ރިވެތި މިންގަނޑުތަކުގައި ހުރި އިއްޔެގެ އަސްލު ކޮބާ
ދިވެހިބަސްމަގުގެ އޮމާން ފޭރާމާ ސޫރަ ކޮބާ
ހިތްހިތަށް ޖާދޫ ކުރި ބާރުގެ ފޮނި ލަފުޒުތަކުން
މިންޖު ނުވެވޭ ފަދަ ޖަޒުބާތު އެހުރި އަސަރު ކޮބާ
ބަސް އެމުނި އެކުލެވުމާ ބަސްތައް ތަރުތީބުވުމާ
އަސްލުގާ ހުރި ހަމަތައް ދަސްކުރި އުންމީދު ކޮބާ
ލިޔުމުގައި ހުންނަ ނިޝާނާއި އެއިން ދޭހަވެދާ
ކިޔުމުގައި މާނަ ބަދަލުވާ ދައުރާ ހާލު ކޮބާ
އިތުރުވާ އަކުރުތަކާ ބޭނުންނެތް ލަފުޒުތަކާ
ހިތުތިމާ ހުރި ގޮތަކަށް އިތުރުކުރަން ހައްގު ކޮބާ
އުނިވެގެން ފަރުނުޖެހޭނޭ ނަމަ ފިއްޔެއް ލިޔުމުން
އުނިނުކޮށް ލިޔެހެދުމަށް ބުނި އެދުރުން ސަބަބު ކޮބާ
ދަސްވެނިން ގިނަ އެބަވޭ މަސްހުނި އެބަ ބަސްމޮޑެވޭ
އަސްލު އޮތް މައްސަލަ އަށް ބޭނުންވާ ހައްލު ކޮބާ