Support Us

ބައިނަލްއަގުވާމީ ފިއްތުންތަކާހުރެ އިޒްރޭލުން ގާޒާއަށް އެހީ ފޯރުކޮށްދެނީ

ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުން ޕްރެޝަރު ކުރަން ފެށުމުން ގާޒާއަށް ކާބޯތަކެއްޗާއި އެހެނިހެން އެހީ ފޯރުކޮށްދޭނެ ކަމަށް އިޒްރޭލުން މިއަދު ބުނެފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާ، އިޒްރޭލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް.)ގެ އޮފިޝަލެއް ކަމަށްވާ ޑެނިލް ހަގަރީ ވިދާޅުވީ ގާޒާގެ އުތުރު ސަރަހައްދަށް އެހީ ފޯރުކޮށްދިނުމަށް އެއްގަމުން އާ މަގެއް ހުޅުވާލާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް އާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ގާޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަމަށް އދ.އިން ބުނެފައިވެއެވެ. އެ ގޮތުން އދ.އިން ބުނީ ގާޒާގެ ރައްޔިތުން ބަނޑަށްޖެއްސުމަކީ އިޒްރޭލުން ގަސްދުގައި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އުކުޅެއް ކަމަށެވެ.

ޔޫރަޕްގެ ގުޅިފައިވާ އިއްތިހާދު، އީ.ޔޫ.ގެ ހާރިޖީ މުސްތަޝާރު ހޮސިޕް ބޮރެލް ވިދާޅުވީ ގާޒާއަށް އެއްގަމު މަގުން ވަދެވޭ ދޮރުތައް މިހާތަނަށް އިޒްރޭލުން ބަންދުކޮށްފައިވަނީ ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ގަސްދުގައި ހުރަސް އެޅުމަށް ކަމަށެވެ.

އދ.އިން ބުނީ ހަމާސްއާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލަތަކާއި ބޮންއެޅުންތަކާއި ގާޒާއަށް ވަދެވޭ މަގުތައް އިޒްރޭލުން ދޭތެރެދޭތެރެއިން ބަންދު ކުރުމުން ރައްކާތެރިކަމާއެކު ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އައި.ޑީ.އެފް.އިން ބުނީ ހަ ލޮރީގެ ކާބޯތަކެތި، ދެކުނު އިޒްރޭލާ ގާޒާ ގުޅޭ އިމުގެ ޒަރީއާއިން ގާޒާ ތެރެއަށް ފޮނުވާފައިވާ ކަމަށެވެ.

ހަގަރީ ވިދާޅުވީ އެއްގަމު މަގުގެ އިތުރުން ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެސް ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

އިޒްރޭލުން މިހެން ކަންތައް ކުރިއަސް، މި ފަދަ އެހީ ހަމާސްއަށް ލިބިދާނެތީ ކަންބޮޑުވާ ކަމަށް ހަގަރީ ވިދާޅުވިއެވެ.

"މިހެންވެ ވަކި ޝެޑިއުލްއަކަށް ރާވައިގެން ނޫން އެހީ މި ދެނީ،" ހަގަރީ ވިދާޅުވިއެވެ.

އިޒްރޭލުން ވަކި ގޮތެއް ބެލުމެއް ނެތި ގާޒާ ސުންނާފަތި ކޮށްލަން ފެށީ ހަމާސްއިން އޮކްޓޫބަރު 7 ގެ ހަމަލާގައި 1،200 ޔަހޫދީން މަރާލާއި 253 ޔަހޫދީން ވަގަށް ނެގުމުންނެވެ.

އިޒްރޭލުން ފެށި މި ހަމަލަތަކުގައި މިހާތަނަށް ވަނީ ގާޒާގެ 31،200 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައި ކަމަށް ގާޒާގައި ހިންގާ ހަމާސްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

އދ.އިން ބުނީ ގާޒާގައި ދިރިއުޅޭ 576،000 ފަލަސްތީނު މީހުން، ނުވަތަ ގާޒާގެ ފަލަސްތީނުގެ އާބާދީގެ ހަތަރުބައިކުޅައެއްބައި ރައްޔިތުން ބަނޑަށްޖެހުމާ އޮތީ "އެންމެ ފިޔަވަޅެއް ކައިރީގައި" ކަމަށެވެ.

އދ.އިން ބުނީ އެންމެ ބޮޑަށް ބަނޑުހައިހޫނުކަން ފެތުރުމުގެ ބިރު އޮތީ ގާޒާގެ އުތުރު ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ކަމަށާއި ސަބަބަކީ އެތައް މަހެއް ވީ އިރުވެސް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް އިޒްރޭލުން ހުރަސް އަޅާފައިވާތީ ކަމަށެވެ.

ގާޒާގެ ސިއްހީ ވުޒާރާއިން ބުނީ ބަނޑަށް ޖެހުމުގެ ސަބަބުން މިހާތަނަށް 27 ފަލަސްތީނު ރައްޔިތުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 23 ކުޑަކުދިން ހިމެނޭ ކަމަށެވެ.

ގާޒާގެ އުތުރު ސަރަހައްދަށް މިހާތަނަށް ފޮނުވުނު މަދު އެހީ ފޯރުކޮށްދީފައިވަނީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ކެރަމް ޝެލޮމް އާއި މިސްރާ ގާޒާގެ ދެކުނު ސަރަހައްދު ގުޅޭ ސަރަހައްދު ކަމަށްވާ ރަފާހްގެ ޒަރީއާއިން ލޮރީތަކުގައެވެ.

ފަލަސްތީނުގެ ރެފިއުޖީންގެ ކަންތައްތައް ބަލަހައްޓާ އދ.ގެ ޖަމާއަތް، ޔޫ.އެން. އެޖެންސީ ފޮ ޕަލަސްތީނިއަން ރެފިއުޖީޒް (ޔޫ.އެން.ޑަބްލިޔު.އާރް.އޭ.) އިއްޔެ ބުނީ ކާބޯތަކެތި ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރަފާހްގައި ގާއިމުކޮށްފައިވާ މަރުކަޒަށް އިޒްރޭލުން ހަމަލަ ދިނުމުން މަރުކަޒުގެ އެއް މުވައްޒަފަކު މަރުވެ، 22 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ގާޒާގެ ސިއްހީ ވުޒާރާއިން ބުނީ އިޒްރޭލުން ދިން ހަމަލައެއްގައި ފަލަސްތީނުގެ ފަސް ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ. އިޒްރޭލުން ބުނީ މި ހަމަލާގައި މަރުވީ ހަމާސްގެ އިސް ވެރިއެއް ކަމަށެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް ބޭނުން ކުރަމުން އައީ ކަނޑު މަގާއި އެއްގަމު މަގެވެ. އެ ގޮތުން 200 ޓަނުގެ ކާބޯތަކެއްޗާއެކު ސްޕެއިންގެ އުފުލިއެއް މިއަދު ހެދުނުގެ ވަގުތެއްގައި ގާޒާއަށް އަންނާނެ ކަމަށްވެއެވެ.

ސްޕެއިންގެ މި އިސްނެގުމުގެ އިތުރުން އެމެރިކާއިން ވަނީ ގާޒާގެ އައްސޭރި ފަށުގައި ކަނޑުގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފައެވެ. މި ބަނދަރު ހެދުމުން ދުވާލަކު ދެ މިލިއަން ނާސްތާ ގާޒާގެ ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެމެރިކާއިން ބުންޏެވެ. ނަމަވެސް މިއީ ވެސް އެއްގަމު މަގުން ފޯރުކޮށްދެވޭނެ އެހީއާ އަޅާބަލާއިރު މާބޮޑު އެހީއެއް ފޯރުކޮށްދެވޭނެ މަގެއް ނޫން ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވިއެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ވިދާޅުވީ ރަފާހްގައި ހަމާސްއަށް ހަމަލަ ދިނުން ހުއްޓާ ނުލާނެ ކަމަށެވެ. މިހެންވެ، އިޒްރޭލާ ހަމާސް އާ ދެމެދު ބަދަލު ކުރަމުންދާ ހަމަލަތައް ހުއްޓާލުމަށާއި ހަމާސްއިން ވަގަށް ނަގާފައިވާ ޔަހޫދީން ދޫކޮށްލުމަށް، އެމެރިކާ އާއި ގަތަރާއި މިސްރު މެދުވެރިވެގެން އެތައް ހަފުތާއެއް ވަންދެން ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *