Support Us

ރަޝިޔާގެ ރިޔާސީ އިންތިހާބު ޕުޓިން ކާމިޔާބު ކުރައްވައިފި

ރަޝިޔާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ކަމަށް ރައީސް ވްލަޑިމިއާ ޕުޓިން މިއަދު ހެނދުނު ވިދާޅުވެއްޖެއެވެ.

ޕުޓިން އަށް އިންތިހާބު ކާމިޔާބު ކުރެއްވުނީ ވޯޓު ލީ މީހުންގެ ތެރެއިން 87 ޕަސެންޓް ކާމިޔާބު ކުރައްވައިގެންނެވެ.

"މިއީ ހުޅަނގުގެ ގައުމުތަކުގެ ވިސްނުމާ ހިލާފަށް ރަޝިޔާއިން ޔޫކްރެއިން ހިފަން ރައްޔިތުން އެދޭކަން ހާމަވާ އިންތިހާބީ ނަތީޖާއެއް،" އިންތިހާބަށް ފަހު މިއަދު ހެދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވިއެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވުމުން، ގާތްގަނޑަކަށް 25 އަހަރާ ގާތްވެފައިވާ ޕުޓިންގެ ވެރިކަން އަނެއްކާވެސް ދިގުދަންމާލަން އޭނާއަށް އިތުރު ފުރުސަތެއް ލިބިވަޑައިގަތީއެވެ. މި ގޮތުން އޭނާއަށް އިތުރު ހަ އަހަރު ވެރިކަމުގައި ހުންނެވޭނެއެވެ.

ރަޝިޔާގެ އިލެކްޝަން ކޮމިޝަނުން ބުނީ މިހާތަނަށް ގުނި 60 ސަރަހައްދުގެ ވޯޓުގެ ނަތީޖާ ދައްކަނީ ޕުޓިން 87 ޕަސެންޓްގެ ވޯޓު ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. މީގެ މާނައަކީ އުމުރުން 71 އަހަރުގެ ޕުޓިން ވެގެންދާނީ ވޭތުވެދިޔަ 200 އަހަރުގެ ތެރޭގައި ރަޝިޔާގެ ވެރިކަން އެންމެ ދިގު މުއްދަތަކަށް ކުރައްވާފައިވާ ވެރިއަށެވެ.

އިންތިހާބުގައި ދެވަނައަށް ވަޑައިގަތީ ކޮމިއުނިސްޓް ޕާޓީގެ ކެންޑިޑޭޓް ނިކޮލައި ކަރިތޯނަފްއެވެ. އޭނާއަށް ލިބިވަޑައިގަތީ 4 ޕަސެންޓަށް ވުރެ ކުޑަ ނިސްބަތެކެވެ. އަލަށް އިންތިހާބާ ކުރިމަތިލެއްވި ވްލަޑިސްލާފް ޑަވެންކޮފް ދިޔައީ ތިން ވަނަ އަށެވެ. އަދި ހައްދު ފަހަނަޅާފައިވާ ކަނާތު ފިޔައިގެ ކެންޑިޑޭޓް ލިއަނިޑް ސްލަޓްސްކީ ދިޔައީ ހަތަރު ވަނަ އަށެވެ.

އިލެކްޝަން ކޮމިޝަން ބުނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 74.22 ޕަސެންޓް ރައްޔިތުން ވޯޓު ލި ކަމަށެވެ. މިއީ 2018 ގައި ވޯޓު ލި 67.5 ޕަސެންޓް ރައްޔިތުންނަށް ވުރެ އިތުރު އަދަދެކެވެ.

ޕުޓިންގެ ކާމިޔާބީއަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށް ރަޝިޔާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެ ގޮތުން އޭނާއާ ދެކޮޅު ހަދާ މީހުންނާއި އޭނާއަށް ފާޑު ކިޔާ މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ޖަލުތަކުގައެވެ. ނުވަތަ ގައުމުން ބޭރަށް އަމިއްލައަށް އަރުވާލެވިގެންނެވެ. އަދި ޕުޓިން އާ އިދިކޮޅު ބައެއް މީހުން މަރުވެފައިވެސް ވެއެވެ. ރަޝިޔާގައި ޕުޓިންގެ ވެރިކަމާ ދެކޮޅަށް އާއްމު ތަންތާނގައި ވާހަކަ ދައްކައި ހިޔާލު ފާޅު ކުރުމަކީ ވެސް މަނާ ކަމެކެވެ.

ޕުޓިން އާ އެންމެ ބޮޑަށް ސިޔާސީ ހަތުރުވެރިކަން އޮންނަ އެލެކްސޭ ނަވަލްނީ މިދިޔަ މަހު ވަނީ ޖަލެއްގައި މަރުވެފައެވެ.

މީގެ ކުރިން، 1999 ވަނަ އަހަރާ ހަމައަށް، ރަޝިޔާގެ ޖާސޫސީ އިދާރާ ކަމަށްވާ ކޭ.ޖީ.ބީ.ގައި މަސައްކަތް ކުރެއްވި ޕުޓިން އާމެދު ހުޅަނގުގެ ގައުމުތައް އަބަދުވެސް ބަލަމުން އަންނަނީ ޝައްކުގެ ނަޒަރަކުންނެވެ. އެގޮތުން އެމެރިކާއިން މިއަދު ބުނީ އިއްޔެ ބޭއްވުނު އިންތިހާބު މިނިވަން ނޫން ކަމަށާއި އިންސާފުވެރި ވެސް ނޫން ކަމަށެވެ. މީގެ އިތުރުން އިނގިރޭސި ވިލާތާއި ޔޫކްރެއިނުން ވެސް ހިޔާލު ފާޅު ކޮށްފައިވަނީ އެމެރިކާގެ ބަހަށް ތާއީދު ކުރާ ގޮތަށެވެ.

އިންތިހާބު މި ބޭއްވުނީ ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ހަނގުރާމަ ކުރަމުންދާތާ ދެ އަހަރު ވެފައިވަނިކޮށެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕްގައި ކުރަމުންދާ އެންމެ ބޮޑު ހަނގުރާމައެވެ.

ރަޝިޔާގައި ވޯޓުލެވޭ މީހުންގެ 114 މިލިއަން މީހުންގެ މެދުގައި ޕުޓިން އާ ދެކޮޅަށް އިއްޔެ މުޒާހަރާއެއް ބޭއްވިއެވެ. އޭގެ ތެރޭގައި ނަވަލްނީ އަށް ތާއީދު ކުރާ މީހުން ވެސް ހިމެނެއެވެ. ނަމަވެސް މި މުޒާހަރާގައި ބައިވެރިވީ ކިތައް މީހުން ކަމެއް މިނިވަން ގޮތަކަށް އަންދާޒާ ކުރެވިފައެއް ނެތެވެ.

ރަޝިޔާގެ ވެރިކަމަށް ޕުޓިން އަށް ވަޑައިގެންނެވުނީ ރަޝިޔާގެ ކުރީގެ ރައީސް ބޮރިސް ޔެލްސިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ ރައީސްގެ ބަދަލު ނުވަތަ "އެކްޓިން ޕްރެޒިޑެންޓް"ގެ ގޮތުގައެވެ. އެއަށްފަހު ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ މާރިޗު 2000 ގައެވެ. އަދި ދެވަނަ ދައުރެއް ލިބިވަޑައިގަތީ 2004 ގައެވެ.

ދެ ދައުރު ރައީސް ކަމުގައި ހުންނެވުމަށް ފަހު 2008 ގައި ޕުޓިން ބަދަލުވެވަޑައިގަތީ ބޮޑު ވަޒީރުގެ މަގާމަށެވެ. އެއީ ރައީސްކަމުގައި ދެ ދައުރަށް ވުރެ ގިނަ ދުވަހު އެކަކު ހުރުން ގާނޫނު އަސާސީ ތަން ނުދޭތީއެވެ. ނަމަވެސް އެއަށް ފަހު އޭނާ އަލުން 2012 ގައި ރައީސް ކަމަށް ވަޑައިގަތެވެ. އަދި 2018 ގައި ރިޔާސީ ހަތަރު ވަނަ ދައުރެއް ކާމިޔާބު ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *