Support Us

ނައިޖީރިއާގައި 287 ދަރިވަރުން ރަހީނުކޮށްފައި، ހަ ލައްކަ ޑޮލަރު ނުދީފިނަމަ އެންމެން މަރާލާނެ

ނައިޖީރިއާގައި މީގެ 10 ދުވަސް ކުރިން ރަހީނު ކުރި 287 ދަރިވަރުން ދޫކޮށްލާނީ ނައިޖީރިއާގެ ފައިސާ ކަމަށްވާ ނައިރާގެ އެއް ބިލިއަން ނުވަތަ 621،848 އެމެރިކާ ޑޮލަރު ދިނުމުން ކަމަށް، ދަރިވަރުން ވަގަށް ނެގި ގޭންގުން ބުނެފިއެވެ.

ހަތިޔާރު އެޅި މި ގޭންގުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި މި އަދަދަށް ސަރުކާރުން ފައިސާ ނުދީފި ނަމަ، ރަހީނު ކުރި ދުވަހުން ފެށިގެން 20 ދުވަސް ތެރޭގައި ހުރިހާ ކުދިން މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް، ސްކޫލް ހުރި ކަޑުނާ ސްޓޭޓްގެ ކުރިގާ ވިލެޖްގެ ރައްވެއްސެއް ކަމަށްވާ އަމީނު ޖިބްރީލް ބުންޏެވެ.

"ސްކޫލް ކުދިންތައް ކިޑްނެޕް ކުރި ގޭންގުން ބުނީ އެ މީހުން މި ކަމެއް ކުރީ ސަރުކާރުގެ އަސްކަރީ ފައުގުޖުތަކުން އެ ގޭންގްގެ މެންބަރުން މަރާލާފައިވާތީ އެ ކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް،" އަމީން ބުންޏެވެ.

އޭނާ ބުނީ އޭނާގެ ފޯން ނަންބަރު ގޭންގަށް ލިބުނީ ރަހީނު ކުރި ދަރިވަރެއްގެ އަތުން ކަމަށް ބެލެވޭ ކަމަށެވެ.

އެލް.އީ.އޭ. ޕްރައިމަރީ އެންޑް ސެކަންޑްރީ ސްކޫލް ނަމަކަށް ކިޔާ މި ސްކޫލުން ރަހީނު ކުރި ބައެއް ކުދިން ސަލާމަތް ކުރެވުނު ކަމަށާއި ނަމަވެސް 287 ކުދިން ގޭންގް މެންބަރުންގެ އަތްދަށަށް ދިޔަ ކަމަށް ކަޑުނާ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު މަންސޫރު ހަސަން ސީ.އެން.އެން.އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަތިޔާރާއެކު ސައިކަލުތަކެއްގައި އައި ގޭންގް މެންބަރުން 300 އެއްހާ ދަރިވަރުން ވަގަށް ނަގަން އުޅުނު ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް ކުދިން ސަލާމަތް ކުރެވުނީ ކަމަށެވެ.

ރަހީނު ކުރި ކުދިންގެ ތެރޭގައި ޕްރައިމަރީ އާއި ސެކަންޑްރީ ގްރޭޑްގެ ކްލާސް ކުދިން ހިމެނެއެވެ.

ކަޑުނާ ސްޓޭޓްގެ ގަވަރުނަރު އުބާ ސާނީ ދެއްވި ބަޔާނެއްގައި ވިދާޅުވީ "ރަހީނު ކުރި ކިޔަވާކުދިން ސަލާމަތްކޮށްގެން ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ" ކަމަށެވެ.

"ގޭންގާ ކުރިމަތިލައި ދަރިވަރުން ސަލާމަތް ކުރަން މަސައްކަތްކުރި ބައެއް މީހުންގެ ތެރެއިން އެކަކު ވަނީ މަރާލާފައި،" އުބާ ވިދާޅުވިއެވެ.

ވެރިރަށް އަބޫޖާގެ ހުޅަނގުދެކުނުގައި އޮންނަ ކަޑުނާގައި މީގެ ކުރިން ވެސް މި ކަހަލަ ހާދިސާތަކެއް ވަނީ ހިނގައިފައެވެ. އެ ގޮތުން 2021 ވަނަ އަހަރު މަދުވެގެން 140 ދަރިވަރުން ވަނީ ވަގަށް ނަގައިފައެވެ. އެ ކަމެއް ހިނގީ އަމިއްލަ ޔުނިވާސިޓީއަކުން 20 ދަރިވަރުން ވަގަށް ނަގާފައިވަނިކޮށެވެ. ސަރުކާރުން ފައިސާ ނުދެއްކުމުން މީގެ ތެރެއިން ފަސް ދަރިވަރުން ވަނީ މަރާލައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *