Support Us

"މިޝަން އިމްޕޮސިބަލް" ކަހަލަ ރޯލެއް ކުޅެލި ހެމްސްޓާއަކަށް ޓޮމް ކްރޫޒް ކިޔައިފި

ހެމްސްޓާއަކީ ކުދި ކޮށިތަކުގައި ގޭތެރޭގައި ވަރަށް ލޯބިން މީހުން ގެންގުޅޭ އެއްޗެކެވެ. ކަންފަތް ދިގު ނޫން މުސަޅާ ވައްތަރުވީމާ ކަމަށް ވެސް ވެދާނެއެވެ. އެ ސޮރަކީ ކޮށިތެރޭގައިވާ ކަންކަން ބަލަން ވަރަށް ވަރު ހުންނަ އެއްޗެކެވެ. އަދި ވަރަށް ހަރަކާތްތެރި އެއްޗެކެވެ. ހެމްސްޓާ ގެންގުޅޭ ކޮށީގައި އޭތި ކުޅޭނެ ތަކެތި ހުރުން މުހިންމެވެ. އަދި އޭތި ފިލާ އޮންނާނެ ތަނެއް ވެސް ބަހައްޓަން ޖެހެއެވެ. މީގެ އިތުރުން އެ އެއްޗަށް އެނބުރެވޭނެ ގޮތަށް ކުޑަ ވީލް ނުވަތަ ފުރޮޅެއް ހުންނަން ޖެހެއެވެ.

ހެމްސްޓާއަކީ ވަރަށް ތޫނުފިލި އެއްޗެކެވެ. މި ކަން އެނގެނީ އެ އެއްޗެހީގެ ކާނާ ހޯދަން ދާ ދުރު ސަރަހައްދުތައް ވެސް އެ އެއްޗަށް އެނގޭތީއެވެ.

މި އަހަރުގެ ތެރޭގައި ވަނީ ވަރަށް އާދަޔާ ހިލާފު ކަމެއް ހިނގައިފައެވެ. ހެމްސްޓާއެއް އޭގެ ވެރިފަރާތުގެ ގެއިން ފިލައިގެން ފޮނި އެއްޗެހި ވިއްކާ ފިހާރައަކަށް ދިއުމުންނެވެ. އަދި ދިޔައީ ވެސް މީހުންނަށް ގަބޫލު ކުރަން އުނދަގޫ ހާލަތެއްގައެވެ. ފިނިހޫނު މިން މައިނަސް ފަސް ޑިގްރީ ސެލްސިއަސްގެ ތެރޭގައި ދަތުރުކޮށްފައެވެ. ފިހާރައަށް ދިޔައިއިރު އެސޮރު ގަނޑުނުވެ އޮތީ ކިރިޔާއެވެ.

އިނގިރޭސި ވިލާތުގައި ހިނގި މި ހާދިސާގައި ހެމްސްޓާ އެ ފިހާރައަށް ދިޔައީ މީހެއްގެ ގައިގައި އެލިގަނެގެންނެވެ. ނަމަވެސް އެއީ ސައިޒުގެ ގޮތުން ކުޑަ އެއްޗަކަށް ވެފައި، އަދި ބަރުދަނުގެ ގޮތުން ވެސް ލުއި އެއްޗަކަށްވާތީ މި ހެމްސްޓާ އޭނާގެ ގައިގައި އެލިގަނެގެން އޮތް ކަމެއް އޭނާއަކަށް ނޭނގެއެވެ.

ފިހާރަތެރޭގައި ހެމްސްޓާ ވެއްޖެކަން ފިހާރައިގެ ވެރިފަރާތަށް އެނގުނީ ފިހާރަ ތެރެއަށް ވަދެވުމާއެކު ހެމްސްޓާ ތަޅުންގަނޑު މައްޗަށް ފުއްމާލި މަންޒަރު ސެކިއުރިޓީ ކެމެރާއަށް އަރާފައިވާތީއެވެ.

ފިހާރައިގެ ވެރިފަރާތުން ވަނީ ޖަނަވާރުން ހިމާޔަތް ކުރާ ޖަމާއަތަކާ މި ހެމްސްޓާ ހަވާލުކޮށްފައެވެ. އެ ތަނުން ބުނީ ވަގުތީ ގޮތުން މި ހެމްސްޓާގެ ނަމަކަށް ހަމަޖައްސާފައިވަނީ "ޓޮމް ކްރޫޒް" ކަމަށެވެ. ސަބަބަކީ ޓޮމް ކްރޫޒް ވެސް "މިޝަން އިމްޕޮސިބަލް" ފިލްމްތަކުގައި ކުޅެނީ އާދަޔާ ހިލާފު އެކްޝަން ރޯލެއް ކަމަށް ވެފައި، މި ހެމްސްޓާ ވެސް ވަނީ މި ފަދަ ގަބޫލު ކުރަން ދަތި "މިޝަން"އަކުން އެ ފިހާރައަށް ފޯރާފައިވާތީ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *