Support Us

ހަނގުރާމަ ހުއްޓާލުމާ ބެހޭ ވާހަކަތައް ތޮޅިއަށް

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފަލަސްތީނުގެ ޣައްޒާ ސުންނާފަތިކުރަން އިސްރާއީލުން ފަށައިފައިވާ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ނުވަތަ "ސީޒްފަޔާ" އެއްބަސްވުމަކަށް އާދެވޭތޯ ބޭއްވި ވާހަކަތައް ކޮޅެއްގައި ނުޖެހި މިއަދު ނިމިއްޖެއެވެ.

އެމެރިކާ އާއި މިސްރާއި ގަތަރުން ވިލަރެސް ކުރި ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުމުން ހަމާސް އާއި އިސްރާއީލުގެ ވަފުދުތައް މިހާރު ވަނީ މިސްރުގެ ވެރިރަށް ގާހިރާ ދޫކޮށް ގޮސްފައެވެ.

"ބޯޅަ މިހާރު އޮތީ އިސްރާއީލުގެ ކޮޅުގައި،" ހަމާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިސްރުގެ ހާރިޖީ ވުޒާރާއިން ބުނީ ހަމާސް އާއި އިސްރާއީލުގެ ކުރިމަތިލުންތައް ހުއްޓުމަކަށް ގެނެވޭނީ "ދެ ފަރާތުން ވެސް ދޫދިނުމުން" ކަމަށާއި ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީންނާއި އިސްރާއީލުގައި ތިބި ފަލަސްތީނުގެ ގައިދީން "ބަދަލަށް ބަދަލެއްގެ ގޮތުން ދޫކޮށްލުން" މުހިންމު ކަމަށެވެ.

ހަމާސްއިން ބުނީ ހަމާސްއިން ބޭނުންވާ ހަތަރު ކަމެއް އެބައޮތް ކަމަށެވެ. އެއީ:

  • ޣައްޒާއިން އިސްރާއީލުގެ ހުރިހާ ސިފައިން ފޭބުން،
  • ހަނގުރާމައިގެ ސަބަބުން ގެދޮރުން ބޭރުވާން ޖެހުނު ފަލަސްތީނު ރައްޔިތުން އަލުން އަނބުރާ އެ މީހުންގެ ގެދޮރަށް އައުމަށް މަގުފަހިކޮށްދިނުން،
  • ހަމާސްއިން ޔަހޫދީ ރަހީނުން ދޫކޮށްލުމުން އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ހުރިހާ ފަލަސްތީނު ގައިދީން މިނިވަންކުރުން، އަދި
  • ވަގުތީ ސީޒްފަޔާއެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސްވުމެވެ.

ހަމާސްއިން ބުނީ އެ ޖަމާއަތުން އަބަދުވެސް އެދެމުން ދިޔައީ މި ހަތަރު ކަމަށް ކަމަށާއި ނަމަވެސް މި މައިގަނޑު ހަތަރު ނުގުތާއާ އިސްރާއީލުން ދެކޮޅުހަދާފައިވާ ކަމަށެވެ.

އިސްރާއީލުން ބުނީ ހަމާސްއިން ފުރަތަމަ ހުށަހެޅި މާއްދާ ކަމަށްވާ 12 ހަފުތާއަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުންވެގެން ދިޔައީ ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ނާދެވުނު ސަބަބެއް ކަމަށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިއަދުގެ ވަގުތެއްގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ރިޕޯޓެއް ހުށަހަޅުއްވަން ޖެހެއެވެ. އެއީ އިސްރާއީލަށް އެމެރިކާއިން ދިން ހަތިޔާރުތައް އިސްރާއީލު ސިފައިން ބޭނުން ކުރަމުންދަނީ އެމެރިކާ އާއި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށްތޯ ބަޔާންކޮށްދޭ ރިޕޯޓެކެވެ.

ހަމަ މިއަދުގެ ވަގުތެއްގައި އދ.ގެ އާއްމު މަޖިލީހުން ވަނީ ފަލަސްތީނަށް މުޅިން އާ "ހައްގުތަކެއް" ހޯދައިދޭ ގަރާރެއް ފާސް ކުރުމަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި އެމެރިކާއިން ކުރިން "ނޫން" ނުވަތަ "ވީޓޯ" ކުރި ހުށަހެޅުން ހިމެނެއެވެ. އެއީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދޭ ހުށަހެޅުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *