އޮންނަ ފިޠުރަތުގައި އުސޫލުން ކަންވަމުން ހަމަ ދާނެޔޭ
ކޮންމެ އަޑިގަނޑަކަށް ފަހުން އަދި އުސްގަނޑެއް އަންނާނެޔޭ
ކޮންމެ ގަދަ ޠޫފާނަކަށް ފަހު ސާފު އުޑުމަތި ވާނެޔޭ
ކޮންމެ ހޫނު ޚަރީފަކަށް ފަހުގައި ބަހާރު އަންނާނެޔޭ
ތަދުތަކާ ހިތްދަތިކަމަށް ފަހު ލުއި ހިތަށްމެ ލިބޭނެޔޭ
މަދުވެ ބޯދަނަ ހުސްވުމަށް ފަހު ގިނަވެ ތަނަވަސް ވާނެޔޭ
ބަނަވި އުޑުމަތި ކަޅުވިލާއިން ފެން ފަހުންމެ ވެހޭނެޔޭ
ބަނަކަމާއި އަނދިރި ފިލައި ރޯޝަންވެގެން އަލިވާނެޔޭ
ކާރުބާރުން ހަލަބޮލިވި މަގުތައް ހިމޭން ވެސް ވާނެޔޭ
ބާރު ގަދަވި މުލައްދަނޑިން ވެސް ވަރު ފަހުން ނެތިދާނެޔޭ
ކަރުނަ އޮއްސަން ޖެހުނު ކަންކަން ހުއްޓި ކަރުނަ ހިނދޭނެޔޭ
މަރުމަރީ ހިލަ ވެސް ވަގުތު ޖެހުމުންމެ ބަލިކަށިވާނެޔޭ
މީ އުސޫލޭ ގުދުރަތޭ ތަގުދީރެ ފިތުރަތެ ނަން ކިޔޭ
މީ ހަގީގަތެ ހާމަވާ ތަބްދީލު ވުންމެ ނުވާނެޔޭ
ބަޔަކު ކުޅަ ދަތުބީރަކުން ތަގުދީރު ބަދަލު ނުވާނެޔޭ
މިޔަކު ނެތެ ދެ ގޮތެއް! މި ގޮތުގައި ދުނިޔެ ހަމަ ނިމިދާނެޔޭ