Support Us

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 3،400 ގެ އަޅައިދެނީ

އިޒްރޭލުން ހިފައިފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި ނުވަތަ ވެސްޓް ބޭންކްގައި އިތުރު 3،400 އަށް ވުރެ ގިނަ ގެ ޔަހޫދީންނަށް އަޅައިދިނުމަށް ނިންމައިފިއެވެ.

އިޒްރޭލު ސަރުކާރުން އަލަށް މި އެކުލަވާލި ރޭވުމުގެ ދަށުން މި ގެތަކުގެ ތެރެއިން 70 ޕަސެންޓް އަޅަން ނިންމާފައިވަނީ ގުދުސްގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ މައާލެ އަދުމީމްގައެވެ. ބާކީ ހުރި ގެދޮރު އަޅަން ހަމަޖެހިފައިވަނީ ކަދާރު އަދި އެފްރަޓް ގައެވެ. މިއީ އީސާގެފާނު ރައްކައުވެވަޑައިގަތް ތަން ކަމަށްވާ ބެތެލެހެމްގެ ދެކުނުން އޮންނަ ފަލަސްތީނުގެ ސަރަހައްދެކެވެ.

އިޒްރޭލުގެ ވަޒީރަކު ވިދާޅުވީ މި ގެތައް އަޅަން ނިންމީ މީގެ ދެ ހަފުތާ ކުރިން މައާލެ އަދުމީމް ކައިރީގައި ފަލަސްތީނުން ދިން "ނުރައްކާތެރި ހަމަލަ"އަކާ ގުޅިގެން ކަމަށެވެ.

އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ މާލީ ވަޒީރު ބެޒްއަލެލް ސުމުތުރިޗް ވިދާޅުވީ ހުޅަނގު އައްސޭރީގައި 18،515 ގެ ޔަހޫދީންނަށް އަޅައިދިނުމަށް އިޒްރޭލު ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އަހަރެމެންގެ ދުޝްމިނުން އަހަރެމެންނަށް ގެއްލުންދީ، އަހަރެމެން ނިކަމެތިކޮށްލުމަށް މަސައްކަތް ކުރަނީ. ނަމަވެސް އަހަރެމެން ކުރިއަށްދާނީ މި ބިމުގައި ކުރި ހޯދުމަށް،" ސުމުތުރިޗް އެކްސްގައި ވިދާޅުވިއެވެ.

ހުޅަނގު އައްސޭރި ހިންގާ ފަލަސްތީނުގެ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ.) ވަނީ ސުމުތުރިޗްގެ މި އާ ނިންމުމާއި ސުމުތުރިޗް މި ކަމާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތައް ކުށްވެރިކޮށްފައެވެ.

"ޔަހޫދީން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވުމަކީ އަނިޔާވެރިކަމާއި ހަނގުރާމައާ ދިމާއަށް ދިއުމަށް ގޮވާލާ ގޮވާލުމެއް،" ޕީ.އޭ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިއީ ޔަހޫދީންނަށް ފަލަސްތީނުގެ ބިންތަކުގައި ގެދޮރު އަޅައިދިނުމަށް އިޒްރޭލު ސަރުކާރުން ހިންގަމުންދާ މަޝްރޫއުގެ ތެރެއިން މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު ހިންގާ ފުރަތަމަ މަޝްރޫއެވެ.

މެދުއިރުމަތީގައި އިޒްރޭލާ ދެކޮޅަށް 1967 ގައި އަރަބި ގައުމުތަކުން ކުރި ހަނގުރާމާގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްއިން އިޒްރޭލުން ހިފި ފަލަސްތީނުގެ ބިންތަކުގައި މިހާތަނަށް އިޒްރޭލުން ވަނީ 160 ސަރަހައްދެއްގައި ގެދޮރު އަޅައިފައެވެ. އެއީ 700،000 ޔަހޫދީންނަށް އަޅައިދީފައިވާ ގެދޮރެވެ. އިރުމަތީ ގުދުސް ނުވަތަ ޖެރޫސަލަމްއަކީ ކުރިމަގުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ފަލަސްތީނު ރައްޔިތުން ބޭނުންވާ ސަރަހައްދެކެވެ.

ބައިނަލްއަގުވާމީ ދުނިޔޭގެ ގިނަ ގައުމުތަކުން ދެކެނީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނާއި ގަވައިދުތަކާ ހިލާފު އަމަލެއް ކަމަށެވެ. ނަމަވެސް އިޒްރޭލުން މި ހިޔާލާ ދެކޮޅެވެ.

ސުމުތުރިޗްގެ މި ވިދާޅުވުމާ ގުޅިގެން، އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމާ ދެކޮޅަށް މަސައްކަތް ކުރާ އިޒްރޭލުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕީސް ނައު"އިން ބުނީ އިޒްރޭލުން މި ދަނީ އަމިއްލަ ހަލާކާ ކުރިމައްޗަށް ކަމަށެވެ.

"އުއްމީދާއި ސުލްހައާއި އަދި ރައްކާތެރިކަން ބިނާކުރުމުގެ ބަދަލުގައި އިޒްރޭލު ސަރުކާރުން މި ދަނީ އަހަރެމެން އެންމެންގެ ހަލާކުގެ މިސްރާބަށް،" އެ ޖަމިއްޔާއިން ބުންޏެވެ.

ޕީސް ނައުއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް މަސައްކަތް ކުރާ ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) އާ ބައްދަލުކުރި ފުރަތަމަ އިޒްރޭލުގެ އަމިއްލަ ޖަމިއްޔާއެވެ. މިއީ އިޒްރޭލުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ކަމެއް ކަމަށް އިޒްރޭލު ސަރުކާރުން އެއިރު ބުންޏެވެ.

ޕީސް ނައުއިން ބުނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން އިޒްރޭލު ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ސަބަބުން މެދުއިރުމަތީގައި އިޒްރޭލާއި ފަލަސްތީނަކީ މިނިވަން ވަކި ދެ ދައުލަތް ކަމަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށެވެ.

ޕީސް ނައުއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލަތަކުގެ ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ މަޝްރޫއު އިޒްރޭލު ސަރުކާރުން އިތުރު ބާރުލުމެއް ލާފައި ކުރިއަށްގެންދާ ކަމަށެވެ. ހަމާސް އާ އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން ހުޅަނގު އައްސޭރީގައި ވެސް އަނިޔާވެރިކަން މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވާ ކަމަށް ޕީސް ނައުއިން ބުންޏެވެ.

އދ. އިން ބުނެފައިވަނީ ހުޅަނގު އައްސޭރީގެ ކުރިމަތިލުންތަކުގައި މިހާތަނަށް 413 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖިހާދު ކުރާ މީހުންނާއި އާއްމު ފަރުދުން ވެސް ހިމެނެއެވެ. މި ކުރިމަތިލުންތަކުގައި ހުޅަނގު އައްސޭރީގައި 15 އިޒްރޭލު ރައްޔިތުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތަރު އަސްކަރީ މީހުން ހިމެނޭ ކަމަށް ވެސް އދ.އިން ބުންޏެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *