Support Us

އެތައް މިލިއަން ރުފިޔާގެ ކޮރަޕްްޝަން ހިންގާފައިވާއިރު އެކަން ބެލުމަށް ނުކުޅެދިފައި: އާދަމް ޝަރީފް

މި ސަރުކާރުގެ މިނިސްޓްރީތަކުން އެތައް މިލިއަން ރުފިޔާގެ ކޮރަޕްްޝަން ހިންގާފައިވާ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސް ބަލިމަޑުކަމާއި ތަދުމަޑުކަމުގައި ރައްޔިތުން ނުހަނު ހާލުގައި ވަނިކޮށް ކޮވިޑް19 ގެ ހަރަދުތަކުގެ ތެރޭގައި އެތައް މިލިޔަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާއިރު އެ ކަންތައްތައް ބަލަން މިނިސްޓްރީތަކުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާއެކު ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށްގޮސް، ބަލިމަޑުކަމާއި ތަދުމަޑުކަމުގެ ތެރޭގައި ރައްޔިތުން ނުހަނު ޙާލުގައި ޖެހިފައި ވަނިކޮށް، ދައުލަތުގެ ޞިއްޙަތާ ބެހޭ ވުޒާރާއާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި، އޮޑިޓް ރިޕޯޓްތަކުން، އެ ވުޒާރާތަކުން ހިންގާފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ފެންމަތިވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ކޮވިޑް-19 ގެ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި ބަލި މީހުންނަށް ބޭނުންވާ ހިޔާވަހިކަމާއި ވެންޓިލޭޓަރާއި މާސްކް ފަދަ ތަކެތި ހޯދުމުގެ ނަމުގައި ސަރުކާރުގެ ވުޒާރާތަކުން ހިންގާފައިވާ އެތައް މިލިއަން ރުފިޔާގެ ޚިޔާނާތާއި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާފައިވާ މުޢާމަލާތްތަކާއި، ރައްޔިތުންގެ ފައިސާއަށް ވެފައިވާ ޚިޔާނާތްތަކާއި ދައުލަތުގެ ރިޒާވްގައި ހުރި ލާރިކޮޅު ހުސްވަމުންދިޔައިރުވެސް، ބޮޑެތި އަދަދުތަކުން މާލީ ވުޒާރާއިން ފައިސާ ދޫކުރަމުން ދިޔައިރު، އެމުޢާމަލާތްތައް ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަން ސަރުކާރުގެ ވުޒާރާތަކުން ބައްލަވާފައި ނުވާތީއާއި، ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާތީއާއި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަން ހިންގުމަށް މަގު ފަހިކޮށްދީފައިވާތީވެ، ކޮވިޑް 19 ގެ ތެރޭގައި ކޮރަޕްޝަން ހިންގި ފަރާތްތަކަށް ދެވަނަ ފަހަރަށް އެފަދަ އަމަލެއް ނުހިންގޭނެގޮތެއް ހަދައި، ފިޔަވަޅު އެޅުން އަވަސްކޮށް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތައް އެޅުއްވުމަށް ސަރުކާރަށް ގޮވާލަން" ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރި މަސައްކަތްތަކަށް ހަރަދުކުރި ގޮތް ބެލުމަށް މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓަރ ޖެނެރަލް އޮފީހުން ކުރި އޮޑިޓުން އެނގިގެން ދިޔައީ ހެލްތު މިނިސްޓްރީން އޯޑަރުކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނސްޓްރީން މަކަރާއި ހީލަތް ހަދާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *