Support Us

މުސްލިމުންނާ ދެކޮޅު ގާނޫނެއް އިންޑިއާއިން ތަންފީޒު ކުރަނީ

ބޮޑު ވަޒީރު ނަރެންދްރަ މޯދީ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް އަންނަ މޭމަހު ބާއްވާ އިންތިހާބު ކައިރިވެފައި އޮއްވާ، އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ރަށްވެހިކަމާ ގުޅޭ އާ ގާނޫނު ތަންފީޒު ކުރަން އިންޑިއާ ސަރުކާރުން އިއްޔެ ނިންމައިފިއެވެ.

ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓަކީ 2019 ގައި ފާސް ކުރި ގާނޫނެކެވެ. ނަމަވެސް މި ކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށް، އޭގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވާތީ މި ގާނޫނު ވަނީ ތަންފީޒު ނުކޮށް މަޑުޖައްސާލައިފައެވެ.

އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް، މޯދީގެ ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އިން މި ގާނޫނު ތަންފީޒު ކުރަން މިހާރު މަސައްކަތް ކުރަނީ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ބުންޏެވެ.

މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގާނޫނު ތަންފީޒު ކުރުމަކީ 2019 ވަނަ އަހަރު ނެރެފައިވާ ބީ.ޖޭ.ޕީ.ގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ތަންފީޒު ލަސް ކުރަން މަޖުބޫރުވީ ކޮވިޑް ވަބާގެ ސަބަބުން ކަމަށެވެ.

ގާތްގަނޑަކަށް 200 މިލިއަނަށްވުރެ ގިނަ މުސްލިމުން އުޅޭ އިންޑިއާއަކީ ތިންވަނަ އަށް މުސްލިމުން އެންމެ ގިނަ ގައުމެވެ.

ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް ބުނާ ގޮތުން އިންޑިއާގެ އަވައްޓެރި ކޮންމެ ގައުމަކުން ވިޔަސް، އެ ގައުމެއްގައި މުސްލިމުންގެ ދެކޮޅުވެރިކަން ކުރިމަތިވެގެން ނޫޅެވިގެން އިންޑިއާއަށް ހިޖުރަކޮށްފައިވާ ނަމަ، އިންޑިއާގެ ރަށްވެހިކަން ދޭނެއެވެ. ނަމަވެސް އެއީ 31 ޑިސެމްބަރު 2014 ގެ ކުރިން އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްއިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ނަމަ އެވެ. އަދި މީގެ އިތުރުން އިންޑިއާގެ އިރުމަތީ ސަރަހައްދުތައް ކަމަށްވާ ވެސްޓް ބެންގޯލް އާއި އަސާމުގައި ވެސް "ޕާސެކިއުޓް" ނުވަތަ ދަތިކުރުންތައް ކުރިމަތިވެފައިވާ ހިންދޫން ނޫން މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ގާނޫނުގެ ދަށުން އަވަށްޓެރި ގައުމުތަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ ހިންދޫނާއި ނަސޯރާއިންނާއި ސިކުންނާއި ފާރިސީންނާއި ޖައިނުންނާއި ބުދިސްތުންނަށް ރަށްވެހިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީގެ އޮފީހުން ބުނީ މި ގާނޫނު ތަންފީޒު ކުރުމުން ހިމާޔަތް ހޯދަން ބޭނުންވެ، ނަމަވެސް ދާނެ އެހެން ގައުމެއް ނެތިފައި ތިބި، އެހެން ދީންތަކުގެ މީހުންނަށް އިންޑިއާއިން ހިމާޔަތް ލިބޭނެ ކަމަށާއި އަދި މި ކަމުގެ ސަބަބުން އެ މީހުންނަށް ރައްކާތެރި އަދި ތާހިރު ދިރިއުޅުމެއް ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *