Support Us

ޝަހީދުންގެދުވަހުގެ ޝުޢޫރު- 2024

ވަކިތަފާތެއް ވޭތަ ޝަޢުބާންމަހުގެ އެކަކާ ނުވައަކާ
ދެކެބަލަން ފަރަގެއް ހިނގާ ދުނިޔޭން އެހެންވެސް ދުވަހަކާ

ކީއްވެހޭ އެހެނަސް މިކެކެނީ ނާރުތަކުގާ ލޭ ހިނގާ
ވީއްލިދާހެން ހިތުގެ ހަމައިން ވިންދުތައް ހަރަކާތްތަކާ

އަދު ޖެހުނު ކޮޅިގަނޑުގެ ވައިގާ ނުދެކެމުތަ ގައުމުގެ ލޮލާ!
ހުދު ރަތާ ފެހި ދިދަ ބިމާ މޮޑެވުނުގޮތެއް ހިރަފުސްތަކާ

އޮހޮރުނީ ގައުމުގެ އުޑުން ހެދިހާ ވިލާތަކަކުން ލެޔޭ
ވެހުނު ވާރޭން ރަތްވިޔޭ މުޅި ބިންތަކާ ކަނޑުފަޅުތަކާ

ތަޚުތުގާ އިންނެވި ހަވަނަ އަލިރަސްގެފާނު ޝަހީދުކޮށް
ފުށެތިކާލުން ފޭރުނޭ ދިވެހީންގެ ވެރިކަން ރަށްތަކާ

ގެއްލުނޭ ދިވެހީންގެ މިނިވަންކަން ޒަމާންވީ ތަރަހައިން
އެއްލުނޭ ކުފުރުގެ އަނދިރި ސޮފުހާ ގުޅުނު އަނިޔާތަކާ

ވޭ އެތައް އެތަކެއް ޝަހީދުން ލޭގެއަކުރުން ނަންފެވޭ
އޭގެ ހައްގަށް މިއަދު މީ އުފުލޭ ނިދާއޭ ދިދަތަކާ

ވިސްނުމުން ސިކުނޑީގެލޯ ހުޅުވާލެވޭހިނދު، ކަރުނަޔާ
ގިސްލުމާ ގުޅެނީ ފިތުނައޭ ޚާއިނީ ރޭވުންތަކާ

އިބުރަތެއް ލިބިގަންނަ ނަމަ ދުށް އިއްޔެ ގައުމުގެ ހާލަތުން
ތިބިތަނުން ނުފެނޭތަ! އަދު ހަޑި މަގުތަކާ ފިޔަވަޅުތަކާ

ކަރުނަތައް ގައުމުގެލޮލުން ފާއްދާ، ޒުވާން ދެލޮލުންބަލާ
ހަރުދަނާ އަޒުމުން ދިވެހި ހިތްތައް ގުޅާށޭ އަތްތަކާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *