Support Us

2018 ޑިސެމްބަރުގައި ކުރި ޓިއުމަރުގެ ފުރަތަމަ އޮޕަރޭޝަށްފަހު ހަދީޖާ

އެހީ ހޯދުމަށް ޖެހި ޕޯސްޓެއްގެ އެކައުންޓް ނަންބަރު ބަދަލުކޮށް، 41 މީހަކު ފޮނުވި ފައިސާ އަތުލައިފި

މި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފައި

ސިކުނޑީގައި ހުރި ޓިއުމަރެއްގެ ބޮޑު އޮޕަރޭޝަނެއް ކުރަން އެހީ ހޯދުމަށް އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި އޮތް ބޭންކް އެކައުންޓް ނަންބަރު ބަދަލުކޮށް، އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރި 41 މީހަކު ފޮނުވި އެހީގެ ފައިސާ ހޯދަން ފުލުހުންގެ އެހީއަށް އެދިއްޖެ އެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ވަހީދު (ނޮޅިވަރަންފަރު އިއްބެ) އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި، ބޮޑު ދައިތަގެ ބޮޑު އޮޕަރޭޝަނަކަށް އެހީ ހޯދުމަށްޓަކައި، ބޮޑު ދައިތަގެ ދަރިފުޅުގެ ފޭސްބުކްގައި ކުރި ޕޯސްޓުގައި ޖަހައިފައި އޮތް ބީ.އެމް.އެލްގެ ރުފިޔާ އެކައުންޓްގެ ނަންބަރު، އެހެން މީހެއްގެ އެކައުންޓް ނަންބަރަށް ބަދަލުކޮށް، ފޮޓޯތަކާއެކު އެ ޕޯސްޓް ޝެއަރކުރުމުން ފުއާދު ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް އެހީގެ ފައިސާ ވަނީ އެތައް ބަޔަކު ޖަމާކޮށްފަ އެވެ. އެކަން ފަޅާއެރުމުން ފުއާދަށް ގުޅުމުން، އެއީ އެހެން މީހަކު ކުރި ކަމެއް ކަމަށް ބުނި ކަމަށާއި އަދި 41 މީހަކު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް ފުއާދު ބުނި ކަމަށް ވެސް އިއްބެ ބުނެފައި ވެ އެވެ. ނަމަވެސް އެ ފައިސާ އަނބުރާ ދޭން ފުއާދު ދެކޮޅު ހަދާ ކަމުގައި ވެސް އިއްބެ ވަނީ ބުނެފަ އެވެ. އެހެންވެ އެ ފައިސާ އަނބުރާ ހޯދުމުގައި ފުލުހުންގެ އެހީތެރިކަމަށް އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ.

This is my Aunt and her daughter posted this status to seek help and get enough contributions to help her mother for a…

Posted by Ibbe Waheed on Friday, August 14, 2020

އިއްބެގެ ފޭސްބުކް ޕޯސްޓުގައި، އެހީ ހޯދުމަށް އާއިލާއިން ކުރި އަސްލު ޕޯސްޓާއި، އެކައުންޓް ނަންބަރު ބަދަލުކޮށްގެން ދައުރުކުރާ ފޭކު ޕޯސްޓު ވެސް ވަނީ ހިމަނައިފަ އެވެ.

އޭ.ޑީ.ކޭގައި މިއަދު ކުރި ހަ ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނަކަށްފަހު އިއްބެގެ ބޮޑުދައިތަ، އުމުރުން 59 އަހަރުގެ ހަދީޖާ ހަސަންގެ ބްރެއިން ޓިއުމަރު ވަނީ ނަގައިފަ އެވެ. އޭނާ މިހާރު އޮތީ އައި.ސީ.ޔޫގަ އެވެ. ހާލު ރަނގަޅެވެ.

"އަދިވެސް"އާ ވާހަކަ ދައްކަމުން އިއްބެ މިއަދު ބުނީ 41 މީހަކު އެހީގެ ގޮތުގައި ޖަމާކޮށްފައިވަނީ ކިހާ ފައިސާއެއް ކަމެއް އެ މީހާ ނުބުނި ކަމަށެވެ.

ހަދީޖާގެ ދަރިއެއް ކަމަށްވާ ހުސެއިން ނިއުޝާދު މިއަދު ބުނީ 2018 ޑިސެމްބަރު 11 ގައި ވެސް މަންމަގެ ބްރެއިން ޓިއުމަރެއް ނެގި ކަމަށާއި އެ ފަހަރު ވެސް 175،000ރ. ހަރަދުވި ކަމަށެވެ.

"އާސަންދައިން 75 ޕަސަންޓް ދިން ނަމަވެސް، އަދިވެސް ބޭނުންވޭ ފައިސާ. އެހެންވެ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަން އުޅުނީ،" ނިއުޝާދު ބުންޏެވެ. "މިފަހަރު ވެސް ކުއްލިއަކަށް އޮޕަރޭޝަން ކުރަންޖެހުނީ."

ނިއުޝާދު ބުނީ މި ފަހަރު ކުރީ، ކުރީ ފަހަރަށް ވުރެ ބޮޑު އޮޕަރޭޝަނެއް ކަމަށާއި އެހެންވެ މި ފަހަރުގެ ބިލަށް އަރާނެ ވަރެއް އަދި ނޭނގޭ ކަމަށެވެ.

"އެހެންވެ އެހީ ހޯދަން އަދިވެސް މި މަސައްކަތް ކުރަނީ،" ނިއުޝާދު ބުންޏެވެ.

ނިއުޝާދު ބުނީ އޮޅުވާލައިގެން އެހީގެ ފައިސާތައް އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރި މައްސަލަ މިއަދު ހެނދުނު ފުލުހަށް ހުށަހަޅައިފައިވާ ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށެވެ.
"ފުލުހުން ބުނި ހަބަރެއް ވިއްޔާ އަންގާލާނަމޭ،" ނިއުޝާދު ބުންޏެވެ.

މި ކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް "އަދިވެސް"ގެ ފަރާތުން ސުވާލު ދެންނެވުމުން ފުލުހުން ވިދާޅުވީ ބައްލަވާލައްވާފައި ހަބަރެއް ވާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް އިތުރު އެއްޗެއް ވިދާޅެއްނުވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
47
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *