Support Us

އެމެރިކާއިން ޔޫކްރެއިނަށް އިތުރު 300 މިލިއަން ޑޮލަރުގެ ހަތިޔާރު ދެނީ

ޔޫކްރެއިން ހިފަން ރަޝިޔާ ކުރަމުންދާ ހަނގުރާމާގައި ޔޫކްރެއިން ސިފައިންނަށް އެހީއެއްގެ ގޮތުގައި އިތުރު 300 މިލިއަން ޑޮލަރުގެ ހަތިޔާރު ދޭން އެމެރިކާއިން ނިންމައިފިއެވެ. ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މި ގޮތަށް އިއްޔެ އިއުލާން ކުރީ ޔޫކްރެއިނަށް ދެވޭނެ އިތުރު އެހީއެއް ނެތް ކަމަށް އެތައް މަހަކު ވިދާޅުވެފައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޭކް ސަލިވަން ވިދާޅުވީ ޔޫކްރެއިނަށް މި އެހީ ދެވެން ނިންމުނީ އެކި ގައުމުތަކާއެކު ވެފައިވާ ހަތިޔާރުގެ އެއްބަސްވުންތަކުން "ސޭވް" ނުވަތަ ފަހަށް ރައްކާކުރެވުނު ފައިސާއިން ކަމަށެވެ.

"ރަޝިޔާގެ ފައުޖުތައް ކުރިއަށް ޖެހި، ބަޑި ޖަހަން ފެށުމުން، އެއާ ދެކޮޅަށް ބަޑި ޖަހާނެ ގޮތެއް ޔޫކްރެއިންގައި ނެތް. މި ކަމުގެ ސަބަބުން ޔޫކްރެއިންގެ ބިންތައް ދަނީ ގެއްލެމުން. މި ކަމުގެ ސަބަބުން ޔޫކްރެއިންގެ އެތައް ބައެއްގެ ފުރާނަ ދަނީ ގެއްލެމުން. އަދި މި ކަމުގެ ސަބަބުން އަހަރެމެން އެމެރިކާއަށާއި ނޭޓޯއަށް ވެސް ލިބެމުންދަނީ ގެއްލުން،" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލިވަން ވިދާޅުވިއެވެ.

ނޭޓޯ ނުވަތަ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަންއަކީ އެމެރިކާއާ އަސްކަރީ ގޮތުން ގުޅިފައިވާ 32 ގައުމުގެ ޖަމާއަތެކެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ރައީސް ބައިޑަން ވިދާޅުވީ މި އެހީއަކީ "ފުދޭ ވަރާ ގާތް ވެސް ނުކުރާ މިންވަރެއް" ކަމަށާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ޔޫކްރެއިންއަށް އިތުރު އެހީ ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ވަގުތު ފާއިތު ނުވަނީސް އަހަރެމެން ކުރިމަގަށް ފިޔަވަޅު އަޅަން ޖެހޭ. އެހެން ނޫނީ ޕޯލަންޑް ވެސް ހަނދާންވާ ފަދައިން ޔޫކްރެއިންއާ ހިސާބުން ރަޝިޔާ ހަނގުރާމަ ހުއްޓައެއް ނުލާނެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ކުރިއަށް ޖެހުމުން ގޮސް ޔޫރަޕާއި އެމެރިކާ އަދި މިނިވަން ހުރިހާ ގައުމެއް ހިފާނެ. މިއީ އަހަރެން ދެކޭ ގޮތް،" ޕޯލަންޑްގެ ރައީސް އަދި ބޮޑު ވަޒީރު އާއެކު ހުންނަވައިގެން ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓެގަންއިން ބުނީ "ފަހަށް ރައްކާކޮށްފައިވާ" ހަތަރު ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި ނަމަވެސް މިހާތަނަށް އޭގައި އަތް ނުލާން ތިބީ އިތުރު ހަތިޔާރަށް ޖަމާ ކުރާނެ އިތުރު ފައިސާއެއް ނެތީމާ، ހަތިޔާރު ސްޓޮކްތައް އާކުރެވެން ނެތީމާ ކަމަށެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލަކު ވިދާޅުވީ ޔޫކްރެއިންއަށް ދިފާއީ ގޮތުން އެހީ ދޭން ޖެހޭ ކަމަށާއި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައި ތިބި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން އެ ކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

"މި 300 މިލިއަން ޑޮލަރަކީ ބަލި މީހެއްގެ ގަޔަށް ހަމައެކަނި އެއް ފަހަރު ޖަހާލާ އައިވީއެއް ފަދަ. މިއީކީ ކަންކަން ކުރަން ޖެހޭ ގޮތެއް ނޫން،" އެ އޮފިޝަލް ވިދާޅުވިއެވެ.

ސަލިވަން ވިދާޅުވީ މި އެހީގެ ސަބަބުން ޔޫކްރެއިންއަށް ރަޝިޔާ ހިފަހައްޓާލެވޭނީ "މަދު ހަފުތާކޮޅަކަށް" ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގައި ޔޫކްރެއިން އަތުން އަސްކަރީ އާލާތްތައް ހުސްވާނެ ކަމަށެވެ.

ރަޝިޔާއިން މިހާރު ވަނީ އަމިއްލަ އިގުތިސާދު މުޅި ޔޫކްރެއިން ހިފުމަށް ހަރަދު ކުރުމަށް ނިންމައިފައެވެ. އަދި ނަތީޖާއެއްގެ ގޮތުން ޔޫކްރެއިން ދަނީ ފަހަތަށް ޖެހެމުންނެވެ. އެ ގޮތުން އެތައް މަހެއްގެ ހަމަލަތަކަށް ފަހު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ އައްލީޔޫކާގައި ރަޝިޔާގެ ދިދަ އުފުލާލައިފައެވެ. ކަން މިހެން އޮތަސް ޔޫކްރެއިންއަށް ބައިޑަން ދެއްވަން ބޭނުންވެ ވަޑައިގަންނަވާ 60 ބިލިއަން ޑޮލަރަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ހުރަސްއަޅައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *