Support Us

ލުބުނާނުގެ ސިއްހީ އެހީތެރިން އިސްރާއީލުން މަރާލީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން

ލުބުނާނުގެ ދެކުނު ސަރަހައްދުގައި މަސައްކަތްކުރަމުން އައި ހަތް ސިއްހީ އެހީތެރިން މާރިޗު މަހު މަރާލީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެންކަން ހާމަވެއްޖެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗުން ބުނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "ދަ ގާޑިއަން" އާއި މިނިވަން މުސްތަގިއްލު ހަތިޔާރު ދިރާސާ ކުރާ ފަރާތަކާ ގުޅިގެން ހިންގި ތަހުގީގުން އެނގުނީ 27 މާރިޗްގައި ލުބްނާންގެ އަލް-ހަބަރިޔާގައި ހުރި އެމްބިއުލެންސް މަރުކަޒަކަށް ހަމަލާ ދީ، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ސިއްހީ އެހީތެރިން މަރާލުމަށް ދިން ވައިގެ ހަމަލާގައި އެމެރިކާގެ ޓެކްނޯލޮޖީ ބޭނުންކޮށްފައިވާ ކަމަށެވެ.

މި ތިން ފަރާތުން ކުރި ތަހުގީގުން އެނގުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދީ ޔަހޫދީންގެ 1،200 މީހުން މަރާލުމާ ގުޅިގެން، އިސްރާއީލުން އޭގެ ބަދަލުގައި ފަލަސްތީނުގެ ޣައްޒާ އާއި ލުބްނާންގެ އަމާޒުފަތްނގަޑުތަކަށް ވައިގެ މަގުން ހަމަލާދިނުމަށް އެމެރިކާގެ ހަތިޔާރު ޓެކްނޯލޮޖީ ބޭނުން ކުރަމުންދާ ކަމަށެވެ.

ފަލަސްތީނުގައި މިހާރު ވަނީ 34،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ.

"ލުބްނާންގެ ސިއްހީ މަރުކަޒަށް އިސްރާއީލުން ދިން ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާއެއް. މި ކަމުގެ ސަބަބުން އިސްރާއީލަށް އެމެރިކާ ދޭ ހަތިޔާރުގެ އެހީތަކާ މެދު ސުވާލުތައް ކުރެވެން ޖެހޭނެ،" ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ.

އެ ޖަމާއަތުން ބުނީ އެމެރިކާގެ ހަތިޔާރު ބޭނުން ކުރަމުންދަނީ ގަވައިދާ އެއްގޮތަށް ކަމަށް އިސްރާއީލުން ބުނާ ބުނުމަށް އިތުބާރު ނުކުރެވޭ ކަމަށެވެ.

"ޣައްޒާ އަދި ލުބުނާނުގައި އިސްރާއީލުގެ ހަރަކާތްތައް އަދިވެސް ކުރިއަށްދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް. އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހާރުން މިހާރަށް ވެސް ޖެހޭނެ އެމެރިކާގެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދިނުން ހުއްޓާލަން،" ހިއުމަން ރައިޓްސް ވޮޗްގެ ދިރާސާކުރުންތެރިޔާ ރަމްޒީ ކައިސް ވިދާޅުވިއެވެ.

ލުބްނާންގެ ސިއްހީ ހިދުމަތްތެރިން މަރާލުމަށް ފަހު، އޭގެ ފަސް ދުވަސް ފަހުން އިސްރާއީލުން ވަނީ ޣައްޒާގައި މަސައްކަތް ކުރާ ވޯލްޑް ސެންޓްރަލް ކިޗަންގެ ހަތް އެހީތެރިން މަރާލައިފައެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔެއިން އިސްރާއީލަށް ފާޑު ކިއުމުން އިސްރާއީލުން ބުނިހާ ވެސް އެއްޗަކީ މިއީ "އޮޅިގެން ހެދުނު ގޯހެއް" ކަމަށެވެ.

ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ފަރާތްތަކަށް އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުން ހަމަލާ ދެމުންދާކަން މި ހާމަވީ މާދަން ނޫން އަނެއް ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން މި މައްސަލައާ ބެހޭ ގޮތުން ރިޕޯޓެއް ހުށަހަޅުއްވަން ތައްޔާރުވެފައި ވަނިކޮށެވެ. ބްލިންކަން ހުށަހަޅުއްވަން އޮތް ރިޕޯޓަކީ އިސްރާއީލުން އެމެރިކާގެ ހަތިޔާރު ބޭނުން ކުރަމުން ދަނީ އެމެރިކާގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ހާމަކުރަން ޖެހޭ ރިޕޯޓެކެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކްރިސް ވޭން ހޮލަން ވިދާޅުވީ ބްލިންކަންގެ ރިޕޯޓްގައި އަލް-ހަބަރިޔާގެ މައްސަލައަށް ބަލައިލަން ޖެހޭނެ ކަމަށެވެ.

"މިއީ ބައިޑަންގެ ސަރުކާރުން ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ފަދަ މައްސަލަތަކެއް،" ކްރިސް ވިދާޅުވިއެވެ.

އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް މުޅި ދުނިޔޭގެ ފާޑުކިޔުން މިހާރު ވަނީ އަމާޒުވެފައެވެ. އަދި އެ ގޮތުން އިސްރާއީލަށް އެމެރިކާއިން ދޭ ހަތިޔާރު މަދުކުރަން ނުވަތަ އެއްކޮށް ހުއްޓާލުމަށް ވެސް އެތައް ފަރާތްތަކުން ވަނީ ގޮވާލަން ފަށައިފައެވެ.

އެމެރިކާގައި 1997 ވަނަ އަހަރު ތަންފީޒު ކުރި "ލީހީ" ގާނޫނު ބުނާ ގޮތުން އިންސާނީ ހައްގުތައް ނިގުޅައިގަތްކަމުގެ އިތުބާރު ހުރި މައުލޫމާތެއް ލިބިފައިވާ ނަމަ އެ އަމަލުތައް ހިންގި ބިދޭސީ އެއްވެސް ފަރާތަކަށް އެމެރިކާގެ ހަތިޔާރު ފޯރުކޮށްދިނުމަކީ މަނާ ކަމެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްރާއީލުން ޣައްޒާއަށް ދިން ދެ ހަމަލާގައި 43 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލުމާ ގުޅިގެން، އިސްރާއީލަށް ހަތިޔާރު ފޯރުކޮށް ނުދިނުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން އެމެރިކާއަށް ގޮވާލާފައިވެއެވެ.

ހަމާސްއާ އިސްރާއީލުގެ ކުރިމަތިލުންތަކުގައި މި ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ ލުބްނާނުގައި 16 ސިއްހީ މަސައްކަތްތެރިން މަރާލައިފައެވެ. އޭގެ ތެރޭގައި މާރިޗު މަހުގެ ފަހުކޮޅު އެއް ދުވަސް ތެރޭގައި 10 ސިއްހީ މަސައްކަތްތެރިން މަރާލާފައިވެއެވެ. ސިއްހީ މަސައްކަތްތެރިންނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރައްކާތެރިކަން ދީފައިވާ ބައެކެވެ. އެ މީހުންނަށް ހަމަލާ ދިނުން ހިމެނެނީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *