަރުވެއްޖެ ކަމަށް އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމާއަތް ވޯލްޑް ފުޑް ޕްރޮގްރާމު (ޑަބްލިޔު.އެފް.ޕީ.)އިން މިއަދު ބުނެފިއެވެ.
އަފްޣާނިސްތާނުގެ ޕްރޮވިންސްތައް ކަމަށްވާ ބަދަކްޝާން، ގޯރު، ބަޣްލާން އަދި ހީރަތުގައި 2،000 ގެދޮރު ވެސް ނެތިގެން ގޮސްފައިވާ ކަމަށް ހިޖުރަ ކުރުމާ ބެހޭ ބައިނަލްއަގުވާމީ ޖަމާއަތް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަނުން ބުންޏެވެ.
"ބަޣްލާންގައި 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ. އަދި 1،000 ގެދޮރު ވެސް ނެތިގެން ހިނގައްޖެ،" ޑަބްލިޔު.އެފް.ޕީ.އިން އެކްސްގައި ބުންޏެވެ.
އެ ޖަމާއަތުން ބުނީ މިއީ ވޭތުވެދިޔަ ހަފުތާތަކުގައި ވެހުނު އާދަޔާ ހިލާފު ބޯ ވާރޭގެ ސަބަބުން ވީ ކަމެއް ކަމަށާއި ސަލާމަތް ވި މީހުންނަށް ކުއްލި ހާލަތުގައި ދޭ "ފޯޓިފައިޑް" ބިސްކޯދު ފޯރުކޮށްދީފައިވާ ކަމަށެވެ.
މީހުން ސަލާމަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައި.އާރް.ސީ.)އިން ބުނީ ފެންބޮޑުވެފައިވާ ހަތް ޕްރޮވިންސްއަށް ކުއްލި އެހީ ދޭން ތައްޔާރު ވަނީ ކަމަށާއި އެކިއެކި ބޭނުންތަކާއި ހިދުމަތްތައް ނުލިބިފައިވާ އެތައް ހާސް މީހުން އެބަތިބި ކަމަށެވެ.
"މިހާރު ކުރިމަތިވެގެން މިއުޅޭ ފެންބޮޑުވުމަކީ އަފްޣާނިސްތަނަށް ދިމާވެފައިވާ ބޮޑު އިންސާނީ ކުއްލި ހާލަތުގެ ކާރިސާއެއް. މި އަހަރު ކުރީކޮޅު އައި ބިންހެލުންތަކާއި މާރިޗު މަހު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއިން އަދިވެސް އަރައިނުގަނެވޭ،" އައި.އާރް.ސީ.ގެ އަފްޣާނިސްތާނުގެ ޑިރެކްޓަރު ސަލްމާ ބިން އައިއްސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް އާއިލާތައް އެއްކޮށް މަރުވެފައިވާ ކަމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ވެސް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ސޭވް ދަ ޗިލްރަން ޖަމިއްޔާއިން ބުނީ ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ 600،000 މީހުންގެ ތެރެއިން ދެބައިކުޅައެއްބަޔަށް ވުރެ ގިނައީ ކުޑަކުދިން ކަމަށެވެ. އަދި މިހެންވެ ސިއްހީ އެހީ ފޯރުކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް އެ ޖަމިއްޔާގެ ޓީމުތަކެއް ފޮނުވަން އުޅޭ ކަމަށެވެ.
އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ތޯލިބާން ޖަމާއަތުން ބުނީ "ހިތާމަވެރި އަދަދަކަށް މީހުން މަރުވެފައިވާ" ކަމަށެވެ.
"އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ. އަދި ގިނަ އަދަދަކަށް މީހުން ޒަހަމް ވެސް ވެއްޖެ. ގެދޮރާއި މުދަލަށް ވެސް އެތައް ގެއްލުމެއް ލިބިއްޖެ. މިއީ މާލީ ގޮތުން ވެސް ކުރިމަތިވި ބޮޑު ގެއްލުމެއް،" އަފްޣާން ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ޒަބީހުﷲ މުޖާހިދު އެކްސްގައި އިއްޔެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަންތަނުން ބޭރަށް ނުދެވި ތާށިވެފައިވާ މީހުންނަށް އެހީވުމަށާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހޯދައި އެއްކުރުމަށާއި ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ދާހިލީ ވުޒާރާ އާއި ކާރިސާތަކުގައި މަސައްކަތް ކުރާ އިދާރާ އާއި އެހެނިހެން އޮފިޝަލުންގެ އެހީ ހޯދަމުން އަންނަ ކަމަށެވެ.
އަފްޣާނިސްތާނަށް މި ދިމާވި ފެންބޮޑުވުމުގެ ހާދިސާއަކީ މި ފަހަކަށް އައިސް އެ ސަރަހައްދަށް ކުރިމަތިވި ގުދުރަތީ ހާދިސާތަކަށް އިތުރުވި ބޮޅެކެވެ. އެ ގޮތުން މިދިޔަ މަހު މޫސުމަށް ދިމާވި ގޮތް ނޭނގޭ ހާލަތެއްގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނާއި ޕާކިސްތާނާއެކު ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި 600 އަށްވުރެ ގިނަ ނާމުސޫފި ވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި މަހު އަފްޣާނިސްތާނުގައި ފެންބޮޑުވިއެވެ. އެއީ އެތައް ހާސް ބަޔަކު މަރުވި ރިކްޓަރ މިންގަނޑުން 6.3 ގެ ބިންހެލުމެއް އައުމުގެ ތިން މަސް ކުރިންނެވެ.



advertisment