Support Us

ކުޑަކުދީންނީ ރަންމުތޭ

ކުޑަކުދިންނީ އުންމަތުގެ ލޮބުވެތިވި ނިޔަނެތިވީ ހިތޭ
ކުޑަކުދިންނީ ނޫރެ ވަޠަނީ އަލި ވިދާ އަގުހުރި މުތޭ

ޖިންސަކަށް އަދި ކުލަޔަކަށް ހުރި އުންޏަކަށް ބެލުމެއް ނެތޭ
ދަންނަވަންތޯއޭ އެއީ ﷲދެއްވެވި ނިއުމަތޭ

އަޑު ލަމުން މާ ބާރު ބާރަށް ބަސް ބުނާނެ ކަމެއް ނެތޭ
މަޑުމަޑުން ލޯބިން ބުނާށޭ ބަސް އަހާނެ އެއީ ގޮތޭ

ބަސްތަކުން ނުގުޅޭ، ކުދިންނަށް ތަދު ކުރާނެ ކަމެއް ނެތޭ
ބަސްތަކާ އަމަލުން އުފާދޭށޭ އެއީ ހުސް ރަހުމަތޭ

މައިންބަފައިގެ އުފާތަކޭ ދެލޮލާއި ހިތުގެވި އުލްފަތޭ
ގައިމު ލޮބުވެތިވީ ދަރިންނީ ހިތްތަކުގެ ފިނި ޖަންނަތޭ

އިއްޔެ ދުށް ބަޠަލުން ފަދައިން ދައްކާނެ ސިފައީ ހުރުމަތޭ
ދިއްލަމުން އުންމީދުތައް ގައުމަށް ކުރާނީ ޚިދުމަތޭ

އިލްމުގައި ކުރިޔަށް އަރައި އިލްމާ ފުނޫނުގެ އަލި މުތޭ
އިލްމުވެރި އެކި ފަންނުގައި އެ ކުދިން ލިޔާނީ ހުސް ފޮތޭ

އެކި ރޮނގުން އުފަލާއެކީ އެކުދިން ކުރާނީ މިންނަތޭ
އެކި ވަރުގެ އެކިއެކި މަގާމުން ނަންވިދާ ވަރު ހިންމަތޭ

ޖައުހަރޭ އަގުހުރި އެއީ ގައުމާއި ވަޠަނުގެ ގުއްވަތޭ
މައުމަލޭ ތާޒާ ފޮޅޭ ވަޠަނުގެ ހަގީގީ އިއްޒަތޭ

ކުޑަކުދިންނީ ރޫޙެ ވަޠަނީ އަގު އަރާނެ ޝަރާފަތޭ
ކުޑަކުދިންނީ އުންމަތުގެ ގަދަރާއި މާތްވި ކަރާމަތޭ

ކުޑަކުދިންނީ ވިންދު ގައުމުގެ ލޭހިނގާނެ ހިމާޔަތޭ
ކުޑަކުދިންނީ ސުލްހަޔާ އަދުލުގެ ނިޝާނެ ހިދާޔަތޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1311
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *