...

Support Us

ރަޝިޔާގެ ކޮންސެޓަކަށް އައިސިސްއިން ހަމަލަދީ 93 މީހުން މަރާލައިފި

ރަޝިޔާގެ އެންމެ ބޮޑު އެއް ކޮންސެޓް ހޯލަށް އައިސިސްއިން ހަމަލަދީ މަދުވެގެން 93 މީހުން މަރާލައި 145 މީހުން ޒަހަމްކޮށްލައިފިއެވެ.

އިއްޔެގެ މި ހަމަލައާ ގުޅިގެން މިހާތަނަށް 11 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ މި ހަމަލައާ ސީދާ ގުޅުން ހުރި މީހުން ކަމަށް ރަޝިޔާއިން ބުންޏެވެ.

ރަޝިޔާގެ މަޝްހޫރު މިއުޒިކް ބޭންޑް "ޕިކްނިކް"ގެ ޝޯއެއް ފަށަން ގާތްވެފައި އޮއްވާ ދިން މި ހަމަލާގައި އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާގެ ހަނގުރާމަވެރިން ވަނީ ބަޑިޖެހުމުގެ އިތުރުން ބޮމެއް ގޮއްވާލައި އަދި އަލިފާން ރޯކޮށްލާ ޒާތުގެ އެއްޗެއް ވެސް ގޮއްވާލައިފައެވެ.

އަލިފާންގަނޑު އަދިވެސް މުޅިން ނިއްވާނުލެވުނަސް ބޮޑު ބައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެއެވެ.

"އަލިފާންގަނޑުގެ ބޮޑު ބައި ނިއްވާލެވުނީ ހައެއްކަ ގަޑިއިރު ފަހުން،" ވެރިރަށް މޮސްކޯގެ ގަވަރުނަރު އަންދްރީ ވޮރޯބިޔޯފް ވިދާޅުވިއެވެ.

ރަޝިޔާގެ ރަސްމީ މީޑިއާއިން ބުނީ ހަމަލަ ދިނުމަށް ފަހު ހަމަލަދިން ބައެއް މީހުން "ރެނޯލްޓް" ބްރޭންޑްގެ ކާރެއްގައި ފިލައިގެން ދިޔަ ކަމަށެވެ.

މި ހަމަލައިގެ ޒިންމާ އައިސިސްއިން ނެގީ އައިސިސްއާ ގުޅިފައިވާ ހަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ "އަމަގު" މެދުވެރިކޮށެވެ. ކުރު ބަޔާނެއްގައި "އައިސިސް-ކޭ"އިން މި ޒިންމާ ނެގިއެވެ. އައިސިސް-ކޭ އަކީ އައިސިސް-ކޮރެސަންގެ ކުރު ނަމެވެ. މިއީ އަފްޣާނިސްތާނާއި އަފްޣާނިސްތާނުގެ ވަށައިގެން ހުރި ގައުމުތަކުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ގޮތްޕެކެވެ.

މޮސްކޯއާ ކައިރީގައިވާ "ކްރޮކަސް ސިޓީ ހޯލް"އަށް ދިން މި ހަމަލާގައި ޕިކްނިކް ބޭންޑުގެ މެންބަރުންނަށް އަނިޔާއެއް ނުވެއެވެ. މި ހޯލުގައި 7،000 އަށް ވުރެ ގިނަ މީހުންނަށް ތިބެވޭ ގޮތަށް ސީޓު ޖަހާފައިވެއެވެ. މިހެންވެ ވަގުތުން 70 އެމްބިއުލެންސް އެ ސަރަހައްދަށް އައެވެ. އަދި 60 ވަރަކަށް މީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މި 60 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށްވެއެވެ. އަލިފާން ނިއްވާ މީހުންގެ އެހީގައި 100 ވަރަކަށް މީހުން ސަލާމަތް ކުރެވުނު ކަމަށް ރަޝިޔާގެ ރަސްމީ ނޫސް އޭޖެންސީ "ޓާސް"އިން ބުންޏެވެ.

އެމެރިކާއިން ބުނީ ރަޝިޔާގެ އެތެރޭގައި އައިސިސްއިން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ. ނަމަވެސް ރަޝިޔާއިން ބުނީ މިއީ އެމެރިކާއިން ރަޝިޔާ "ބްލެކްމޭލް" ކުރަން މަސައްކަތް ކުރުމުގެ ގޮތުން ދޭ ޖާސޫސީ މައުލޫމާތު ކަމަށެވެ.

ހަމަލައާ ގުޅިގެން އެމެރިކާއިން ވަނީ ވަގުތުން "ޓްރެވެލް އެޑްވައިޒަރީ"އެއް ނެރެފައެވެ. އޭގައި އެދިފައިވަނީ އެއްވެސް އެމެރިކާ ރައްޔިތަކު މި ދަނޑިވަޅު ރަޝިޔާއަށް ޒިޔާރަތް ނުކުރުމަށެވެ. އަދި އެމެރިކާއިން އިއްޔެ ބުނީ މި ހަމަލައިގެ ޒިންމާ އައިސިސް އިން ނެގުމުން އެ ކަމާ ޝައްކު ކުރާނެ ޖާގައެއް ލިބިދޭ މައުލޫމާތެއް ނެތް ކަމަށެވެ.

ރަޝިޔާއިން ވޭތުވެދިޔަ ދެ އަހަރުއްސުރެ ހިފުމަށް މަސައްކަތް ކުރަމުންދާ ޔޫކްރެއިނުން ބުނީ މި ހަމަލައާ ޔޫކުރެއިންއާ ގުޅުމެއް ނެތް ކަމަށާއި ނަމަވެސް ހަމަލައިގެ ޒިންމާ ޔޫކްރެއިންގެ ބޮލުގައި އަޅުވަން ރަޝިޔާއިން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ޔޫކްރެއިންއަކީ ޓެރަރިސްޓް އުކުޅުތައް ދުވަހަކު ވެސް ބޭނުންކުރި ގައުމެއް ނޫން. އަހަރެންނަށް ގަބޫލު ކުރެވެނީ މި ހަމަލަ ރަޝިޔާއިން ބޭނުން ކުރާނީ ޔޫކްރެއިން ހިފުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ދައްކާނެ ބަހަނާއެއްގެ ގޮތަށް،" ޔޫކްރެއިންގެ ރިޔާސީ މުސްތަޝާރު މިހައިލޯ ޕާޑޮލްޔަކް ވިދާޅުވިއެވެ.

ކޮންމެ ބަޔަކު ދިން ހަމަލައެއް ނަމަވެސް، އދ. އާއި ޗައިނާ އާއި ފަރަންސޭސި ވިލާތާއި އިންޑިއާ އަދި ސައޫދީ އަރަބިއްޔާއިން ވަނީ މި ހަމަލަ ކުށްވެރިކޮށްފައެވެ.

މިއީ މި ފަހުގެ ތާރީހުގައި މޮސްކޯއަށް ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލައެވެ. މި ހަމަލަ އައިސްފައި މި ވަނީ ރައީސް ވްލަޑިމިއާ ޕުޓިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

މޮސްކޯގެ މޭޔަރު ސާގީ ސަބިޔާނިން ވިދާޅުވީ މި ހަފުތާބަންދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ހުރިހާ ކުޅިވަރާއި ސަގާފީ ކަންތައްތައް ނުބާއްވާނެ ކަމަށެވެ.

ޕިކްނިކް ބޭންޑްގެ ލަވަކިޔުންތެރިޔާ ޝަމަން ބުނީ މަރުވި އެންމެންގެ ޖަނާޒާއާއި ޒަހަމްވި އެންމެންގެ ބޭސްފަރުވާއަށް ހަރަދު ކުރާނީ ބޭންޑުން ކަމަށެވެ.

"އަހަރެމެން އެންމެންނަކީ ހަމަ އެއް ބޮޑު އާއިލާ. އާއިލާއެއްގެ ނަޒަރުގައި ގެއްލުމެއް ލިބޭނީ އެހެން މީހަކަށް ނޫން،" 600،000 ފޭނުން ތިބި، ގައުމިއްޔަތު ޖޯޝުން ފުރިފައިވާ ޝަމަން އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

"އަހަރެމެންނަށް ކުރިމަތިވާ ދުއްތުރާތަކާއި ގެއްލުންތައް ކޮންމެ ފަހަރަކުވެސް އަހަރެމެންގެ ގައުމުގެ އެއްބައިވަންތަކަން އަށަގަންނުވަން އެހީވެދޭ. މި ފަދަ ކަންތައްތަކުން ރަޝިޔާއަށް ލިބެނީ ވަރުގަދަކަން. މި ފަހަރުވެސް އަހަރެމެން ބިރުގަންނުވާލާކަށް ނުކެރޭނެ،" ޝަމަން އިތުރަށް ބުންޏެވެ.

ޝަމަންގެ މި ބުނުން ގުޅެނީ މި މަހު ރަޝިޔާގައި ޓެރަރިސްޓް ހަމަލަތަކެއް ދޭން އުޅޭ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެ ގޮތުން މި މަހު ތިން ވަނަ ދުވަހު އައިސިސްގެ ހަ މެންބަރުން ރަޝިޔާ ސިފައިން މަރާލާފައިވާ ކަމަށް ވެއެވެ. އަދި މި މަހު ހަތް ވަނަ ދުވަހު އައިސިސްއިން ދޭން އުޅުނު ހަމަލައެއް ރަޝިޔާ ސިފައިން ހުއްޓުވާލާފައިވާ ކަމަށް ވެސް ވެއެވެ. މީގެ އިތުރުން މި މަހު 20 ވަނަ ދުވަހު އައިސިސްގެ އިސްވެރިޔަކު އަތުލައިގަތް ކަމަށް ރަޝިޔާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.