Support Us

ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް އަސްކަރީ ބަޣާވާތަކަށް ޖާބިރު ގޮވާލައްވައިފި

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަން މެނޭޖްކުރުމުގެ ތެރޭގައި ސަރުކާރުގެ އިސް ވެރިން ވައްކަން ކޮށް، ނާޖާއިޒު ފައިދާ ނަގައިފި ކަމަށާއި އެހެންވެ، އަސްކަރިއްޔާ އިން ނުކުމެ، ސަރުކާރުގެ އިސްވެރިން ހައްޔަރުކުރުމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ޑީއާރްޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްވެރިން އޮޅުވާލައިގެން ނާޖާއިޒު ފައިދާ ނަންގަވާފައި ވާތީ ވަގުތުން ވަގުތަށް އަސްކަރިއްޔާ އިން އެބޭފުޅުން ހައްޔަރުކުރަންޖެހޭ ކަމަށާއި އަސްކަރިއްޔާއަށް ވެސް އޮޅުވާލައިގެން "މިތިބަ ބޮޑެތި ވަގުންތައް ވައްކަން ކުރީ ދިވެހި ރައްޔިތުން ނޭވާލާ ނިޒާމުން" ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި އަސްކަރިއްޔާ އިން ދިވެހިރާއްޖެ ދުވަސްކޮޅަކަށް ހިންގާފައި، ފްރީއެން ފެއާރ އިލެކްޝަނެއް ވަގްތުން ބާއްވާށޭ. ޖެނެރަލް ޝަމާލް ތެދުވެވަޑައިގެންނަވާށޭ. ވަގްތުން ވަގްތަށް ދިވެހިރާއްޖޭގެ އަސްކަރިއްޔާ ތެދުވެވަޑައިގެންނަވާށޭ. ދިވެހި ރައްޔިތުން ބަނޑަށް ޖެހިއްޖެއްޔާ ކޮންބައެއް ޒިންމާ އުފުލަނީ؟ އަސްކަރިއްޔާއިން އުފުލާނީ. ދިފާއީ ބާރުތަކުން އުފުލާނީ،" ޖާބިރު ވިދާޅުވި އެވެ. "މި ކޮރާނާ ވައިރަސްގައި ވެސް ހުރިހާ މަސައްކަތެއް ކުރީ ދިފާއީ ބާރުތަކުން. ވައްކަންކުރީ އެހެން ބައެއް."

ޖާބިރު އަދި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަސްކަރީ ޔުނީފޯމެއް ލައްވައި، އަދި ކެބިނެޓަށް ވެސް އަސްކަރިއްޔާގެ ބޭފުޅުން އިސްކުރުމަށެވެ.

"އަސްކަރިއްޔާއާ ހަވާލުކުރި ނަމަ ގައިމު ވައްކަމެއް ނުކުރީސްތާ. އަޅުގަނޑު މިތާނގައި ބުނިން ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކާ ހަވާލުކުރާށޭ ކޮރޯނާ ވައިރަސް ކަންތައްތައް މޭނޭޖްކުރަން. ކީއްވެގެންތޯ ނުކުރީ؟ ނުކޮށް ވައްކަންތައް ކުރީ. އަޅުުގަނޑު މިއަދު ފަހުރުވެރިވޭ ދިވެހި އަސްކަރިއްޔާއާއި ދިވެހިރާއްޖޭގެ ދިފާއީ ބާރަށް. (ޗީފް އޮފް ޑިފެންސް ފޯސް) ޖެނެރަލް ޝަމާލަށާއި (ޑިފެންސް މިނިސްޓަރު) މެޑަމް މާރިޔާ އަށް އަޅުގަނޑު ސެލިއުޓް ނަގަން. ހަމަ ވަގްތުންވަގްތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ދަންނަވަނީ އަސްކަރީ ހެދުން ލާށޭ އެބޭފުޅާވެސް. ލައިގެން ކެބިނެޓަށް ލާށޭ އަސްކަރިއްޔާގެ ބޭފުޅުން. ވައްކަމެއް ނުކުރާނޭ. ދުނިޔޭގައި (ވެރިކަން) ނުހިންގުނީމާ ދެން އަސްކަރިއްޔާއިންނޭ ހަވާލުވާނީ. ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކުން ވަގްތުންވަގްތަށް މި ސަރުކާރުގެ އެންމެ އިސްވެރިން ހައްޔަރުކުރާށޭ، ވަގްތުންވަގްތަށް. ވައްކަން ކޮށްފިއޭ. ނާޖާއިޒު ފާއިދާ ނަގައިފިއޭ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވަގުހިފަން އައިސްފައިވާ ކަމަށް މިއަދު ބުނެވެން ނެތް ކަމަށާއި އެމްޑީޕީ ސަރުކާރުން ވައްކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އަދި ވައްކަން ކުރި މީހުން ވައްކަން ކުރީ ސަރުކާރުން އެކި ޕާޓީތަކަށް އިތުބާރުކޮށް އެ ފަރާތްތަކަށް މަގާމުތައް ދެއްވުމުން ކަމަށާއި އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ވަގުތުން ވަގުތަށް އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.

