އިންޑިއާގެ ކެއުންތައް މަޝްހޫރުވެފައި ވަނީ އެ ތަކެއްޗަށް އެކި ބާވަތުގެ ސްޕައިސް އަޅާތީއެވެ. އެ ގޮތުން މި މަސާލާ ތެރޭގައި ދިރި، ކޮތަންބިރި އަދި ރީނދޫ ހިމެނެއެވެ.
ނަމަވެސް މި ކަހަލަ މަސާލާ ތެރޭގައި ވިހައިގެ ބާވަތެއް އެކުލެވޭ ކަމަށް ޝައްކު ކުރާނީ ކާކު ހެއްޔެވެ؟ އެކަމަކު މިހާރު ސިންގަޕޫރާއި ހޮންގް ކޮންގުން ވަނީ އިންޑިއާގެ އެމް.އެޗް.ޑީ. ކުންފުންޏާއި އެވަރެސްޓް ފުޑް ޕްރޮޑަކްޓްސްގެ މަސާލާ މަނާކޮށްފައެވެ. ސަބަބަކީ މެޑްރާސް ކަރީ ޕައުޑަރ، ސަމްބަރު މަސާލާ ޕައުޑަރ އަދި ކަރީ ޕައުޑަރގައި ވިހަ ކެމިކަލެއް ހުރެގެންނެވެ. އޭގައި ހުރީ ދަނޑުތަކުގައި އުޅޭ ކޫޑި ފަދަ ސޫފިތައް ފިލުވަން ޖަހާ ޕެސްޓިސައިޑެއްގައި ހިމެނޭ ވިހަ މައްދާއެއް ކަމަށްވާ އެތިލީން އޮކްސައިޑް އެވެ.
ވެރިރަށް ދިއްލީގައި ހުރި ދެ ފެކްޓްރީއެއް ބަލައި ފާސް ކުރުމަށް ފަހު ފުލުހުން ވަނީ 15 ޓަނުގެ މަސާލާ އަތުލައިގެންފައެވެ. އޭގެ ތެރޭގައި ކޮތަންބިރި އާއި ރީނދުލާއި އެހެނިހެން ސްޕައިސްތައް ހިމެނެއެވެ.
މި ފޭކް މަސާލާ ތެރެއަށް އަޅާފައި ހުރި އެއްޗެހިތަކުގެ ތެރޭގައި ފީވެފައިވާ ގަސްގަހުގެ ފަތާއި ހަނޑުލާއި ދޮނަޅަ އާއި ކީސް ކުނޑި އާއި ފާޑުފާޑުގެ އެސިޑާއި ފެންވަރު ދެރަ ކައްކާ ތެޔޮ ހިމެނެއެވެ.
މި ތަކެތި ވިއްކަމުން ދިޔައީ ބާޒާރުގައި ހުރި އަސްލު ތަކެތި ލިބޭ އަގުތަކުގައި ކަމަށް ފުލުހުން ބުންޏެވެ.
"މި ތަކެތި އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ބެހޭ ގޮތުން ރިޕޯޓެއް ލިބުމުން ރެއިޑް ޖެހީ،" ދިއްލީގެ ފުލުހުން ބުންޏެވެ.
މި މައްސަލާގައި ތިން މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ތަހުގީގުގައި އެ މީހުން އެއްބަސްވެފައި ވަނީ ފޭކް މަސާލާ އެ މީހުން ހަދަން ފެށީ 2021 ވަނަ އަހަރު ކަމަށެވެ.



advertisment