...

Support Us

ބަންޑުން ޖަހައިލި ބޯޓުން މިހާތަނަށް ހަތްދިހަ ވަރަކަށް ރޮހިންގާ ރެފިއުޖީން ސަލާމަތްކޮށްފި

ރޮހިންގާގެ 150 ރެފިއުޖީން އިންޑޮނޭޝިއާއަށާއި މެލޭޝިއާއަށް ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހައިލި ބޯޓުން މިހާތަނަށް ހަތްދިހަ ވަރަކަށް މީހުން ސަލާމަތްކޮށްފިއެވެ. އަދި މަދުވެގެން 50 މީހުން މަރުވެފައިވާކަން މިހާތަނަށް ޔަގީންވެއްޖެއެވެ.

މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ އުދުވާންތަކުން ސަލާމަތްވުމަށް ބަނގްލަދޭޝްއަށް ހިޖުރަކޮށްފައިވާ މިޔަންމާގެ މުސްލިމު ނަސްލެއް ކަމަށްވާ ރޮހިންގާގެ ރެފިއުޖީ އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަނިކޮށް ބަންޑުންޖަހައިލި ބޯޓުގައި 150 ވަރަކަށް ރޮހިންގާ މީހުން ތިބި ކަމަށް ލަފާކުރެއެވެ. އަދި މި ބޯޓު އޮތް ހިސާބު މިހާރު ފެންނަން ނެތުމުން ބޯޓަށް ވީ ގޮތް ހޯދުމަށް ވަނީ މަސައްކަތް ފަށައިފައެވެ.

ލަފާކުރެވޭ ގޮތުގައި ބޯޓު ބަންޑުންޖަހައިލީ އަޗޭގެ ހުޅަނގުގައި އޮންނަ ކުއަލަ ބުބޮން ކިޔާ ހިސާބަކާ 12 މޭލު ދުރުންނެވެ. ސަލާމަތް ކުރެވުނު މީހުން ވަނީ އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫ.އެން.އެޗް.ސީ.އާރް. ތަމްސީލު ކުރައްވާ އޮފިޝަލެއް ކަމަށްވާ ފައިސަލް ރަހްމާން އާ ބައްދަލުކޮށްފައެވެ. ފައިސަލް ވިދާޅުވީ މި މީހުންގެ ވާހަކައިން އެނގުނު ގޮތުގައި ވަރަށް ގިނަ މީހުން ޣަރަގުވިއެވެ.

ސަލާމަތްވި މީހުން ލަފާ ކުރާ ކަމަށްވަނީ މަރުވި ގިނަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުން ކަމަށާއި ސަބަބަކީ އެ މީހުންނަށް ފަތަން ނޭނގުމުގެ އިތުރުން އޮޔާއެކު ގެންދިއުމެވެ.

މި މީހުން ސަލާމަތްކޮށްދިން މަސްވެރިން ނަގާފައިވާ، މިހާރު ސޯޝަލް މީޑިއާގައި ދައުރު ކުރަމުން އަންނަ ވީޑިއޯއެއްގައި ބަންޑުން ޖަހާލާފައިވާ ބޯޓުގެ މަތީގައި ކޮޅަށް އެތައް ބަޔަކު ތިއްބާ ފެނެއެވެ. އޮއި އަޅާލައިގެން މި ބޯޓު މިހާރު ވީ ހިސާބު ހޯދަން އިންޑޮނޭޝިއާގެ ރަސްމީ ފަރާތްތަކުން މަސައްކަތް ކުރާ އެއް ސަބަބަކީ މި މީހުންނާއި ކަނޑުވި މީހުން ސަލާމަތް ކުރުމެވެ. ވީޑިއޯއިން ފެންނަ ގިނަ މީހުންނަކީ ފިރިހެނުންނެވެ. ހިކިގެން ގޮސް އަނަރޫފަވެފައިވާ މި މީހުން، ސަލާމަތްކޮށްދޭން އެދި އިންޑޮނޭޝިއާގެ މަސްވެރިންގެ ކިބައިން އާދޭސް ކުރާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

ކުއަލަ ބުބޮންގެ އިސް މީހެއް ކަމަށްވާ އާމިރުއްދީން ވިދާޅުވީ އިންޑޮނޭޝިއާގެ "ހޯދާ ސަލާމަތް ކުރާ" އިދާރާ ކަމަށްވާ ނެޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީ ބަންޑުންޖަހައިލި ބޯޓު ހޯދުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

"ބޯޓު ބަންޑުންޖަހައިލި ސަރަހައްދަށް އޭޖެންސީއަށް ރޭގައި ދެވުނު. ނަމަވެސް ބޯޓު ފެނުނު ތޯ ނޫނީ ނޫން ތޯ އަދި ޚަބަރެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ބޯޓު ބަންޑުންޖަހައިލި ސަބަބު އަދި ނުހޯދެއެވެ. ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުން އެހެން ގައުމުތަކަށް ހިޖުރަ ކުރުމަށް ލަކުޑި ބޯޓުފަހަރު ބޭނުންކުރެއެވެ. މި ބޯޓުފަހަރަށް ރެފިއުޖީން އަރާބަރާވާއިރު ބޯޓުގައި ކިރިޔާ އެންމެ އަސާސީ ހިދުމަތްތައް ހުންނަ ފަދައެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ އޯގަސްޓް މަހު ރޮހިންގާ ރެފިއުޖީންތަކެއް ދަތުރު ކުރަމުން ދިޔަ ބޯޓެއް ބޭ އޮފް ބެންގޯލް ކަނޑަށް އަޑިއަށް ދިއުމުން 17 މީހުން މަރުވިއެވެ.

ފައިސަލް ވިދާޅުވީ އިއްޔެ ބަންޑުންޖަހައިލި ބޯޓު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްގެންދާ ކަމަށެވެ.

ގެއްލިފައިވާ މީހުންނާއި އަނިޔާ ލިބޭ މީހުންގެ ކަންތައްތައް ބަލަހައްޓާ "ކޮމިޝަން ފޮ މިސިން ޕާސަންސް އެންޑް ވިކްޓިމްސް އޮފް ވަޔޮލެންސް"ގެ ވިލަރެސްކުރުންތެރިޔާ އަޒްހަރުލް ހުސްނާ ވިދާޅުވީ ބަންޑުންޖަހައިލި ބޯޓު އޮތް ސަރަހައްދުގައި ބޯޓު ހޯދުމުގެ އިދާރާތަކުގެ އުޅަނދުތައް ވާއިރު، 138 މޭލު ދުރުގައިވާ ކުއަލަ ބުބޮންއިން ބޯޓެއް ފޮނުވީ ކީއްވެކަން ނުވިސްނޭ ކަމަށެވެ.

"ރެފިއުޖީން ވީހާވެސް އަވަހަށް ސަލާމަތް ކުރުމަކީ މުހިންމު ކަމެއް. މިއީ އިންޑޮނޭޝިއާ ސަރުކާރުގެ ޒިންމާއެއް. މިއީ ދިރިހުމާއި މަރާ ގުޅޭ ކަމެއް،" އަޒްހަރުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަނޑުމަތިން ފެންނަ ރެފިއުޖީން ސަލާމަތް ކުރުމަކީ އިންޑޮނިޝާގެ ރައީސް 2016 ގައި ތަންފީޒު ކުރެއްވި ގަރާރަކުން އިންޑޮނޭޝިއާ ސަރުކާރަށް މަޖުބޫރު ކުރުވާ ކަމެއް ކަމަށެވެ.

"އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ނަމަވެސް މި ރެފިއުޖީން ސަލާމަތް ކުރުމަކީ އަހަރެމެންގެ އުއްމީދު،" އަޒްހަރުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޭގެ ވަގުތެއްގައި ކުއަލަ ބުބޮންގެ ރަށްވެހިންތަކެއް ބަނދަރު ސަރަހައްދަށް ގޮސް، ރޮހިންގާ ރެފިއުޖީން ރަށަށް ނޭރުވުމަށް ގޮވާލާފައިވާ ކަމަށެވެ. ބައެއް މީހުން ތިބީ ރޮހިންގާ މީހުން "ބޮއިކޮޓް" ކުރަން ގޮވާލާ ފޮތިތަކެއް ހިފައިގެން ކަމަށް ވެސް އަޒްހަރުލް ވިދާޅުވިއެވެ.

މިޔަންމާގައި ރޮހިންގާ މީހުންނާ ދެކޮޅު ކެމްޕޭން އެންމެ ސީރިއަސްވީ އެ ގައުމުގެ ރަކައިން ސްޓޭޓްގައި 2017 ގައެވެ. އެއީ އެ ރަށުގައި އަސްކަރިއްޔާއިން ހިންގި އަނިޔާވެރި ދަތިކުރުންތަކާ ހިސާބުންނެވެ. މި ކަމާ ގުޅިގެން އެއް މިލިއަން ރޮހިންގާ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށް، ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެން ފަށައިފައެވެ. ރޮހިންގާ ރެފިއުޖީން އެހެން ގައުމުތަކަށް ހިޖުރަ ކުރަން ފެށީ 2021 ގައި މިޔަންމާއަށް ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެންނެވެ.

ފަހުގެ ތާރީހެއްގައި ރޮހިންގާ ރެފިއުޖީން މަސައްކަތް ކުރަމުން އަންނަނީ މެލޭޝިއާއަށް ހިޖުރަ ކުރުމަށެވެ. އެ ގޮތުން މިދިޔަ މަހާ ހަމައަށް މެލޭޝިއާގައި ތިބި ރޮހިންގާ މީހުންގެ އަދަދު ވަނީ 108،500 އަށް އަރާފައި ކަމަށް ޔޫ.އެން.އެޗް.ސީ.އާރް.އިން ބުންޏެވެ.

ފާހަގަ ކޮށްލެވެނީ ރޮހިންގާ ރެފިއުޖީން އިންޑޮނޭޝިއާއަށް އައުމާދު އަޗޭގެ ރަށްވެހިން ނުރުހޭ ކަމެވެ. މި ގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަޗޭއަށް ވަނުމަށް މަސައްކަތް ކުރި ރޮހިންގާ ރެފިއުޖީންގެ ބޯޓަކަށް ވަނީ އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން ހުރަސްއަޅައިފައެވެ.

ހަމަ މިދިޔަ ޑިސެމްބަރު މަހު ބަންޑާ އަޗޭގެ ހޯލެއްގައި ތިބި 137 ރޮހިންގާ ރެފިއުޖީންނާ އިންޑޮނޭޝިއާގެ ދަރިވަރުންތަކެއް ކުރިމަތިލައި، ރޮހިންގާ ރެފިއުޖީންތައް ޑީޕޯޓް ކޮށްލުމަށް ގޮވައިލިއެވެ.

އިންޑޮނޭޝިއާއަކީ 1951 ގައި އދ.އިން ފާސް ކުރި ރެފިއުޖީންނާ ބެހޭ މުއާހަދާގައި ބައިވެރިވެފައިވާ ގައުމެއް ނޫނެވެ. ނަމަވެސް ކުރިން ބެލެވިފައިވަނީ އިންޑޮނޭޝިއާއަކީ ރޮހިންގާ މީހުންނާމެދު ހަމްދަރުދީވާ ގައުމެއްގެ ގޮތުގައެވެ. އެއާ ހިލާފަށް މިޔަންމާގެ އަނެއް އަވައްޓެރި ގައުމުތައް ކަމަށްވާ މެލޭޝިއާ އާއި ތައިލެންޑް އަކީ ރޮހިންގާ ރެފިއުޖީންގެ ބޯޓުތަކަށް ހުރަސް އަޅަމުންދާ ދެ ގައުމެވެ.

ފަހުގެ ތާރީހެއްގައި އަޗޭގެ ރައްޔިތުން ރޮހިންގާ މީހުންނާ މެދު އިދިކީލި ގޮތަކަށް އަމަލުތައް ބަހައްޓަން ފެށީ އަޗޭގެ ރަށްވެހިންނަށް ބައިނަލްއަގުވާމީ އެހީ ރޮހިންގާ މީހުންނާ އެއްވަރަށް ނުލިބޭ ކަމަށް އަޗޭގެ ރަށްވެހިން ދެކޭތީއެވެ. އަދި ރޮހިންގާ މީހުންނަކީ ކުށް ކުރާ ބައެއް ކަމަށް ވެސް އަޗޭގެ ރަށްވެހިން ތުހުމަތު ކުރެއެވެ. މެލޭޝިއާގެ ރައްޔިތުންވެސް، އެއްވެސް ހެއްކަކާ ނުލައި، ތުހުމަތު ކުރަމުން ދަނީ ރޮހިންގާ މީހުންނަކީ ކުށްކުރާ މީހުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.