ޖާބިރު ވަނީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އަދި ހަރަދު ކުރެއްވި ކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރުގެ ދިފާއުގައި މަޖިލީހުގައި ވަރަށް ގިނަ ވާހަކަތައް ޖާބިރު މީގެ ކުރިން ދެއްކެވިއެވެ. އެކަމަކު ވަކި ހިސާބަކުން ފެނުނީ ރައީސް ސޯލިހަށް ނިސްބަތްކޮށް ވެސް ވަގުތުހުމަތާއި އެފަދަ ތަފާތު އިލްޒާމްތައް އަޅުއްވަމުން ގެންދެވި ތަނެވެ. އެކަމަކު، ކޯޓު މަރުހަލާ ނިމިފައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ވ. އަތޮޅު ބޮޑުމޮހޮރާ ޖާބިރަށް ހަވާލުކުރަން މި އަހަރު ފެބްރުއަރީގައި ޓޫރިޒަމް މިނިސްޓްރީން ނިންމައި، އެގްރިމަންޓް ކުރި ހިސާބުން، ޖާބިރުގެ ރާގު ބަދަލުވެ، ރައީސް ސޯލިހަށާއި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތައުރީފު ކުރައްވަން ފެއްޓެވި އެވެ. ރައީސް ސޯލިހަށް ސަނާ ވިދާޅުވުމުގައި ފަސް ވަރަކަށް މަސް ހޭދަކުރެއްވުމަށްފަހު އަނެއްކާ ރާގު ބަދަލުވެގެން މި އުޅެނީ ކޮން ކަމެއް ބޭނުންވެގެން ކަމެއް ޖާބިރު ވިދާޅެއްނުވެ އެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ކޮންމެވެސް ކަމެއް އަނެއްކާ ވެސް ބޭނުންވެ، އެކަން ހަމަނުޖެހިގެން އުޅުއްވާކަން ދޭހަވާ ގޮތަށް ވެސް ޖާބިރު އިއްޔެ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

"ސަރުކާރު ފޭލިވެއްޖެ. އިބްރާހިމް މުހައްމަދު ސޯލިހަށް ރާއްޖެ ހިންގާކަށް ނޭނގުނު. އަންޑަސްޓޭންޑްވާން ޖެހޭނެ. މިއަދު އަޅުގަނޑު މިތާ ހުރެގެން ވާހަކަ ދެއްކީމާ ހިތަށްއަރާފާނެ އަޅުގަނޑު އެވެނިކަމެއް މިވެނިކަމެއް ނުވެގެންނޭ މި އުޅެނީ. ނުވަންޏާ އެ ވާހަކަ ވެސް ދައްކަންވީ. ކީއްވެ ނުދައްކަންވީ؟ އެކަމަކު އެއެއް ނޫން މި ދައްކާ ވާހަކަ އަކީ،" ޖާބިރު ވަރަށް ސާފުކޮށް ވިދާޅުވި އެވެ.

ޖާބިރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ނިންމަވައި މިއަދު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *