މަލަށް މާބުރު ކޮކާ ބަޅިނދާ އައިސް ޖައްސާނެ އިޝްގެއް ވޭ
ފިލައިގެން ފަރިވުމަށް ފުރުޞަތު ނުދީ، އަންގާނެ ބާރެއް ވޭ
ވަކިން މާދުރު ވަލެއްގައި އިނދެ ފޮޅޭން ހިތުގައި އަޒުމު އޮތަކަސް
އެކަން މާބުރުތަކަށް މޭރުން މަލުން، ކުރުވާނެ އަސަރެއް ވޭ
ދަގަނޑު އެކަތައިން ވަށާ ފާރެއް ލިޔަސް ބޭރުން މަލެއް ފޮރުވަން
އެ ފުނޑުކޮށް މާ ވަށައި މާބުރު އަބަދު އެނބުރޭނެ ސިއްރެއް ވޭ
ނުހަނު ފަރުވާވެ ބަލަހައްޓާ މަލެއް ކަމުގައި ވިޔަސް މާބުރު
ރުހުން ނުރުހުން ބަލައި ނުމެލާ މަލަށް ބޮސްދޭނެ ސަބަބެއް ވޭ
ފޮޅޭން ތައްޔާރުވާ މަލުގައި ވަހެއް ހަމަ ކޮންމެ ހުއްޓަސް ވެސް
ކަޅާއި ހުދާ ވަކިވާހެން ޚަބަރު ގެންދާނެ ގުޅުމެއް ވޭ
މަލުން ފޮނިބޮއިލުމަށްފަހުގައި އުދުހި އައު މަންޒިލެއް ހޯދަން
މަލާއި ފެޔަށް އުދުހިދާ މާބުރަށް ދައްކާނެ އުޒުރެއް ވޭ