Support Us

އިސްރާއީލާއި ޔޫރަޕާ ދެމެދު އިޤްތިޞާދީ ގުޅުންތައް ވަގުތީގޮތުން ކަނޑައިލަންޖެހޭނެ 

ޣައްޒާގައި ނަސްލުހޭދުގެ ޖަރީމާތައް މަނާކުރުމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިސްރާއީލަށް އަމުރުކޮށްފައިވާތީ ޔޫރަޕްގެ އިއްތިޙާދުން އިސްރާއީލާއެކު ބާއްވަމުންދާ އިޤްތިޞާދީ ގުޅުންތައް ވަގުތީގޮތުން ހުއްޓައިލުމަށް ފަލަސްޠީނާ ބެހޭ އދގެ މުޤައްރިރު ފްރޭންޝިސްކާ އަލްޕަނީޒާ މިއަދު ގޮވައިލައްވައިފިއެވެ.

އަލްޕަނީޒާގެ އެކްސްގައި ލިޔުއްވައިފައި ވެއެވެ. "ޔޫރަޕްގެ އިއްތިޙާދަކީ އިސްރާއީލުގެ އިޤްތިޞާދީ އެންމެ ބޮޑު ބައިވެރިޔާއެވެ. އިސްރާއީލަށް އެތެރެކުރެވެވޭ މުދަލުގެ 30% އަކީ ޔޫރަޕްގެ އިއްތިޙާދުން އެތެރެވޭ އެއްޗެކެވެ."

އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދާ އިސްރާއީލާ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމުގެ ދެވަނަ މާއްދާ ބުނާގޮތުގައި އިސްރާއީލުން އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރަންޖެހޭނެއެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ. "ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދުގެ ޖަރީމާތައް މަނާކުރުމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިސްރާއީލަށް އަމުރުކޮށްފައިވާތީ މި އެއްބަސްވުމަށް ޢަމަލުކުރުމަށް ޓަކައި އިޤްތިޞާދީ ގުޅުންތައް ވަގުތީ ގޮތުން ހުއްޓައިލަން ޔޫރަޕްގެ އިއްތިޙާދަށް ލާޒިމުވާނެއެވެ.

ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިއްވި ނިޔާގައި ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދު މަނާކުރުމަށާއި އެކަމަށް ހިތްވަރުދިނުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް އިސްރާއީލަށް އަމުރުކޮށްފައި ވެއެވެ. މި ކޯޓުން އިއްވި ނިޔާގައި ދެކުނު އެފްރިކާއިން އިސްރާއީލުގެ މައްޗަށް ކުރި ދަޢުވާގައި ހިމެނޭ ހުރިހާ ޢުންޞުރުތަކެއް ބަލައިގަތުމަށް ނިންމިއެވެ. އަދި ދެކުނު އެފްރިކާގެ ދަޢުވާ ބަލައިނުގަތުމަށް އިސްރާއިލުން ހުށައެޅި ހުށައެޅުން ބަލައިނުގަނެ ރައްދުކުރުމަށް ވެސް ކޯޓުން ނިންމިއެވެ.  

ކޯޓުގެ ނިޔާގައި އައިސްފައި ވެއެވެ. "ނަސްލުހޭދުގެ މުޢާހަދާގެ  ދެވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ނަސްލުހޭދުގެ ތެރޭގައި ހިމެނޭ އެންމެހާ ޢަމަލުތައް މަނާކުރުމަށް އިސްރާއީލަށް ކުރެވެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ."

ކޯޓުން ބުނިގޮތުގައި ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްލުހޭދުގެ އެންމެހާ ޢަމަލުތަކުން ޙިމާޔަތްވުމުގެ ޙައްޤު ލިބިގެންވެއެވެ. 

މި ކޯޓުގެ ނިޔާގައި އިތުރަށް ބުންޏެވެ. "ޣައްޒާގެ ރައްޔިތުން މެރުމާއި އެމީހުން ނައްތައިލުމާއި އެމީހުންގެ ތަންތަން ހަލާކުކުރުމާ ގުޅިފައިވާ އެންމެހާ ކަންތައްތަކާ އިސްރާއީލު ދުރުހެލިވާން ޖެހޭނެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ މުހްތާދުތައް އަވަހަށް ތަނަވަސްކޮށްދިނުމުގައި  އިސްރާއީލުން ޖާމިނުވާން ޖެހޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *