ރާގު: ގުޒުރާހުވާ ޒަމާނާ އާތާނެހީ ދޮބާރާ…
ބަދުރުގެ ވިދާ ޒަމާނާ ރަމަޟާން ގެނައި ބަހާރާ ގުޅެނީ ހަނދާން މިހާރާ
ހެދެމުން ދަނީއެ ގުލްޝަން ބަދުރުގެވި އެއްފަޅީގައި
އަނދަމުން ދަނީއެ އަލިފާން ކުފުރުގެ އަނެއްފަޅީގައި
ދެމެދުން ހިލުނު އުދާހާ ހަމަލައިގެ ކާރުބާރާ
ގުޅެނީ ހަނދާން މިހާރާ
ޢަތަބަތު ވަލީދު ޝައިބަތު ކުފުރުގެ ނަގައިފި ޚަންޖަރު
ޙަމްޒަތު ޢަލީ ޢުބައިދާ އުފުލައިފި ޙައްޤު ހިއްވަރު
ގަތުލުވެ އެ ތިންޤުރައިޝުން ދެއްވެވި ނަސީބު ނަސްރާ
ގުޅެނީ ހަނދާން މިހާރާ
ރުޅިއާއި ޖޯޝު ކެކިގެން ނުކުތީ އެކީ އެ ލަޝްކަރު
ޙިކުމަތުގެ ވެސް އަސާސެއް ނެތި ރޭވުމެއްގެ ޢަސްކަރު
ދެއްކެވި އެހިނދު ނަމޫނާ މުސްލިމުތަކުންގެ ފޯރާ
ގުޅެނީ ހަނދާން މިހާރާ
މަލަކުންގެ ހާހަކުންވީ މަދަދެއްގެ ސަބަބަކަށްވީ
އަދަދުން ތިޔާގި ލަޝްކަރު ފުރަގަސްދެމުން ފިލުންވީ
ދެން މުސްލިމުން އަލުން އާ އެހިނދުން ކުރެއްވި ނަޣަރާ
ގުޅެނީ ހަނދާން މިހާރާ
ދިޔަހިނދު އެ ރޫޅި ސަފުތައް ބައިބައިވެ މުޝްރިކުންތައް
ގަތުލުވެ އަބޫޖަހުލު ވެސް ބަލިވެއްޖެ ކާފަރުންތައް
ބާޠިލުގެ ހާލި ނެތިގޮސް އުފުލުނު އެ ޙައްޤު ނޫރާ
ގުޅެނީ ހަނދާން މިހާރާ
ނިކަމެތިވެ ބާރު ލުހިގޮސް މުޝްރިކުތަކުން އެހާރުން
އެކަތައިގެ ފަންވަރުން އައި މުސްލިމުތަކުންގެ އާރުން
މަތިވެރިވެގެން ނަތީޖާ ފަތަހައިން އެދެއްވިބާރާ
ގުޅެނީ ހަނދާން މިހާރާ