Support Us

އިމާމުއްޝާފިޢީގެ މަހާނަފުޅަށް އުރްދުޣާން ޒިޔާރަތް ކުރައްވައިފި

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިޞްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީގެ އަރިހުގައި އިމާމުއްޝާފިޢީގެ މަހާނަފުޅަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.

މިޞްރުން ދުރަށް ދެއްކި ވީޑިއޯގައި އުރްދުޣާން ހުންނެވީ ހުދު ތާކިހާކޮޅެއް ތުރުކުރައްވައިގެންނެވެ. މިއީ ބާރަވަރަކަށް އަހަރުގެ ތެރޭގައި އުރްދުޣާން މިޞްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިމާމުއްޝާފިޢީގެ ޙަޔާތްޕުޅުގެ އެންމެ ފަހު އަހަރުތައް ހޭދަކުރެއްވީ ޤާހިރާގައެވެ. އެކަލޭގެފާނުގެ ޒިޔާރަތް ބިނާކުރެއްވީ އައްސުލްޠާނުލް ކާމިލުލް އައްޔޫބީއެވެ. މި ޒިޔާރަތުގެ ޤުއްބު ބިނާކުރައްވައިފައިވަނީ ލަކުޑިންނެވެ. މި ޒިޔާރަތަކީ މެދު ޒަމާނުގެ އިސްލާމީ މިއުމާރިއްޔަތު ދައްކުވާދޭ މިޞްރުގެ ވަރަށް ތާރީޚީ މަލައެކެވެ.

ރައީސް އުރްދުޣާނާ ރައީސް ސީސީގެ ސަމިޓް ބައްދަލުކުރެއްވުމަށްފަހު ސީސީ ނޫސްވެރިންނަށް ވިދާޅުވިއެވެ. "ދެ ޤައުމުގެ  ދެމެދުގައިވާ ގުޅުންތައް މުއްސަނދިވެގެން އާރޯވެގެންދާނެ ފަދަ ގޮތަކަށް ތުރްކީއާއެކު އަހުރެމެން އައު ޞަފްޙާއެއް ހުޅުވައިފީމެވެ. މި ގުޅުންތައް މިހާރު ވަނީ ރަނގަޅު މިޞްރާބަށް އެޅިފައެވެ."

އޭނާ ވިދާޅުވިގޮތުގައި ތުރްކީއާއެކު ބަދަލުކުރެވޭ ވިޔަފާރީގެ މުޢާމަލާތުތައް 15 ބިލިއަން ޑޮލަރަށް މައްޗަށް ގެންދިޔުމަށް މަސައްކަތް ކުރެވޭނެއެވެ.

އުރްދުޣާން މި ނޫސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މިޞްރާ ގުޅިގެން ޣައްޒާ އާރާސްތުކޮށް އަލުން ބިނާކުރުމުގެ މަސައްކަތް ތުރްކީން ކުރާނެއެވެ. އަދި އަހުރެމެން މި ސަރަޙައްދަށް ޞުލްޙަ ގެނައުމަށާއި ހަމަޖެހުން ގެނައުމަށް ހުރިހާ ފެންވަރުތަކެއްގައި މަސައްކަތް ކުރާނަމެވެ."

ރައީސް އުރްދުޣާން މި ދަތުރުފުޅުގައި ރައީސް ސީސީއަށް ތުރްކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އެރުއްވިއެވެ. އުރްދުޣާން ވިދާޅުވިގޮތުގައި އޭނާގެ ދަތުރުފުޅުގެ ސަބަބުން ތުރްކީ މިޞްރު ގުޅުންތައް އައު ފެށުމަކުން ފެށިއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި ދިފާޢީ ދާއިރާގައި މިޞްރުން ދަނީ ވުނަކުރަމުންނެވެ. ގުޅިގެން މަޝްރޫޢުތައް ހިންގުމުގައި އެ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުންތައް އިތުރުވެގެންދާނޭ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

މިޞްރާއި ތުރްކީއަކީ އިސްލާމީ ދުނިޔޭގައްޔާއި މެދުއިރުމަތީގައި ބޮޑު ދެ ޤައުމެވެ. ޒަމާންވީ ތާރީޚި ގުޅުން އޮތް ދެ ޤައުމެވެ. މިމދެ ޤައުމުން ވެސް މި ގުޅުންތައް ހަރުދަނާކުރުމަށާއި ތަރައްޤީކުރުމަށް އެދެއެވެ. މި ދެ ޤައުމުންވެސް ބިނާކުރަނިވި ގުޅިފައިވާ ކުރިމަގެއް ބިނާކުރުމަށް ޝައުޤުވެރިވެއެވެ.

ދެ ޤައުމުން މިހާރު އެއްބަސްވެފައި ވަނީ ވިޔާފާރީގެ މުޢާމަލާތުތައް އެ ދެ ޤައުމުގެ ފައިސާއިން ދެއްކުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *