Support Us

ސިކުނޑީގެ ބައެއް ފަނި ކެއީ ކަމަށް ރޮބަޓް ކެނެޑީ ވިދާޅުވެއްޖެ

އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރޮބަޓް ކެނެޑީ ރައްޔިތުން ހައިރާންވާ ކަހަލަ ވާހަކައެއް ދައްކަވާފައިވާކަން ހާމަވެއްޖެއެވެ. އަވަހާރަކޮށްލާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯން ކެނެޑީއަށް ބޮޑުބޭބެ ވިދާޅުވާ ރޮބަޓް ވިދާޅުވެފައި ވަނީ އޭނާގެ ސިކުނޑިން ބައެއް ވަނީ ފަންޏެއް ކާލައިފައި ކަމަށާއި ނަމަވެސް މިހާރު އެ ފަނި މަރުވެފައިވާ ކަމަށެވެ.

ރޮބަޓް ވިދާޅުވެފައި ވަނީ ހަނދާން ނެތުމާއި ކަންތައްތަކަށް ސަމާލުކަން ނުދެވޭތީ ނާރުތަކާ ބެހޭ ޑޮކްޓަރުންނަށް ދެއްކެވި ކަމަށާއި ސިކުނޑި ސްކޭން ކުރުމުން "ކަޅު ކުލައިގެ ތަންކޮޅެއް" ސިކުނޑިން ފެނުނު ކަމަށެވެ. ގިނަ ޑޮކްޓަރުން ވިދާޅުވީ އެއީ ޓިއުމަރެއް ކަމަށް ވިޔަސް އެހެން ޑޮކްޓަރަކު ވިދާޅުވީ އެއީ މަރުވެފައިވާ ސުއިއްޕެއް ކަމަށްވެއެވެ.

ދަ ނިއު ޔޯކް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިވަން ކެންޑިޑޭޓެއްގެ ގޮތަށް ކުރިމަތިލައްވާ އުމުރުން 70 އަހަރުގެ ރޮބަޓް މި ވާހަކަ ފުރަތަމަ ދެއްކެވީ 2012 ގައި ކަމަށް ވިޔަސް، ރޮބަޓް މިހެން ވިދާޅުވި ކަމަށް ފެންމަތިވީ އަދި ކިރިޔާ ކަމަށެވެ. އެ ގޮތުން މި ވާހަކަ އޭނާ ފުރަތަމަ ހާމަ ކުރެއްވީ އޭނާގެ ދެވަނަ އަނބިމީހާ މޭރީ ރިޗަޑްސަންގެ ގާތުން ވަރިވުމުގެ ކޯޓު މަރުހަލާގައި ކަމަށްވެއެވެ. ސިކުނޑިއަށް މި މައްސަލަ ދިމާވުމުން މަސައްކަތް ކުރުމަށް ބުރޫއެރި ކަމަށާއި އާމްދަނީ ހޯދުމަށް ހުރަސް އެޅުނު ކަމަށް ރޮބަޓް އެއިރު ވިދާޅުވިއެވެ.

ރޮބަޓް ކުރިން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ދިރޭރަހައިން އޭނާގެ ހަށިގަނޑު ވިހަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަހަރެންނަށް ދިރޭ ރަހައިގެ ވިހައިގެ އަސަރު ކުރީ މާގިނައިން ކަޅުބިލަމަސް ކެވޭތީ،" ރޮބަޓް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސިއްހީ ސައިންސްތަކާބެހޭ ނެޝަނަލް ހެލްތު ސައިންސަސްއިން ބުނެފައިވާ ގޮތުގައި އެހެން މަސްމަހަށްވުރެ ކަޅުބިލަމަހުގައި ދިރޭރަހަ މާއްދާ ގިނައެވެ.

"އަހަރެންނަށް ވަރަށް ކަމުދާ އެއްޗެއް ކަޅުބިލަމަހުގެ ސޭންޑްވިޗްއަކީ. އަހަރެން އަބަދުވެސް އެ ކަމުން ގެންދިޔައިން،" ރޮބަޓް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ތިމާވެށި ރައްކާތެރި ކުރާ އިދާރާ، އެންވައިރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ރައްކާތެރި މިންގަނޑުތަކާ އަޅާބަލާއިރު ރޮބަޓްގެ ހަށިގަނޑުގައި ހުރި ދިރޭރަހަ 10 ގުނަ އިތުރު ކަމަށްވެއެވެ.

