Support Us

ހޫތީން ރަހީނުން ދޫކޮށްލާނީ ގާޒާއަށް ހަމަލަ ދިނުން އިޒްރޭލުން ހުއްޓާލުމުން

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރަތް ކަނޑުން ރަހީނު ކޮށްފައިވާ މުދާ އުފުލާ މަނަވަރު "ގެލެކްސީ ލީޑާ"ގެ ފަޅުވެރިން ދޫކޮށްލުމުގެ ނިންމުން ނިންމަން ހަވާލު ކޮށްފައިވަނީ ހަމާސްއަށް ކަމަށް ހޫތީން އިއްޔެ ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ހަމަލަ ދިނުމުން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭން ފެށި ހަމަލަތަކާ ދެކޮޅަށް، ހޫތީ ހަނގުރާމަވެރިން ނޮވެމްބަރު މަހު 19 ވަނަ ދުވަހު ރަހީނު ކޮށްފައިވާ، 25 ފަޅުވެރިން ހިމެނޭ މި އުޅަނދަކީ ޖަޕާނުގެ ނިޕޮން ޔޫސަން އާއި ރޭ ޝިޕިން ގުޅިގެން ހިންގާ އުޅަނދެކެވެ. ރޭ ޝިޕިންއަކީ އިޒްރޭލުގެ ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހީމް އުންގާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ފިލިޕީންސްގެ އިސް ޑިޕްލޮމެޓަކު ވިދާޅުވީ ގާޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލަތައް ހުއްޓާ ނުލަނީސް ގެލެކްސީ ލީޑާގެ ފަޅުވެރިން ދޫކޮށްލާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

މި އުޅަނދުގެ ފަޅުވެރިންގެ ގޮތުގައި ހިމެނެނީ 17 ފިލިޕީންސްގެ ރައްޔިތުންނާއި ދެ ބަލްގޭރިއާގެ ރައްޔިތުންނާއި ޔޫކްރެއިންގެ ތިން ރައްޔިތުންނާއި މެކްސިކޯގެ ތިން ރައްޔިތުންނާއި އަދި ރޮމޭނިއާގެ އެއް ރައްޔިތެކެވެ.

"ރަހީނު ކުރިތާ 100 އަށް ވުރެ ގިނަ ދުވަސް ވިޔަސް، މި އުޅަނދު ދޫކޮށްލާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތް ގަޒާއަށް އިޒްރޭލުންދޭ ހަމަލަތައް ހުއްޓާނުލިއްޔާ،" ފިލިޕިންސްގެ ހާރިޖިއްޔާގެ އޮފިޝަލެއް ކަމަށްވާ އެޑުއާޑޯ ޑި ވެގާ ވިދާޅުވިއެވެ.

ޝީއައި މަޒުހަބަށް ތަބާވާ ހޫތީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ޝީއައި މީހުންގެ ބޮޑު އާބާދީއެއް އޮންނަ އީރާނުންނެވެ. އަދި މިހެންވެ ސައޫދީ ސަރުކާރާ ހޫތީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ ނުސީދާކޮށް އީރާނާ އެމެރިކާގެ ތާއީދު ލިބިފައިވާ ސައޫދީ ސަރުކާރާ ދެމެދު ހިންގަމުން އަންނަ ހަނގުރާމައެއް ކަމަށް ބެލެވެއެވެ.

ހޫތީންގެ ތަރުޖަމާނު ނަސްރުއްދީން އާމިރު ވިދާޅުވީ ގެލެކްސީ ލީޑާގެ ފަޅުވެރިން ދޫކޮށްލުމާއި ނުލުން ނިންމާނީ ހަމާސް އާއި އިއްޒުއްދީނުލް ގައްސާމް ބްރިގޭޑުން ކަމަށެވެ. އިއްޒުއްދީނުލް ގައްސާމް އަކީ ހަމާސް އަށް އަސްކަރީ އެހީ ފޯރުކޮށްދޭ ގްރޫޕެވެ. މި ގްރޫޕްގެ މަސައްކަތަކީ އިޒްރޭލުގެ އެތެރޭގައި ހަމާސްއިން ބޭނުންވާ ހަމަލަތައް ހިންގުމެވެ.

ޑި ވެގާ ވިދާޅުވީ ރަހީނު ކޮށްފައިވާ އުޅަނދުގެ ފަޅުވެރިން ދޫކޮށްލުމަށް ހޫތީން ހުށަހަޅާ އެއް ޝަރުތަކީ ހޫތިންނަކީ ޔަމަނުގެ ސަރުކާރު ކަމަށް ދުނިޔެ ގަބޫލު ކުރުން ކަމަށާއި ނަމަވެސް މިއީ ވާނެ ކަމެއް ކަމަކަށް ނުބެލޭ ކަމަށެވެ.

"އުޅަނދުފަހަރަށް ހަމަލަދޭ އެއްވެސް 'ސަރުކާރެއް' ދުނިޔޭގެ ސަރުކާރުތަކުން ބަލައިގަންނާނެ ކަމަކަށް ނުފެނޭ. އެހެންވީމާ ހޫތީންނާ މަޝްވަރާ ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނޭ. މިހެންވެ މި ބަލަނީ ރަހީނު ކޮށްފައިވާ ފަޅުވެރިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް،" ޑި ވެގާ ވިދާޅުވިއެވެ.

ފިލިޕީންސްއަކީ އަހަރަކު ބައި މިލިއަނެއްހާ ސީމަނުން ބޯޓުފަހަރަށް ފޮނުވާ ގައުމެކެވެ. މިއީ ކަނޑުގެ އުޅަނދުފަހަރުގައި މަސައްކަތްކުރާ ސީމަނުންގެ ނިސްބަތުން ފަސްބައިކުޅައެއްބައެވެ.

ގެލެކްސީ ލީޑާ ރަހީނު ކުރުމަށް ފަހު ހޫތީން އާއްމު ކުރި ވީޑިއޯއެއްގައި ދައްކަނީ އެ އުޅަނދުގެ ފަޅުވެރިންނަށް މަރުހަބާ ކިޔާ މަންޒަރެވެ. އަދި ވީ އެންމެ ރަނގަޅަށް މެހެމާންދާރީ އަދާކުރާނެ ކަމަށް ބުނާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

"ތިޔަ ފަޅުވެރިން ބޭނުންވާ ކޮންމެ ކަމެއް އަހަރެމެން ކޮށްދޭނަން،" ވީޑިއޯގައި ހޫތީންގެ މީހަކު ބުނާ އަޑު އިވެއެވެ.

ޑި ވެގާ ވިދާޅުވީ ހޫތީން އަންނަނީ ފަޅުވެރިންނަށް ރަނގަޅަށް ކާންދެމުން ކަމަށެވެ. އަދި މިހެންވެ، ބައެއް ފަޅުވެރިންގެ ބަރުދަން އިތުރުވެފައިވާ ކަމަށްވެސް ވެއެވެ. ފަޅުވެރިންނާ ދެކޮޅަށް އެއްވެސް އަނިޔާއެއް ނުހިންގާ ކަމަށާއި ކޮންމެ ހަފުތާއަކު ކުރު ނަމަވެސް ކޯލެއް ކޮށްލައި، އާއިލާތަކާ ވާހަކަ ދައްކާލާނެ ފުރުސަތު ދޭ ކަމަށް ވެސް ޑި ވެގާ ވިދާޅުވިއެވެ. ނަމަވެސް ފަޅުވެރިންނަކީ ކޮން ބައެއްކަން އާއްމުކޮށް އިއުލާން ކޮށްފައި ނުވާ ކަމަށް ޑި ވެގާ ވިދާޅުވިއެވެ.

ފަޅުވެރިން ރަހީނު ކޮށްފައި ބައިތިއްބާފައިވަނީ އުޅަނދުގައެވެ. އަދި ބައެއް ފަހަރަށް ހޫތީންގެ ބެލުމުގެ ދަށުން އެއްގަމަށް ދިއުމުގެ ފުރުސަތު ވެސް ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަވާ ޔަމަންގެ ކަންތައްތައް ދިރާސާ ކުރައްވާ މުހައްމަދު އަލްގާޒީ ވިދާޅުވީ ފަޅުވެރިންނަށް ކަމޭހިތުމަކީ ހޫތީންނަށް ވެސް އޮތް ރަނގަޅު ގޮތް ކަމަށެވެ.

"މި ފަޅުވެރިންނަކީ މައުސޫމް ބައެއް. އެހެންވީމާ ހޫތީން ބޭނުމެއް ނުވާނެ ހޫތީންނާމެދު ނުބައި ތަސައްވަރެއް ދުނިޔޭގެ ކުރިމަތީގައި އުފެދޭކަށް،" އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *