...

Support Us

ހަމާސްގެ އިސް ވެރިޔެއް އިޒްރޭލުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސްގެ އިސް ވެރިއެއް ކަމަށްވާ މަރުވާން އީސާ އިޒްރޭލުން ޝަހީދުކޮށްލައިފި ކަމަށް އެމެރިކާއިން ބުނެފިއެވެ.

މަރުވާން ޝަހީދު ވީ އިޒްރޭލުން ދިން ވައިގެ ހަމަލައެއްގައި ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވިއެވެ.

މިއީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލައަށް ފަހު ހަމާސްގެ ތެރެއިން ޝަހީދުވި ދެވަނައަށް އެންމެ އިސް ވެރިޔާއެވެ.

އެމެރިކާއިން މިހެން ބުނި ނަމަވެސް، ގާޒާ ކޮންޓްރޯލް ކުރާ ހަމާސްއިން މަރުވާންގެ ޝަހީދުވުމާ ގުޅޭ ގޮތުން ރަސްމީ ގޮތެއްގައި އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނީ މަރްވާން (ފޮޓޯގައި ފާހަގަކޮށްފައި) ޝަހީދު ވީ ނިމިދިޔަ ހަފުތާގައި ގާޒާގެ މެދުތެރޭ ސަރަހައްދެއް ކަމަށްވާ ނުސައިރަތުގެ ރެފިއުޖީ ކޭމްޕްގެ ބިމުގެ އަޑީގައިވާ ބިންގަރާހެއްގެ ތެރޭގައި ކަމަށެވެ.

މަރުވާންއަކީ ފަލަސްތީނުގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީނުލް ގައްސާމްގެ ދެވަނަ އަށް އެންމެ މަތީ ވެރިޔާ ނުވަތަ "ޑެޕިއުޓީ ކޮމާންޑަރު"އެވެ.

މަރުވާން ބެލެވިފައިވަނީ އިޒްރޭލުން ފާރަ ލާ ހަމާސްގެ ވެރިންގެ ތެރެއިން އެންމެ ބޮޑަށް ބޭނުންވާ އެކަކުގެ ގޮތުގައެވެ. ޔޫރަޕްގެ ގުޅިފައިވާ އިއްތިހާދު ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)އިން ވަނީ އެ އިއްތިހާދުން ޓެރަރިސްޓުން ގޮތަށް ދެކޭ މީހެއްގެ ގޮތުގައި މަރުވާން ޓެރަރިސްޓުންގެ ލިސްޓަށް ލައިފައެވެ. އޮކްޓޫބަރު ހަތެއްގެ ހަމަލަ ދީ ޔަހޫދީންގެ 1،200 މަރާލުމާ މަރުވާނާ ގުޅުން ހުރި ކަމަށް އީ.ޔޫ.އިން ވަނީ ތުހުމަތުކޮށްފައެވެ. އިޒްރޭލުން ވެސް ވަނީ މިހެން ތުހުމަތުކޮށްފައެވެ.

ފަލަސްތީނުގެ ފުރަތަމަ އިންތިފާދާގައި އިޒްރޭލުން ވަނީ މަރުވާން ފަސް އަހަރަށް ޖަލަށް ލައިފައެވެ. އޭގެ ފަހުން 1997 އިން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ޚުދު ފަލަސްތީނު އޮތޯރިޓީން ވެސް ވަނީ އޭނާ ހައްޔަރުކޮށްފައި ބަހައްޓައިފައެވެ. އެއަށްފަހު 2006 ގައި އިޒްރޭލުން އޭނާ ޝަހީދު ކޮށްލަން ދިން ހަމަލައެއްގައި ޒަހަމްތަކަކާއެކު އޭނާ ވަނީ ސަލާމަތްވެފައެވެ. މީގެ އިތުރުން 2014 އާއި 2021 ގައި އޭނާގެ ގެއަށް ހަމަލަދީ، އޭނާގެ ބޭބެއަކު ވަނީ ޝަހީދުކޮށްލައިފައެވެ.

މަރުވާން ހުންނަ ގޮތުގެ ސިފަ އާއްމުންނަށް ފުރަތަމަ ފެނުނީ 2011 ގައެވެ. އެއީ ގައިދީން ބަދަލު ކުރި ކުރުމެއްގައި ނަގާފައިވާ ގްރޫޕް ފޮޓޮއަކުންނެވެ.

އޮކްޓޫބަރު ހަތެއްގެ ހަމަލައާ ގުޅިގެން އިޒްރޭލުން ގާޒާއަށް ދޭން ފެށި ހަމަލަތަކުގައި ހަމާސްގެ ބައެއް އިސް ވެރިން ޝަހީދު ވެފައިވެއެވެ. އޭގެ ތެރޭގައި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ސޯލިހް އަލް-އަރޫރީ ހިމެނެއެވެ. އޭނާ ޝަހީދުކޮށްލީ ލުބްނާންގެ ވެރިރަށް ބޭރޫތުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ދަހިޔޭގައި ބޮމެއް ގޮއްވާލައިގެން ކަމަށް ބެލެވެއެވެ.

ސަލިވަން ވިދާޅުވީ ހަމާސްގެ އެހެން ވެރިން ގާޒާގެ ބިންގަރާސްތަކުގެ ތެރޭގައި ފިލައިގެން އުޅޭ ކަމަށް ބެލެވޭ ކަމަށެވެ.

"ހަމާސްގެ އިސް ވެރިން އަތުލައިގަތުމަށް އެމެރިކާއިން އިޒްރޭލަށް އެހީވެދޭނަން. އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ސަލިވަން ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން ގެންގުޅޭ އުކުޅުތަކާމެދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ހިތްހަމަޖެހި ވަޑައިނުންގަވާ ކަމަށާއި އެއީ މިހާތަނަށް 31،000 ފަލަސްތީނުގެ އާއްމު ރައްޔިތުން ޝަހީދު ވެގެންދިޔަ ގޮތުން ކަމަށެވެ.

ގާޒާގެ ދެކުނުގައިވާ ފަލަސްތީނުގެ ރަށެއް ކަމަށްވާ ރަފާހަށް އިޒްރޭލުން ހަމަލައެއް ދީފި ނަމަ އިޒްރޭލަށް އެ ހެދެނީ ގޯހެއް ކަމަށާއި ސަބަބަކީ ފަލަސްތީނުގެ އެއް މިލިއަނެއްހާ ރެފިއުޖީން އެ ތާނގައި ތިބީމާ ކަމަށެވެ.

ފަލަސްތީނުގެ އާއްމުން ޝަހީދު ކުރަމުންދާތީ އިޒްރޭލަށް ބައިނަލްއަގުވާމީ ނުރުހުން ދަނީ ލިބެމުންނެވެ. އަދި މީގެ ތެރޭގައި އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުގެ ނުރުހުން ވެސް ވަނީ ލިބެން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.