Support Us

ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި އަމީނަށް ގޭގައި މަޑުނުކުރެއްވޭނެ، އެންމެ މޮޅު ގޮތަކީ އިސްތިއުފާ ދެއްވުން: ގާސިމް

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ހޯދުމުގައި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ މަސައްކަތްތަކުގައި، އޮޅުވާލުމާއި މަކަރު ހަދައިފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށް ގޭގައި މަޑުނުކުރެއްވޭނެ ކަމަށާއި އެފަދަ ހާލަތެއްގައި އެންމެ މޮޅު ގޮތަކީ އަމީން އިސްތިއުފާ ދެއްވުން ކަމުގައި، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)ގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގެ ހެލްތު މިނިސްޓަރުގެ މަގާމުގައި އަމީން ހުންނަވަނީ ޖޭޕީގެ ސްލޮޓެއްގަ އެވެ.

"މާތް ﷲ ގަންދީ، ވަޒީރުކަމުގެ ހުވާ ކުރައްވާފައި ހުންނަވާފައި އެގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަނެތި (އަމީނަށް) ގެއަކަށް ވަޑައެއްނުގަނެވޭނެ. ދަންޏާ ދާންޖެހޭނީ އިސްތިއުފާދީފައި،" "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް މިއަދު ވިދާޅުވި އެވެ. "އަޅުގަނޑު ގުޅިން އަމީނަށް (އިއްޔެ). ބުނިން ވަރަށް ދެރަވަރު ނޫންހޭ. އަމީނު ވެސް ބުނި ވަރަށް ދެރައޭ. އޭގެ ފަހުން ތިޔަ ސިޓީއެއް (މީޑިއާ އިން) ފެނުނީ."

ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރަންސް" ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލުން ހިމެނޭކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރުމުން، އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން، ޖޭ.ޕީގެ ލީޑަރުގެ ހައިސިއްޔަތުން އަމީނަށް ހުށަނާޅުއްވަންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެގޮަތަށް ހުށަނާޅުއްވަން ކަމަށެވެ.

"ކުރެވިފައި ވަނީ ވަރަށް ބޮޑު ތުހުމަތުތަކެއް. އެކަމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރަކާ އެއްޗެތި އެނގޭނީ އަމީނަށް. އަމީން އެކަމަށް ގޮތެއް ނިންމަންވާނީ،" ގާސިމް ވިދާޅުވި އެވެ. "(އެކަމަކު) ރައީސުލްޖުމްހޫރިއްޔާގެ ހުއްދަނެތި (އަމީނަށް) ގެއަކަށް ވަޑައެއްނުގަނެވޭނެ."

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި އަމީން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، މާލިއްޔަތު ގާނޫނު ވެސް އަދި ގާނޫނު އަސާސީ ވެސް ބުނަނީ އެ ވުޒާރާގައި ހިނގާ ހުރިހާ ކަމެއް ވެސް މިނިސްޓަރު ބައްލަވައި، އެ ކަންކަމުގެ ޒިންމާ މިނިސްޓަރު އުފުއްލަވަން ޖެހޭނެ ކަމަށް ކަމަށެވެ.

"މާލިއްޔަތު ގާނޫނަށް ޖަވާބުދާރީވާން މަޖިލީހަށް (އޭރު) ދިޔައީ ވެސް އަޅުގަނޑު. އެހެންވެ އަޅުގަނޑަށް ވަރަށް ބޮޑަށް އެނގޭ އެކަން އޮންނަ ގޮތް،" ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ރިޔާސީ ފަހު ދައުރުގައި، ޖުލައި 2005 އިން ޖުލައި 2008 އަށް، ފިނޭންސް މިނިސްޓަރު ކަމާއި އެމް.އެމް.އޭގެ ގަވަރުނަރުކަން ވެސް ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. "ބިޑް ކޮމިޓީން ނިންމިޔަސް، ބޯޑަކުން ނިންމިޔަސް، އެކަމުގެ ފުރިހަމަ ޒިންމާ އުފުލަންވާނެ މިނިސްޓަރު."

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު އިއްޔެ ވިދާޅުވީ ހެލްތު މިނިސްޓަރުގެ ސިޓީ ލިބިވަޑައިގަތުމުން، މިނިސްޓަރަށް ވަކި އެއްޗެއް ނާންގަވާ ކަމަށާއި ނަމަވެސް ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ހެލްތު މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އާއި ބިޑް ކޮމިޓީގެ މެމްބަރުންނާއި ވެންޓިލޭޓަރު އެގްރިމަންޓުތަކުގައި ސޮއިކުރި ފަރާތްތައް ގޭގައި މަޑުކުރުމަށް އަންގަވާފައިވާ ކަމަށެވެ. އެއީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގަވާފައިވާތީ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގެ ޕްރޮޖެކްޓްތައް ލާމަރުކަޒީކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް 1 މާޗު 2020 ގައި ބޭއްވި ބައްދަލުވުމުގައި އަމީން އަރިހުގައި ޝާހު (ކ) އަދި ނިޝާމާ (ވ) -ފޮޓޯ: ހެލްތް މިނިސްޓްރީ

ގޭގައި މަޑުކުރައްވަން ރައީސް އޮފީހުން އެންގެވި ހެލްތު މިނިސްޓްރީގެ ވެރިންގެ ތެރޭގައި ހިމެނޭ ސްޓޭޓް މިނިސްޓަރު ޝާޙު އަބްދުﷲ މާހިރާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދަކީ ވެސް ޖޭ.ޕީގެ ސްލޮޓްގައި މަގާމުގައި ތިއްބެވި ބޭފުޅުން ކަމަށްވާތީ، އެކަމާ ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެއީ ވަރަށް ވެސް ދެރަ ކަމެއް ކަމަށެވެ.

"އެއީ ވަރަށް ދެރަކަމެއް. އިންތިހާ ދަރަޖައިގެ ލަދުވެތި ކަމެއް،" ގާސިމް ވިދާޅުވި އެވެ. "ދެން އެކަމުގައި ބަލަންވާ ވަރަށް ބައްލަވާފައި ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅުއްވާނެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ފިޔަވަޅެއް އެމަނިކުފާނު ވެސް އަޅުއްވާނެ. އެކަމުގެ ތެރެއަށް އަޅުގަނޑު އަތްބާނައިގެން ނޫޅޭނަން."

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމު އޮއްވައި މިނިސްޓަރު އަމީން ކުއްލިއަކަށް ގެއަށް ވަޑައިގެންފައި ވަނިކޮށް ސްޓޭޓް މިނިސްޓަރާއި ދެ ޑިޕިއުޓީ މިނިސްޓަރުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ. ކެބިނެޓުގައި ވެސް ހެލްތު މިނިސްޓްރީ ތަމްސީލްކުރައްވާނެ ވަޒީރަކު މިވަގުތު ނެތެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި އަމީންގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވަމުންދިޔަ ނަމަވެސް، އިސްތިއުފާ ނުދެއްވައި، މައްސަލަ ވަކި ގޮތެއް ނިމެންދެން ރަސްމީ މަސައްކަތްތަކުން އަމީން، އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެންނެވިކަން އެންގެވީ ރައީސް ސޯލިހަށް އިއްޔެ ފޮނުއްވި ރަސްމީ ސިޓީއަކުންނެވެ.

"ކޮވިޑް 19- އާއިގުޅޭ މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ މަނިކުފާނު އަޅުގަނޑަށް ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރާ ވާހަކަ ދެންނެވީމެވެ،" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އަމީން ވިދާޅުވެފައި ވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *