Support Us

ގާޒާގެ އައްސޭރިފަށުގައި ކަނޑުގެ ބަނދަރެއް ހެދުމަކީ އެމެރިކާގެ "ދެބޯގެރި ދުއްވުމެއް"

ގާޒާގައި ފެތުރެމުންދާ ބަނޑުހައިހޫނުކަން ނައްތާލުމަށް ކަމަށް ބުނެ، އެހީ ފޯރުކޮށްދިނުމަށް ގާޒާގެ އައްސޭރިފަށުގައި ބަނދަރެއް ހެދުމަކީ އެމެރިކާގެ "ދެބޯގެރި ދުއްވުމެއް" ކަމަށް ފަލަސްތީނުން ބުނެފިއެވެ. މިއީ ގާޒާއަށް އިންސާނީ އެހީ ދިނުމަށް އިޒްރޭލުން އަޅަމުންދާ ހުރަސްތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާތީ އެކަމާ އެމެރިކާ ކަންބޮޑުވެގެން އަޅާ ފިޔަވަޅެއް ކަމަށް ފަލަސްތީނުން އިއްޔެ ބުންޏެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ރައީސް ޖޯ ބައިޑަން ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގައި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބަނދަރެއް ހެދުމަށް އެމެރިކާއިން ކުއްލި ހާލަތެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ. އެއީ ކާބޯތަކެއްޗާއި ފެނާއި ބޭހާއި އަދި ވަގުތީ ހިޔާތައް ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

ބައިޑަން ވިދާޅުވީ މި ކަން ކުރިއަށް ގެންދިއުމަށް އެމެރިކާއިން ސައިޕްރަސްގައި ގާއިމު ވެގެން މަސައްކަތް ފަށާނެ ކަމަށެވެ. އެ ގޮތުން އިންސާނީ އެހީ ފޯރުކޮށްދޭނެ މަނަވަރުތައް ފޮނުވާނެ ކަމަށާއި ނަމަވެސް އެމެރިކާގެ ސިފައިން ނުފޮނުވާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.

ގާޒާއަށް ވަންނަ މަގުތައް އިޒްރޭލުން ބަންދުކޮށްފައިވާތީ އެ ކަމަށް އެމެރިކާއިން ފާޑުކިޔަސް އިޒްރޭލުން އަޅައެއް ނުލައެވެ. މިހެންވެ 36،000 ބަންދުކޮށްފައިވާ ކެއުން އެމެރިކާއިން ވަނީ ގާޒާގެ އުތުރު ސަރަހައްދަކަށް ވައްޓާލައިފައެވެ. މި ތަނުން ވެއްޓުނު ބައެއް ކޮންޓޭނަރުތައް ދަށުވެ ފަލަސްތީނުގެ ފަސް ރައްޔިތުން ނިޔާވެފައިވާ ކަމަށް ގާޒާގެ ސަރުކާރުން އިއްޔެ ބުންޏެވެ. މި ހުރިހާ ކަމެއް ހިނގަމުންދާއިރުވެސް އެމެރިކާއިން އަދިވެސް ދަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދީ، އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އަށް ތާއީދު ކުރަމުންނެވެ.

މި ފަދަ އޮޕަރޭޝަނެއް ހިންގާނެ ގޮތުގެ ލޮޖިސްޓިކްސް ރޭވުންތަކުގެ ތަފުސީލެއް ބައިޑަން ނުދެއްވައެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނަމުން އަންނަނީ މި ކަން ރާވާ ހިންގުމަށް އެތައް ހަފުތާތަކެއް ނަގާނެ ކަމަށެވެ.

ފަލަސްތީނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕަލަސްތީނިއަން ނެޝަނަލް އިނިޝިއޭޓިވްގެ އަމީން އާންމު މުސްތޮފާ ބަރްގައުތީ އިއްޔެ އަލްޖަޒީރާއަށް ވިދާޅުވީ ގާޒާއަށް ކަނޑުމަގުގެ ބަނދަރެއް ހަދައިދިނުމަކީ އާ ހިޔާލެއް ނޫން ކަމަށެވެ.

"މިއީ 'ދެބޯގެރި ދުއްވުމެއް'. ގާޒާގެ އުތުރު ސަރަހައްދުތަކުގައި މިހާރު ވެސް 700،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދަނީ ބަނޑަށްޖެހެމުން. އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ދަނީ މަގުބަންދުކޮށް، ހުރަސް އަޅަމުން. ހަގީގީ މައްސަލައަކީ މިއީ،" ބަރްގައުތީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސްރާއި ގާޒާ ގުޅޭ އިމުގައި އެތައް އިންސާނީ އެހީގެ ސާމާނު "ތާށިވެފައި" ހުރި ކަމަށާއި ގާޒާއަށް ވަންނަ މަގުތައް ހުޅުވުމަށް އިޒްރޭލަށް ބައިނަލްއަގުވާމީ މުޖުތަމައުން ޕްރެޝަރު ނުކުރާ ކަމަށެވެ.

ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ގާޒާއަށް އަލުން އުމްރާނީ ތަރައްގީ ގެނައުމުގެ މަސައްކަތް އދ.އިން ހަވާލުކޮށްފައިވާ ފަރާތް ކަމަށްވާ ސީހެތު ކާހު ވިދާޅުވީ ކަނޑުމަގުން ގާޒާއަށް އެހީ ފޯރު ކޮށްދިނަސް، ކަނޑުމަގުންނާއި ވައިގެމަގުން އެހީ ފޯރުކޮށްދިނުމަށްވުރެ ރަނގަޅުވާނީ ބިމުގައި ހަދާފައިވާ މަގުތަކުގެ ޒަރީއާއިން އެހީ ފޯރުކޮށްދިނުން ކަމަށެވެ.

ގާޒާ ސިޓީގައި ކާބޯތަކެތީގެ އެހީ ބަލާ ގޮސް ތިބި ފަލަސްތީނުގެ ރައްޔިތުންތަކަކާ ދިމާއަށް އިޒްރޭލުން ބަޑި ޖެހުމުން ފެބްރުއަރީ 29 ވަނަ ދުވަހު 112 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައި 750 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޒަހަމްކޮށްލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *