Support Us

ޗައިނާގެ އިގުތިސާދީ ކުރިއެރުން ފަސް ޕަސެންޓަށް މަތިކުރަން މަސައްކަތްކުރަނީ

ޗައިނާގެ އިގުތިސާދު މި އަހަރު ފަސް ޕަސެންޓަށް ޖައްސާލަން މަސައްކަތް ކުރާނެ ކަމަށް ބޮޑު ވަޒީރު ލީ ޗިއާންގް މިއަދު ވިދާޅުވެއްޖެއެވެ.

ލީ މިހެން ވިދާޅުވީ އަހަރަކު އެއް ފަހަރު ބާއްވާ ނެޝަނަލް ޕީޕްލްސް ކޮންގްރެސްގައެވެ. މި ކޮންގްރެސް އަކީ ޗައިނާގެ ޕްރޮވިންސްތަކާއި އަދި އެހެން އިސް މަގާމުތަކުގައި ތިއްބަވާ މެންބަރުންގެ މެދުގައި "ރައްޔިތުންގެ މަޖިލީހެ"އް ފަދައިން ބާއްވާ ބައްދަލުވުމެކެވެ.

ލީ ވިދާޅުވީ ޗައިނާގެ އިގުތިސާދީ ކުރިއެރުމަށް "ދަތިތަކެއް" ކުރިމަތިވެފައިވާ ކަމަށާއި މީގެ ތެރެއިން ބައެއް މައްސަލަތައް "އަދި ހައްލު ކުރެވިފައި ނުވާ" ކަމަށެވެ.

"ރިއަލް އެސްޓޭޓް (ބިމުގެ ވިޔާފަރި)، ލޯކަލް ގަވަންމަންޓް (ނުވަތަ ޕްރޮވިންސްތަކުގެ) ދަރަނި، އަދި ކުދި އާއި މެދުމިނުގެ މާލީ އިދާރާތަކަށް ކުރިމަތިވެފައިވަނީ ވަރަށް ސީރިއަސް މައްސަލަތަކެއް. މިހެންވެ، ސިޔާސަތުތައް ކަނޑައަޅައި، އެ ގޮތުގެ މަތިން ކަންތައްތައް ކުރިއެރުވުމަށް އަޅާނެ ފިޔަވަޅުތަކާމެދު ވެސް ގޮތެއް ކަނޑައަޅަން ނޭނގޭ ހިސާބަކަށް ދިޔަ،" ލީ ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ޗައިނާ އަޅަމުން އަންނަ ފިޔަވަޅުތައް ވެސް ލީ ވަނީ ހާމަކުރައްވައިފައެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި އާއި ސިނާއީ ހިސާބުތަކުގައި އިތުރު 12 މިލިއަން ވަޒީފާ އުފައްދަން މަސައްކަތް ކުރާނެ ކަމަށް ވެސް ލީ ވިދާޅުވިއެވެ. 

މާލީ އިދާރާތައް އިހުނަށްވުރެ ބޮޑަށް "ރެގިއުލޭޓް"ކޮށް، އެ އިދާރާތަކާ ގުޅޭ ކަންތައްތައް އިތުރަށް ބަލަހައްޓާނެ ކަމަށާއި، އާ ޓެކްނޮލޮޖީތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) އާއި ދިރޭތަކެއްޗާ ގުޅޭ ތަހުލީލުތައް ކަމަށްވާ "ލައިފް ސައިންސަސް"އަށް ވެސް ރިސާޗް އާއި ދިރާސާ ކުރުންތައް އިތުރު ކުރާނެ ކަމަށް ލީ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ޗައިނާއިން ވަނީ ގައުމީ ދިފާއީ ދާއިރާތަކަށް ކުރާ ހަރަދު 7.2 ޕަސެންޓަށް މި އަހަރު އިތުރު ކުރަން ނިންމާފައި ކަމަށެވެ. މިއީ ޗައިނާގެ އަވައްޓެރި ގައުމުތަކާއި އެމެރިކާއިން ވެސް ބަލަމުންދާ ދާއިރާއެކެވެ. ސަބަބަކީ ޓައިވާން އާމެދު ޗައިނާއިން އަޅާނެ ސީދާ ފިޔަވަޅަކީ ކޮބައިކަން އެއްވެސް ގައުމަކަށް ނޭނގޭތީއެވެ. 

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާގެ އުފެއްދުންތެރިކަމުގެ މިންވަރު ނުވަތަ "ޖީ.ޑީ.ޕީ" ވަނީ 10 ޕަސެންޓްގައި ހިފެހެއްޓިފައެވެ. އެހެންކަމުން ޗައިނާއިން މިހާރު އަންނަނީ އެ ނިސްބަތަށް ގައުމީ އުފެއްދުންތެރިކަން އަލުން ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.) އިން ފާހަގަ ކުރާ ގޮތުގައި ޗައިނާ އަށް އިގުތިސާދީ ގޮތުން ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް އައިސްފައިވަނީ ރިއަލް އެސްޓޭޓް ވިޔަފާރި ކޮންމެވެސް ވަރަކަށް އަޑިއަޅާލާފައިވާތީއެވެ. އެ ގޮތުން މި ދާއިރާ އަކީ މުޅި އިގުތިސާދުގެ 20 ޕަސެންޓް ކަމަށްވެއެވެ.

ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި އާބާދީގައި ގިނައީ މުސްކުޅިވެފައިވާ މީހުން ކަމަށް ފާހަގަ ކުރެވިފައިވެއެވެ. ސަބަބަކީ ޗައިނާގެ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނާތީ، ކޮންމެ އާއިލާއަކަށް އެއް ދަރިފުޅުގެ އިތުރުން ދަރިން ނުހޯދުމަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *