Support Us

އިސްރާއީލު ސިފައިން ރަފަހަށް އަރައި، ބޭރު ދުނިޔެއާ ޣައްޒާ އެކަހެރިކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގެ ސިޓީއެއް ކަމަށްވާ ރަފަހަށް އެއްގަމު މަގުން އިސްރާއީލު ސިފައިން އަރައި، މިސްރުގެ އިމާ ގުޅޭ ރަފަހްގެ ފަޅިން ރަފަހް ބަންދުކޮށްލުމުން ފަލަސްތީނު މިއަދު ވަނީ މުޅި ދުނިޔެއާ އެކަހެރިކޮށްލައިފައެވެ.

އެމެރިކާއިން ބުނީ އެމެރިކާގެ ސިޔާސަތަކީ އަދިވެސް އިސްރާއީލާ ހަމާސްއިން "ސީޒްފަޔާ" ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދޭތޯ މަސައްކަތް ކުރުން ކަމަށެވެ.

އިސްރާއީލުން ބުނީ މިއީ ހަމާސް އެކީއެކައްޗަކަށް ނައްތާލުމަށް ހިންގާނެ އެންމެ ފަހު އޮޕަރޭޝަން ކަމަށާއި އިސްރާއީލު ގައުމެއްގެ ގޮތުގައި ދެމިހުރުމަށް ހަމާސް ނައްތާލުމަކީ ކޮންމެހެން ކުރަން "މަޖުބޫރު" ކަމެއް ކަމަށެވެ.

އދ. އާއި ޔޫރަޕްގެ އިއްތިހާދާއި އެހީ ދޭ ޖަމާއަތްތަކުން ބުނީ ރަފަހްގެ އޮޕަރޭޝަން އިސްރާއީލު ސިފައިން ކުރިއަށް ގެންގޮސްފި ނަމަ އަނެއްކާވެސް "އިންސާނީ ކާރިސާއެއް" ހިނގާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދީ 1،200 ޔަހޫދީން މަރާލުމުން، ހަމްސްއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައި މިހާރު ވަނީ 34،000 އަށްވުރެ ގިނަ ފަލަސްތީނު އާއްމު ރައްޔިތުން ޝަހީދުކޮށްލައިފައެވެ.

ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން އިސްރާއީލުން އެއްގަމު މަގުން ރަފަހް ހިފަން އިއްޔެ ފެށި އޮޕަރޭޝަންގައި އިއްޔެ އެކަނި ވެސް އެތައް ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން ރަފަހްގައި ހިމާޔަތް ހޯދައިގެން ތިބި 1.5 މިލިއަން ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 100،000 މީހުން ރަފަހް ދޫކޮށް ދިއުމަށް އިސްރާއިލުން ވަނީ އަންގައިފައެވެ.

އިސްރާއީލުން ރަފަހް އާއި މިސްރު ގެޅޭ އިން ރަފަހްގެ ފަޅިން އިއްޔެ ހިފުމާ ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތައް ވަނީ މެދުކެނޑިފައެވެ. އެ ގޮތުން ކާބޯތަކެއްޗާއި ބޭހާއި އަދި ސިއްހީ މަރުކަޒުތައް ހިންގަން ކަރަންޓް އުފައްދައިދޭ އިންޖީނުތަކަށް ބޭނުންވާ ތެޔޮ ފަލަސްތީނަށް ފޯރުވުމަށް މިހާރު ވަނީ ހުރަސްއެޅިފައެވެ.

"ރަފަހް އެއްކޮށް ހިފައިފި ނަމަ އެ ކަން ވެގެން ދާނީ އަސްކަރީ، ސިޔާސީ އަދި އިންސާނީ ބޮޑު ކާރިސާއަކަށް،" އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވިދާޅުވިއެވެ.

އދ.ގެ އޮފިޝަލުން ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ ސާފު ފެން ފޯރުކޮށްދޭނެ ޕަމްޕްތައް ހިންގަން ބޭނުންވާ ތެލާއި މުވާސަލާތީ ހިދުމަތްތަކާއި އެހެނިހެން އިންސާނީ އެހީތައް ފޯރުކޮށްދޭނެ ހުރިހާ މަގެއް މިއަދު ވަނީ ބަންދުވެފައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *