Support Us

ގާޒާގެ އަލް-ޝިފާ ހޮސްޕިޓަލް ހިސޯރުކޮށް 140 މީހުން ޝަހީދުކޮށްލައިފި

ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒު ކަމަށްވާ އަލް-ޝިފާ ހޮސްޕިޓަލް ހިސޯރުކޮށް، އިޒްރޭލު ސިފައިން ހޯމަ ދުވަހު ދޭން ފެށި ހަމަލަތަކުގައި އިއްޔެއާ ހަމައަށް 140 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލު އަސްކަރިއްޔާއިން ބުނީ އަލް-ޝިފާ ހޮސްޕިޓަލުގައި އާއްމު ރައްޔިތުން ކަމަށް ހެދިގެން ހަމާސްގެ ހަނގުރާމަވެރިން އެ ތާނގައި ހިމާޔަތް ހޯދައިގެން އުޅޭ ކަމަށެވެ. އަދި ހަމަލަ ދޭން ފެށީ މި ފަދަ މީހުންނާ ހަނގުރާމަ ކުރުމަށް ކަމަށެވެ.

އިޒްރޭލުން އިއްޔެ ބުނީ ވޭތުވެދިޔަ ހަތަރު ދުވަސް ތެރޭގައި އަލް-ޝިފާ ހޮސްޕިޓަލްގެ ތެރެއިން 600 އަށްވުރެ ގިނަ ހަމާސްގެ ހަނގުރާމަވެރިން އަތުލައިގަނެވިފައި ކަމަށާއި ހަތިޔާރާއި ޖާސޫސީ ޑޮކިއުމެންޓްތައް ވެސް އަތުލައިގަނެވުނު ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަމާސްގެ އިސްވެރިންގެ އިތުރުން ފަލަސްތީނުގެ "ޕަލަސްތީނިއަން އިސްލާމިކް ޖިހާދު"ގެ އިސްވެރިން ވެސް ހިމެނޭ ކަމަށް އިޒްރޭލުން ބުންޏެވެ.

ޕަލަސްތީނިއަން އިސްލާމިކް ޖިހާދަކީ ހަމާސް ނަގާފައި ފަލަސްތީނުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ހަތިޔާރު އެޅި ޖަމާއަތެވެ. މި ޖަމާއަތުގެ އަމާޒަކީ އިޒްރޭލް އެއްކޮށް ނައްތާލުމެވެ. މިސްރުގެ "މުސްލިމް ބްރަދަހުޑް" ޖަމާއަތުގެ ގޮތްޕެއް ގޮތަށް އުފެދިގެން އައި ޕަލަސްތީނިއަން އިސްލާމް ޖިހާދު އުފެދުނީ 1979 ގައެވެ.

ހަމާސްއިން އިއްޔެ ބުނީ އަލް-ޝިފާ ހޮސްޕިޓަލްގެ އެތައް ހިދުމަތްތަކެއް އިޒްރޭލު ސިފައިން ސުންނާފަތި ކޮށްލައިފާވާއިރު އަލް-ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ އާއްމުން ދިރިއުޅޭ އިމާރާތްތައް ވެސް ބިމާހަމަކޮށްލާފައިވާ ކަމަށެވެ. އަދި މި ހަމަލަތަކުގައި ގެދޮރު ނެތިގެންދިޔަ ފަލަސްތީނު މީހުންނާއި ސިއްހީ އެހީތެރިންނާއި ބަލިމީހުން ވެސް ހައްޔަރުކޮށް، ތަފާތު ބާވަތުގެ އަނިޔާތައް ކޮށްފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު.އެޗް.އޯ.ގެ ވެރިޔާ ތެދްރޮސް އަހާނަމް ގަބްރިއެސެސް އަނެއްކާވެސް ވިދާޅުވީ އަލް-ޝިފާގެ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުތަކާއި ޚުދި ހޮސްޕިޓަލްގެ އެތެރޭގައި ވެސް އިޒްރޭލު ސިފައިން ހިންގަމުންގެންދާ ހަރަކާތްތަކާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ތެދްރޮސް ވިދާޅުވީ އަލް-ޝިފާ ހޮސްޕިޓަލަށް އިއްޔެ ޒިޔާރަތް ކުރަން އޮތް އދ.ގެ ޓީމު ވެސް އެ ޒިޔާރަތް ކެންސަލް ކޮށްލަން ޖެހުނު ކަމަށެވެ. ސަބަބަކީ ޓީމުގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވިގެންނެވެ.

"އަލް-ޝިފާ ހޮސްޕިޓަލަށް ވަނުމަކީ މިހާރު އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުފެނޭ. ސިއްހީ އެހީތެރިން ހިފާ ހައްޔަރު ކުރާ ކަމުގެ ރިޕޯޓްތައް ވެސް ލިބޭ،" ތެދްރޮސް ވިދާޅުވިއެވެ.

ހޮސްޕިޓަލުން ލީކުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސިޑިތަކު ދަށުގައި އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކަން ހޯދަން ތިބެއެވެ. އަދި ހޮސްޕިޓަލު ދޫކޮށް ދާން އުޅެފި ނަމަ މި އެންމެން ބަޑިޖަހާ މަރާލާނެ ކަމަށް އިޒްރޭލު ސިފައިން ހޮސްޕިޓަލުގެ އެތެރޭގައި ހުރި ލައުޑްސްޕީކަރުތަކުން އިންޒާރު ދޭ އަޑު ވެސް އިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *