Support Us

ނައިޖީރިއާގައި ރަހީނުކުރި ދަރިވަރުން ސަލާމަތްކޮށްފި

ނައިޖީރިއާގައި މި މަހު ކުރީކޮޅު ރަހީނު ކުރި 287 ދަރިވަރުން އެއްވެސް ޒަހަމަކާ ނުލައި ސަލާމަތްކޮށްފިއެވެ.

އެ ގައުމުގެ ހުޅަނގު އުތުރުގައި އޮންނަ ޓައުނެއް ކަމަށްވާ ކުރިގާއިން މި ކުދިން ސަލާމަތް ކުރީ އިއްޔެ ހެނދުނު ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައެވެ.

ނައިޖީރިއާގެ ސްޓޭޓެއް ކަމަށްވާ ކަޑުނާގެ ގަވަރުނަރު އުބާ ސާނީ ވިދާޅުވީ ހުރިހާ ކުދިން ސަލާމަތް ކުރެވުނީ ސަލާމަތީ ބާރުތަކުގެ ހިތްވަރުން ކަމަށެވެ.

ނަމަވެސް ނައިޖީރިއާގެ އަސްކަރިއްޔާއިން ބުނި އަދަދުތަކާއި ތައުލީމީ ނިޒާމު ހިންގާ ފަރާތުން ގުނި ކުދިންގެ އަދަދު ދިމައެއް ނުވެއެވެ. ތައުލީމީ ކަމާ ބެހޭ ފަރާތްތަކުން ބުނީ 280 އަށް ވުރެ ގިނަ ކިޔަވާ ކުދިން ރަހީނު ކުރި ކަމަށެވެ. އެކަމަކު އަސްކަރިއްޔާއިން ބުނީ ރަހީނު ކުރީ 137 ދަރިވަރުން ކަމަށާއި މި ހުރިހާ ކުދިން ސަލާމަތް ކުރެވުނު ކަމަށެވެ. މި އަދަދުތައް ދިމާނުވުމާ މެދު އެ ގައުމުގެ ރަސްމީ އެއްވެސް ފަރާތަކުން އަދި ކޮމެންޓެއް ނުކުރެއެވެ. ނަމަވެސް އަސްކަރީ ތަރުޖަމާނު މޭޖާ ޖެނެރަލް އެޑްވަޑް ބުބާ ވިދާޅުވީ މިނިވަން ކުރީ 76 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ކަމަށެވެ.

ގޭންގަކުން ރަހީނު ކުރި މި ކުދިން ސަލާމަތް ކުރެވުނީ އެ ކުދިން މިނިވަން ކުރަން 690،000 އެމެރިކާ ޑޮލަރު ދިނުމަށް އެ ގޭންގުން ޝަރުތު ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މި މަހު ހަތެއްގައި ރަހީނު ކުރި މި ކުދިން މިނިވަން ކުރަން އެ އަދަދަށް ފައިސާ ނުދައްކައިފި ނަމަ، ހައްޔަރު ކުރި ދުވަހުން ފެށިގެން 20 ދުވަސް ތެރޭގައި ހުރިހާ ކުދިން މަރާލާނެ ކަމަށް ގޭންގުން އިންޒާރު ދީފައިވެއެވެ.

ދަރިވަރުން ރަހީނު ކުރި އިރު އެ ކުދިންނާ އެއްކޮށް ރަހީނު ކުރި މުދައްރިސަކު ވަނީ ގޭންގްގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައެވެ.

ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދުތަކުން އެތައް ހާސް މީހުންނެއް ފަހުގެ ތާރީހެއްގައި ވަނީ ރަހީނު ކޮށްފައެވެ. އެ ގޮތުން ވަގަށް ނަގާ މީހުންގެ އަދަދު މިދިޔަ އަހަރު މަދު ނަމަވެސް މި މަހު އެކަނި ވެސް ވަނީ ރަހީނު ކުރުމުގެ ހަ ހާދިސާ ހިނގާފައެވެ.

ރަހީނު ކުރާ މީހުންގެ އާއިލާއިން ފައިސާ ދިނުމުން އެ މީހުން ދޫކޮށްލައެވެ. ނަމަވެސް އެ ގައުމުން މިހާރު ވަނީ މި ގޮތަށް ފައިސާ ދިނުމަކީ ޖިނާއީ ކުށެއް ކަމަށް ހަދާ ގާނޫނެއް 2022 ވަނަ އަހަރު ފާސް ކޮށްފައެވެ. މިއީ ނައިޖީރިއާގައި ރަހީނު ކުރުމުގެ މައްސަލަތައް އިތުރުވުމުގެ ސަބަބުން ހެދި ގާނޫނެކެވެ. އަދި ފައިސާ ދައްކައިފި މީހަކު ނަމަ 15 އަހަރަށް މި ގާނޫނުގެ ދަށުން ޖަލަށް ލެވެއެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް މީހަކު ޖަލަށް ލައިފައެއް ނުވެއެވެ. ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދުގައި މީހުން ރަހީނު ކުރަނީ ޖިނާއި ކުށްތައް ކުރާ ގޭންގްތަކުން ފައިސާގެ ބޭނުމުގައެވެ.

މި އަހަރުގެ ކުރީކޮޅު ވެރިރަށް އަބޫޖާއިން ރަހީނު ކުރި އެއް އާއިލާއެއްގެ އަންހެނުންތަކެއް ސަލާމަތް ކުރީ ސަލާމަތީ ބާރުތަކުން ކަމަށް ބުނި ބުނުން އެ އާއިލާއިން ވަނީ ދޮގު ކޮށްފައެވެ. އާއިލާއިން ބުނީ އެ މީހުން ސަލާމަތްވީ ރަހީނު ކުރި ގޭންގަށް ފައިސާ ދައްކައިގެން ކަމަށާއި އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ.

މި ފަހަރު ހައްޔަރު ކުރި ދަރިވަރުން މިނިވަން ކުރަން ފައިސާ ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އަށް އަހަރާއި 15 އަހަރުގެ ކުދިން ތިބި ނަމަވެސް މެއެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ ޕްރައިމަރީ ސްކޫލް ކުދިންނާއި ސެކަންޑްރީ ސްކޫލް ކުދިންނެވެ.

ސާނީ ދެއްވި ބަޔާނެއްގައި ވަނީ ރައީސް ބޯލާ ޓިނުބޫ އަށް ތައުރީފު ކުރައްވައިފައެވެ. އެއީ މި ކުދިންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވުނީމައެވެ.

"މިއީ ހަމަ ޔަގީނުން ވެސް ވަރަށް އުފާވެރި ދުވަހެއް،" ސާނީގެ ބަޔާނުގައި ވިދާޅުވިއެވެ.

ބޯލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ކަމުން ދައްކައިދެނީ ސަރުކާރާއި ސްޓޭޓްތައް އެއްބާރުލުން މުހިންމު ކަމަށާއި ހާއްސަކޮށް ސަލާމަތީ ދާއިރާތަކުގައެވެ.

އަސްކަރިއްޔާއިން ރޮއިޓާސް ނޫސް އޭޖެންސީއަށް ބުނީ ދަރިވަރުން ސަލާމަތް ކުރީ ކަޑުނާގެ ޖަންގައްޔެއްގެ ތެރެއިން ކަމަށާއި އެ ކުދިންގެ އާއިލާތަކާ އެ ކުދިން ހަވާލު ކުރުމުގެ ކުރިން އެ ކުދިންގެ ސިއްހަތު ހުރި ގޮތް ބަލާނެ ކަމަށެވެ.

ދަރިވަރުން ރަހީނު ކުރީ ޕްރައިމަރީ ސްކޫލަކާއި ސެކަންޑްރީ ސްކޫލެއް ހުރި އިމާރާތެއްގައި ހެދުނު އެސެމްބްލީގައި އެ ކުދިން ތިއްބާ ހަތިޔާރު އަޅައިގެން ސައިކަލުތަކެއްގައި އައި ގޭންގުންނެވެ. ސެކަންޑްރީ ސްކޫލުން ގެންދިޔައީ 187 ދަރިވަރުންނެވެ. އަދި ޕްރައިމަރީ ސްކޫލުން ގެންދިޔައީ 125 ދަރިވަރުންނެވެ.

މުދައްރިސުންތަކެއް ވެސް ހަމަ އެ ވަގުތު ރަހީނު ކުރި ކަމަށް ރިޕޯޓްތައް ބުންޏަސް އެއީ ކިތައް މުދައްރިސުން ކަމެއް ނޭނގެއެވެ. ރަހީނު ކުރި ކުދިންގެ ތެރެއިން 25 ކުދިން ފަހުން ސަލާމަތް ވެގެން އައެވެ. ރަހީނު ކުރި ހާދިސާގައި ބަޑި ޖެހުމުގެ ސަބަބުން 14 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ.

ގާތްގަނޑަކަށް 300 އަންހެން ކުދިން 2014 ގައި ނައިޖީރިއާގެ ޝިބޮކް އަވަށުން ހަތިޔާރު އެޅި އިސްލާމީ ގްރޫޕެއް ކަމަށްވާ ބޯކޯ ހަރާމުން ރަހީނު ކުރުމުން މުޅި ދުނިޔޭގެ ނުރުހުން އެ ގްރޫޕަށް ލިބުނެވެ. އޭގެ ތެރެއިން ގިނަ ކުދިން ވަނީ ދޫކޮށްލައިފައެވެ. އަދި އަމިއްލައަށް ވެސް ސަލާމަތްވިއެވެ. ނަމަވެސް އޭގެ ތެރެއިން ވަރަށް ގިނަ ކުދިންނަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ.

އިއްޔެ ނޫން އެހަށް ދުވަހު ވެސް މި ކަހަލަ ހާދިސާއެއް ހިނގިއެވެ. ރަހީނު ކުރި 17 ކުދިންނާއި އަންހެނަކު ސަލާމަތް ކުރި ކަމަށް ސަލާމަތީ ބާރުތަކުން ބުންޏެވެ. މިއީ ވެސް ހުޅަނގު އުތުރުގެ ސަރަހައްދުން، މި ފަހަރު މި ރަހީނު ކުރި ކުރިގާގެ ދަރިވަރުންގެ ހާދިސާ ހިނގިތާ ދުވަސްކޮޅެއް ފަހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *