މައްކާގެ މިސްކިތެއްގެ ބޭރުގައި ރޯދަ ވީއްލަން ތިބި ބައެއްގެ ގައިގައި ކާރަކުން ޖެހި އެކަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
ބާރު ދުވެލީގައި، އިއްޔެ އިރުއޮއްސުނު ވަގުތު ދުއްވާފައި ދިޔަ މި ކާރު، ރޯދަ ވީއްލަން މީހުން ތިބި މޭޒުގައި ޖެހުނު ހާދިސާގައި 21 މީހަކު ވަނީ ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މައްކާގެ ޒެހްރާ އުމްރާ މިސްކިތުގެ ބޭރުގައި ހުރި މޭޒު ކައިރީ ރޯދަ ވީއްލަން އެ މީހުން ތިއްބާ، ބާރު ދުވެލީގައި ދިޔަ ކާރު މަތަނުވެގެން ގޮސް އެ މޭޒަށް އެރީ ކަމަށެވެ. އެ ހާދިސާގައި އެކަކު ވަގުތުން މަރުވީއެވެ.
ޒަހަމްވި މީހުން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ބައެއް މީހުންގެ ހާލު ސީރިއަސް އެވެ. ޒަޚަމްވި މީހުންނާއި މަރުވި މީހުންނަކީ ކޮންބައެއްކަން އަދި ނޭނގެއެވެ.
މި އެކްސިޑެންޓުގެ ތަހުގީގު މިހާރު ވަނީ ފަށައިފައެވެ.