ކެމިސްޓްރީ ތަޖުރިބާކާރަކު ވިދާޅުވެފައިވަނީ ކަޅުބިލަމަސް އެކުލެވޭ ސޭންޑްވިޗް ރޮބަޓް ފަރިއްކުޅުއްވި މިންވަރާ އަޅާބަލައިފި ނަމަ، އޭނާގެ ހަށިގަނޑުގައި ދިރޭރަހަ ހުރި މަތީ މިންވަރާ މެދު ހައިރާން ނުވާ ކަމަށެވެ.

ރޮބަޓް ވިދާޅުވީ މި ފަދަ ކަންތައްތައް ހާމަވުމުން ސިއްހަތަށް ރަނގަޅަށް ސަމާލުކަން ދެއްވަން ފެއްޓެވި ކަމަށެވެ. އެ ގޮތުން ހަމަ ނިދި ހޯދުމަށާއި ކަޅުބިލަމަސް އެކުލެވޭ ސޭންޑްވިޗް ފަރިއްކުޅުއްވުން މަދުކޮށްލެއްވުމަށް ސަމާލުކަން ދެއްވި ކަމަށެވެ.

ރޮބަޓް ވިދާޅުވީ އޭނާގެ ކިބައިގައި ކުރިން ހުރި ހަނދާން ނެތުމުގެ ބަލި މިހާރު ރަނގަޅު ކަމަށެވެ. އަދި ކަންތައްތަކަށް ސަމާލުކަން ދެވޭ މިންވަރު ވެސް ރަނގަޅު ކަމަށެވެ. އަދި އޭނާގެ ސިކުނޑިން ބައެއް ފަނި ކައިފައިވީ ނަމަވެސް އެ ކަމަށް މިހާރު ފަރުވާ ބޭނުން ނޫން ކަމަށެވެ.

ފަނިފަކުސާއިން ކުރިމަތިވާ އިންފެކްޝަންތަކާއި ދިރޭރަހަ ވިހަވުން ފަދަ ކަންތައްތަކުން ސިކުނޑިއަށް ދާއިމީ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ނަމަވެސް ހަމައެއާކު މި ފަދަ މައްސަލަތަކުގެ އަސަރަކީ ވަގުތީ ގޮތުން ކުރިމަތިވާ ކަމެއް ކަމަށާއި ފުރިހަމަ ސިއްހަތެއް ފަހުން ލިބުމުގެ ފުރުސަތު ވެސް ވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ރޮބަޓް ވިދާޅުވެފައިވަނީ އޭނާގެ ސިކުނޑިއަށް ވަން ފަންޏަކީ ކޮން ބާވަތެއްގެ ފަންޏެއްކަން ނޭނގޭ ކަމަށާއި އެ ފަނި ސިކުނޑިއަށް ވަނީ ކިހިނެތްކަން ވެސް ނޭނގޭ ކަމަށެވެ.

ދަ ނިއު ޔޯކް ޓައިމްސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޮބަޓް ދެއްކެވި ވާހަކައިން ދޭހަވަނީ އޭނާގެ ހަށިގަނޑަށް ވަނީ އޫރު މަހުގައި ދިރިއުޅޭ "ޓޭޕްވޯމް" ބާވަތުގެ ފަންޏެކެވެ.

އެމެރިކާގައި މިހާރު ނަގަމުން އަންނަ ހިޔާލު ހޯދުމުގެ ޕޯލުން ދައްކާ ގޮތުގައި ރައީސް ކަމަށް ވަޑައިގަތުމުގެ 10 ޕަސެންޓް ފުރުސަތު ރޮބަޓްއަށް ލިބިވަޑައިގަންނަވައެވެ. ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ 41 ޕަސެންޓްގައި ކަމަށްވާއިރު މިހާރުގެ ރައީސް ޖޯ ބައިޑަން އުޅުއްވަނީ 40 ޕަސެންޓްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *