Support Us

ފަލަސްޠީނުގެ ދައުލަތް އެމެރިކާއިން ޤަބޫލުކުރާނެކަމުގެ ޚަބަރު މި އަހަރު ނިމުމުގެ ކުރިން ދެވޭނެ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން މި ރޭ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލުކުރައްވާއިރު މި އަހަރު ނިމުމުގެ ކުރިން ފަލަސްޠީނު ދައުލަތް އެމެރިކާއިން ޤަބޫލުކުރާނެ ކަމުގެ ޚަބަރު ދެއްވާނެ ކަމަށް އައް ޝަރްޤު ދުވަހު ނޫސް ބުނެފިއެވެ.

މި ނޫސް ބުނާގޮތުގައި އެމެރިކާއިން މި އަޅާ ފިޔަވަޅަށް ތަބާވެގެން ޔޫރަޕްގެ ޤައުމުތަކަކުންވެސް ފަލަސްޠީނުގެ ދައުލަތް ޤަބޫލު ކުރާނެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ހިމެނޭނެއެވެ.

ފަލަސްޠީނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިއެވެ. "ފަލަސްޠީނުގެ ދައުލަތް ޤަބޫލުކުރުމަކުން ނުފުދެއެވެ. 1967ގައި އިސްރާއީލު ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަސައްކަތް ހުއްޓައިލަން ވެސް ޖެހޭނެއެވެ. މި ބިންތަކުގެ ތެރޭގައި ހުޅަނގު އައްސޭރިއާއި ޣައްޒާއާއި ޤުދުސް ހިމެނޭނެއެވެ."

މި މަސއޫލުވެރިޔާ ވިދާޅުވިގޮތުގައި ރައީސް ޢައްބާސް އެމެރިކާގެ ވަޒީރާ ބައްދަލުކުރައްވާއިރު ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެދިވަޑައިގަންނަވާނެއެވެ. އަދި ޞުލްޙައާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާއެއް ބޭއްވުމަށާއި އިސްރާއީލުން ސުންނާފަތިކޮށްފައިވާ ޣައްޒާގެ ޢިމާރާތްތަކާއި ބިނާރުތައް އަލުން ބިނާކޮށްދިނުމަށް ވެސް އެދިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ މީޑިއާތައް ދާދި މިދާކަށް ދުވަހު ހާމަކުރިގޮތުގައި ވަޒީރު ބްލިންކެން ވަނީ އެމެރިކާގެ ޚާރިޖިއްޔާގެ ޚާއްޞަ ޓީމަކާ މި މަސައްކަތް ޙަވާލު ކުރައްވައިފައި ވެއެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޯން ވެސް ވިދާޅުވެފައިވާ ގޮތުގައި ލަންޑަނުން ފަލަސްޠީނު ދައުލަތް ޤަބޫކުކުރުމާމެދު ދަނީ ވިސްނަމުންނެވެ.

ފަލަސްޠީނުގެ މަސްއޫލުވެރިންތަކެއް އައްޝަރްޤު ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން ފަލަސްޠީނުގެ ދައުލަތް ޤަބޫލު ކުރުމަކީ ފަލަސްޠީނު ދައުލަތް ޤާއިމުކުރުމުގެ މައިދާނުގައި ކުރިއަށް ދެވޭ ވަރަށް މުހިއްމު އިސްޓޭޝަނެކެވެ.

އދން 2012 ގައި ވަނީ ފަލަސްޠީނުގެ ދައުލަތް ޤަބޫލު ކޮށްފައެވެ. އަދި ފަލަސްޠީނަށް ވަނީ މުރާޤިބު ދައުލަތުގެ ޙައިސިއްޔަތު ދީފައެވެ. 2011 ގައި ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ވީޓޯ ކުރުމުގެ ސަބަބުން ފަލަސްޠީނަށް ވަނީ އދ ގައި ދައުލަތުގެ ރަސްމީ ސިފަ ނުލިބިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *