Support Us

އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ނައިޖީރިއާއިން ގޮވާލައިފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލަތައް ވަގުތުން ހުއްޓާލުމަށް ނައިޖީރިއާއިން ގޮވާލައިފިއެވެ.

އެފްރިކާ ބައްރުގައި، އާބާދީގައި 53 ޕަސެންޓް މުސްލިމުން ހިމެނޭ ނައިޖީރިއާގެ ހާރިޖީ ވަޒީރު ޔޫސުފް ތުގާ ވިދާޅުވީ ގާޒާގައި ފަލަސްތީނު ރައްޔިތުން ޝަހީދު ކުރަމުންދާ ދިއުމަށް ގައުމުތަކުން ގެންގުޅޭ "އެކި ފަހަރު އެކި ގޮތަށް" އަމަލު ކުރާ ސިޔާސަތު ނައްތާލަން ޖެހޭ ކަމަށެވެ.

ތުގާ މިހެން ގޮވާލެއްވީ އަލްޖަޒީރާއަށް ދެއްވި އިންޓަވިޔުއެއްގައެވެ. އޭނާ މި ވަގުތު ހުންނެވީ ނައިޖީރިއާގެ ރައީސް ބުލާ އަހްމަދު ތިނޫބޫ އާއެކު ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި ނައިޖީރިއާ އާއި ގަތަރު ވަނީ ހަކަތަ އާއި ވިޔަފާރި އާއި މަސައްކަތުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ އިތުރުން އެހެން އެއްބަސްވުންތަކެއްގައި ވެސް ސޮއިކޮށްފައެވެ.

ތުގާ ވިދާޅުވީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ލޭއޮހޮރުވުންތައް ކުރިއަށްގެންދިއުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށެވެ.

"އެ ކަން ނިމުމަކަށް ގެންނަން ޖެހޭނެ. މައުސޫމް އިންސާނުންނާ ދެކޮޅަށް ބޭނުންކުރާ ނުބައްދަލު ބާރު ދެއްކޭނެ ސަބަބެއް ނެތް. އާއްމު ރައްޔިތުންނާއި ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލަތަކަށް އެއްވެސް ސަބަބެއް ނުދެއްކޭނެ،" ތުގާ ވިދާޅުވިއެވެ.

މެދުއިރުމަތީގެ މައްސަލަތައް ހައްލު ކުރެވޭނީ އިޒްރޭލާއި ފަލަސްތީނު ވަކި ދެ މިނިވަން ދެ ދައުލަތުގެ ގޮތުގައި އޮވެގެން ކަމަށް ނައިޖީރިއާ އަބަދުވެސް އަންނަނީ ބުނަމުންނެވެ.

"ދެބައިމީހުންނަށް ވެސް އެ ބައެއްގެ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލު އޮތް ދެ ދައުލަތެއް ލިބުމުގެ ހައްގު އެބައޮތް،" ތުގާ ވިދާޅުވިއެވެ.

ތުގާ ވިދާޅުވީ މިހާރު އިޒްރޭލުން ގާޒާ އަށް ދޭ ހަމަލަތައް "ކޮންޓްރޯލުން ނެއްޓިއްޖެ ކަމަށާއި މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

"ދެ ފަހަރު ދެ ގޮތަށް އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ހަމަލަތައް ހުއްޓާލަން ޖެހޭ،" ތުގާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *