Support Us

ސޫދާނުގައި ރޯދަމަހު ވަގުތީ ގޮތުން އަހުލީ ހަނގުރާމަ ހުއްޓާލަން އދ.އިން ގޮވާލައިފި

މި ހަފުތާގައި ފެށޭ ބަރަކާތްތެރި ރޯދަ މަހަށް ސޫދާނުގައި ހިންގަމުންދާ އަހުލީ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފިއެވެ.

އދ. އިން ބުނީ ހަނގުރާމާގައި މިހާތަނަށް އަށް މިލިއަން މީހުން ގެދޮރު ދޫކޮށްލަން މަޖުބޫރު ކޮށްފައިވާ ކަމަށާއި މީގެ އިތުރުން އެތައް މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީ ބޭނުންވެފައި ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ބުނީ މުޅިއެކު 25 މިލިއަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބޭނުންވެފައިވާ ކަމަށާއި އިންސާނީ އެހީ ދިނުމުގެ މަސައްކަތް ކެތް ނުކުރެވޭ ވަރަށް ކޮޅުން ލާފައިވާ ކަމަށެވެ.

އެ މަޖިލީހުގައި ހިމެނޭ 15 މެންބަރު ގައުމުތަކުގެ ތެރެއިން 14 މެންބަރު ގައުމުން ވަނީ އިނގިރޭސި ވިލާތުން އިސްނަގައިގެން ހުށަހެޅި ގަރާރަށް ތާއީދު ކޮށްފައެވެ. މި ގަރާރަށް ވޯޓު ނުލައި ދޫކޮށްލީ ރަޝިޔާއިންނެވެ.

ރަޝިޔާއިން ބުނީ އިނގިރޭސި ވިލާތުން މި ގަރާރު ހުށަހެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ސަބަބަކީ ފަލަސްތީނުގައި ގަތުލު އާއްމެއް ހިންގަމުންދާއިރު އިނގިރޭސި ވިލާތުން އެ ކަމާ އަޅާ ނުލާ ކަމަށް ވާތީއެވެ.

އެފްރިކާ ބައްރުގައި ހިމެނޭ ގައުމެއް ކަމަށްވާ ސޫދާނުގައި 15 އެޕްރިލް 2023 އިން ފެށިގެން އަންނަނީ އަހުލީ ހަނގުރާމައެއް ހިންގަމުންނެވެ. އެއީ ޖެނެރަލް އަބްދުލް ފައްތާހު އަލްބުރުހާންގެ އަސްކަރިއްޔާ އާ ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޫގެ އަސްކަރީ ބާރުތަކާ ދެމެދުގައެވެ.

މި ދެ ބައިގެ ދޭތެރޭގައި ހިނގަމުންދާ އަހުލީ ހަނގުރާމާގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވެއެވެ. މީގެ އިތުރުން ގައުމުގެ އިންފްރާސްޓްރަކްޗާ ހަލާކު ވަމުންދާއިރު އިގުތިސާދު ވަނީ "ނުކުޅެދޭ" އެއްޗަކަށް ބަދަލުވެފައެވެ.

ގަރާރު ހުށަހަޅުއްވަމުން އިނގިރޭސި ވިލާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ ނައިބު ޖޭމްސް ކެރިއުކީ ވިދާޅުވީ ގައުމުތަކުގެ އިންތަކާއި ހަނގުރާމަ ކުރެވޭ އިންތައް ވެސް ހުރަސްކޮށް، އިންސާނީ އެހީ ފޯރުކޮށްދެވެން ޖެހޭނެ ކަމަށެވެ.

ގަރާރުގައި އިނގިރޭސި ވިލާތުން ބުނެފައިވަނީ ސޫދާނުގެ ދަރްފުރް ސަރަހައްދުގައި ދިރިއުޅޭ މީހުން ބަނޑަށް ޖެހުމާ ވަރަށް ގާތް ކަމަށެވެ.

އދ.ގެ ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް ވިދާޅުވީ އަހުލީގެ ހަނގުރާމައިގެ ސަބަބުން ސޫދާނު ދެ ބައިވުމުގެ ބިރު އެބައޮތް ކަމަށާއި ހީވެސް ނުކުރާހާ ފުޅާ ދާއިރާއެއްގައި ސޫދާނު ހިމެނޭ ސަރަހައްދަށް މި ހަމަނުޖެހުން ފެތުރިގެން ހިނގައިދާނެ ކަމަށެވެ.

އެފްރިކާ ބައްރުގެ 55 ގައުމު ތަމްސީލު ކުރާ ޖަމާއަތް އެފްރިކަން ޔުނިއަނުން ވަނީ އިނގިރޭސި ވިލާތުގެ މި ގަރާރަށް ތާއީދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *