Support Us

ކައު ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ މާތްކަން

ކީރިތި ރަސޫލާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މާތްﷲ ގަދަ އަމުރުފުޅަކުން އަމުރުކުރައްވައިފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا [1]– ހަމަ ކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكةން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!))

މި ބަސްފުޅުން އެނގޭ ގޮތުގައި މި ބަސްފުޅާ އެއްގޮތަށް ޢަމަލުކުރާ މީހާއަށް ﷲގެ ސަވާބާއި ދަރުމަ ލިބޭނެތެވެ.ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެކަލޭގެފާނަށް ކަމޭހިތޭހިތުމެކެވެ. އެއީ އީމާންކަން ފުރިހަމަކޮށްދޭނެ ކަމެކެވެ. އެއީ ހެޔޮކަމުގެ ފަތަށް އިތުރުވެގެންދާނެ ޢަމަލެކެވެ. ނުބައިކަމުގެ ފަތުން ފާފައެއް އުނިވެގެން ދާނެ ކަމެކެވެ.

މީގެއިތުރަށް ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެކަމުގައި ﷲ ހަނދުމަކުރުން ހިމެނޭކަމެއް ވެސްމެއެވެ. މާތްﷲ ވަނީ އަބަދުވެސް އެކަލާނގެ ހަނދުމަކުރުމަށް އަންގަވައިފައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ[2]– ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!))

ﷲ ހަނދުމަކުރުމުގައި ހުރިހާ ބާވަތެއްގެ ކިޔަމަންގަތުންތައް ހިމެނެއެވެ. ކީރިތި ރަސޫލާ ﷺގެ މައްޗަށް ޞަލަވާތް ކިޔުމަކީ އެންމެ މަތީ ދަރަޖައިގެ ޒިކްރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެއީ ޢިބާދާތުގެ ތެރޭގައި ހިމެނޭ ކަމެއްވެސްމެއެވެ.

އިސްވެދިޔަ އާޔަތާ ބެހޭގޮތުން ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރްއާނުގައިވެސް އަދި އެކަލާނގެ ބާވައިލެއްވި އެހެން ފޮތެއްގައި ވެސް އެހެން ރަސޫލުބޭކަލެއްގެ މައްޗަށް ޞަލަވާތްލައްވައިފައެއް ނުވެއެވެ. އެއީ ކީރިތި ރަސޫލާ ﷺ އަށް ޚާއްޞަކޮށްދެއްވައިފައިވާ ކަމެކެވެ. އިމާމުލް ބުޚާރީ ވިދާޅުވާ ގޮތުގައި ﷲ ތަޢާލާގެ ޞަލަވާތަކީ މަލާއިކަތުންގެ މަޖިލިސްތަކުގައި ރަސޫލާއަށް ތާރީފާއި ސަނާގެ ބަސްފުޅުތައް ވަޙީކުރެއްވުމެވެ. މަލާއިކަތްބޭކަލުން ރަސޫލާއަށް ޞަލަވާތްލެއްވުމުގެ މާނައަކީ އެބޭކަލުން ރަސޫލާއަށް ހެޔޮ ދުޢާ ކުރެއްވުމެވެ. އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި މާތްﷲ ރަސޫލާ އަށް ބަރަކާތްލައްވަތެވެ. އަދި މަލާއިކަތްބޭކަލުން ރަސޫލާއަށް ބަރަކާތްލެއްވުމަށް އެދިވަޑައިގެން މާތްﷲއަށް ދުޢާ ދަންނަވާނެތެވެ.މާތްﷲ އުޑުތަކުގެ އަހްލުވެރިންނަށް ރަސޫލާގެ މައްޗަށް ޞަލަވާތް ވިދާޅުވުމަށް އެންގެވުމަށްފަހު ބިމުގެ އަހްލުވެރިންނަށް އެކަމަށް އަމުރުކުރެއްވިއެވެ.

ކީރިތި ރަސޫލާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ދީލަތިކަމުގެ ޢަމަލެކެވެ. ކީރިތި ރަސޫލާ ﷺގެ ބައެއް ބަސްފުޅުތައް ބުނާގޮތުގައި އެކަލޭގެފާނުގެ ނަންފުޅު ގަނެވޭހިނދު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހަކީ ދަހި މީހެކެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((رَغِمَ أَنفُ رَجلٍ ذُكِرتُ عندَه؛ فلمْ يُصلِّ عَلَيَّ [3]– ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ތިމަންކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާ މާތްﷲ ނިކަމެތިކުރައްވާނެތެވެ.)) އެހެންކަމުން ކައު ރަސޫލާގެ ނަންފުޅުގަނެވޭ ވަގުތު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް އަވަސްވެގަންނަން ޖެހޭނެއެވެ.

ކީރިތި ރަސޫލާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެކަލޭގެފާނު މަތިވެރިކުރުމަށް އަންގަވައިފައިވާ އެންގެވުމަށް ޢަމަލުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަލޭގެފާނު މަތިވެރިކުރުމަކީ އެކަލޭގެފާނު ދެކެ ލޯބިވުން އިތުރުވުމުގެ ޢަލާމާތެކެވެ.

މާތްﷲ ވަޙީކުރެއްވިއެވެ. ((لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا ‎[4]– (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصر ވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيح ދެންނެވުމަށްޓަކައެވެ.)) މާތް ﷲއަށް މާތްކޮށްހިތުމުގެ ތެރޭގައި އެކަލާނގެ ރަސޫލާއަށް މާތްކޮށް ހިތުންވެއެވެ. އެކަލޭގެފާނަށް މާތްކޮށް ހިތުމުގެ ތެރޭގައި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުންވެއެވެ.

ކީރިތި ރަސޫލާ ﷺގެ މައްޗަށް ޞަލާވާތް ކިޔެވުމަކީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މާތް ﷲއަށް ފާފަފުއްސަވާ ދެއްވުމަށް ދުޢާކުރާއިރު ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގައި ހިފަހައްޓަން ޖެހޭނެއެވެ. އޭގެތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި މާތްﷲއަށް ޙަމްދުސަނާއިން ދުޢާކުރަން ފެށުމާއި އެއާ ވިދިގެން ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުންވެއެވެ. ކީރިތި ރަސޫލާ ﷺގެ ޞަޙާބީއަކު އެކަލޭގެފާނުގެ ކޮންމެ ޒިކްރު ކުރެއްއްވުމެއްގައި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާ ވިދާޅުވާކަމަށް ރަސޫލާއަށް ދެންނެވުމުން އެކަލޭގެފާނު ވަނީ އެކަމުގެ ސަބަބުން ފާފަފުއްސަވާ ދެއްވާނެ ކަމަށާއި ކަންބޮޑުވުން ފިއްލަވާދެއްވާނެ ކަމުގެ ހެޔޮ ޚަބަރުދެއްވައިފައެވެ.

ކީރިތި ރަސޫލާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެކަލޭގެފާނު ދެކެ ލޯބިވާކަމުގެ ޢަލާމާތެކެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((لَا يُؤْمِنُ أحَدُكُمْ، حتَّى أكُونَ أحَبَّ إلَيْهِ مِن والِدِهِ ووَلَدِهِ والنَّاسِ أجْمَعِينَ[5]– އޭނާގެ ބަފައާއި އޭނާގެ ދަރިޔާއި އެންމެހައި މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނުދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުންކުރެ ހަމަ އެކަކުވެސް ފުރިހަމައަށް އީމާންވެގެން ނުވެއެވެ.)) ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމުގެ މާނައަކީ އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ބޯލަނބައި އެކަލޭގެފާނު ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ. ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މި ލޯބި އިތުރުވާނެކަމެކެވެ.

ކީރިތި ރަސޫލާ ﷺގެ އެތައް ބަސްފުޅުތަކެއްގައި އެކަލޭގެފާނާ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާމީހާއާ ދެމެދުގައިވާ ގުޅުން ބަޔާންކޮށް ދެއްވައިފައި ވެއެވެ. ރަސޫލާއަށް ކިޔެވޭ ކޮންމެ ޞަލަވާތެއް އެކަލޭގެފާނާ ހަމައަށް ފޯރުކޮށްދެއްވާނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((ما مِن أحَدٍ يُسلِّمُ علَيَّ إلّا ردَّ اللهُ علَيَّ رُوحي حتّى أرُدَّ عليه السَّلامَ [6]– މީހަކު ތިމަންކަލޭގެފާނަށް ސަލާން ދަންނަވައިފިނަމަ އެމީގެ ސަލާމަށް ރައްދުދެއްވުމަށް ޓަކައި ﷲ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ތިމަންކަލޭގެފާނުގެ ފުރާނަފުޅު އިޢާދަނުކުރައްވާ ދޫކޮށްނުލައްވާނެތެވެ.)) އެހެން ބަސްފުޅެއްގައި ވެއެވެ. ((من صلَّى عليَّ صلاةً واحدةً صلَّى اللَّهُ عليهِ عشرَ صلواتٍ، وحُطَّت عنهُ عَشرُ خطيئاتٍ، ورُفِعَت لَهُ عشرُ درجاتٍ [7]– ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތެއް ކިޔެވި މީހާގެ މައްޗަށް ﷲ ދިހަ ޞަލަވާތް ލައްވާނެއެވެ. އަދި ދިހަ ފާފަ ފުއްސަވާނެއެވެ. އަދި އޭނާއަށް ޓަކައި 10 ދަރަޖަ އުފުއްލާނެއެވެ.))

ހުކުރު ދުވަހު ޞަލަވާތް ކިޔެވުމުގެ އިތުރުކަން

ހުކުރު ދުވަހަކީ ދުވަސްތަކުގެ ސާހިބާއެވެ. މި ދުވަހު ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުމާ ބެހޭގޮތުން ޙަދީސްކުރެއްވިއެވެ. ((إنَّ مِن أفضَلِ أيّامِكم يومَ الجُمعةِ، فأكْثِروا عليَّ الصلاةَ فيه؛ فإنَّ صلاتَكم مَعروضةٌ عليَّ [8]– ހަމަކަށަވަރުން ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރުދުވަހެވެ. ފަހެ ތިޔަބައިމީހުން އެ ދުވަހު ތިމަންކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށައެޅުއްވޭނެއެވެ.))

އިމާމު ނަވަވީ ވިދާޅުވާ ގޮތުގައި ހުކުރުދުވަހު ޚުޠުބާ ފެށުމުގެ ކުރިން މިސްކިތަށް ދެވުނުމީހާ ﷲއަށް ޒިކްރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމުގައި މަޝްޣޫލުވުމަކީ މުސްތަޙައްބުވެގެންވާ ކަންތައްތަކެކެވެ. [9] އިމާމުއް ޝާފިޢީ އެކަލޭގެފާނުގެ އަލްއުއްމުގައި ވިދާޅުވެފައިވާ ގޮތުގައި ހުކުރުވުލޭރެއާއި ހުކުރުދުވަހު ކަހްފު ސޫރަތް ކިޔެވުމާއި ދުޢާކުރުން ގިނަކުރުމަކީވެސް މުސްތަޙައްބު ކަމެކެވެ.

ކީރިތި ރަސޫލާ ﷺގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އިރު އޭގެ މައްޗަށް އެރި އެންމެ ރަނގަޅު ދުވަހަކީ ހުކުރު ދުވަހެވެ. މާތް ﷲ އާދަމުގެފާނު ހެއްދެވީ އެ ދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީ ހުކުރު ދުވަހެއްގައެވެ. ޤިޔާމަތް ވާނީ ހުކުރު ދުވަހެއްގައެވެ. އަލްއިމާމުއް ސިންދީ ވިދާޅުވާގޮތުގައި ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން އެންމެ ރަނގަޅު ވަގުތަކީ ހުކުރުދުވަހެވެ.

ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވަންޖެހޭ ތަންތަން

ކީރިތި ރަސޫލާ ﷺގެ މައްޗަށް ކޮންމެ ވަގުތެއްގައި ޞަލަވާތްކިޔެވުމަކީ މުސްތަޙައްބު ކަމެކެވެ. އެހެނަސް ޞަލަވާތް ކިޔެވުން އިތުރު ވަގުތުތަކެއް ވެއެވެ. އޭގެ ތެރޭގައި:

  • ފަހު އައްތައްޙިއްޔާތު ކިޔުމަށް ފަހު: ފަހު އައްތަޙިއްޔާތު ކިޔުމަށްފަހު ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔުމަކީ ނަމާދުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
  • ކަށުނަމާދުގައި ދެވަނަ ތަކްބީރަށްފަހު
  • ހުކުރު ޚުޠުބާއާއި ޢީދު ޚުޠުބާތަކުގައި
  • ދުޢާކުރަން ފަށާއިރު މާތް ﷲއަށް ޙަމްދުސަނާ ދެންނެވުމަށް ފަހު
  • ދުޢާކުރުން ނިންމައިލަމުން
  • މިސްކިތަށް އަރާއިރުގައްޔާއި މިސްކިތުން ފައިބާއިރު
  • ޞަފާއާއި މަރްވާގައި
  • ބައްދަލުވުންތަކުގައްޔާއި ބައްދަލުވުންތަކުން ވަކިވާ ވަގުތު: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ماجَلَسَ قَومٌ مَجلِسًا لم يَذكُروا اللهَ فيه، ولم يُصَلُّوا فيه على النَّبيِّ صلّى اللهُ عليه وسلَّم إلّا كان عليهم تِرَةً يَومَ القيامةِ، إنْ شاءَ عَفا عنهم، وإنْ شاءَ آخَذَهم به [10]– ބަޔަކު މީހުން އެއްވެ މަޖިލިސްކޮށް ހަދާއިރު ﷲ ހަދުމަނުކޮށް އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔާވަނަމަ އެ ބައްދަލުވުމެއް ޤިޔާމަތްދުވަހުން ހިތާމައަކަށް ނުވެނުދާނެތެވެ. ﷲ އިރާދަކުރައްވައިފިނަމަ އެބަޔަކަށް މާފުދެއްވައިފާނެތެވެ. އަދި އިރާދަކުރައްވައިފިނަމަ އެބަޔެއްގެ ކިބައިން ހިއްޕަވައިފާނެތެވެ.))
  • ރަސޫލާގެ ނަންފުޅުގަނެވޭ އަޑު އިވޭއިރު: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((الْبَخِيلُ الَّذِي مَنْ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيّ [11]– ދަހި މީހަކީ އެމީހާގެ ގާތުގައި ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވޭހިނދު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާއެވެ.))
  • އިރުއަރާ އިރުގައްޔާއި އޮއްސޭއިރު
  • މަދީނާއަށް ގޮސް އެކަލޭގެފާނަށް ޒިޔާރަތްކުރާއިރު
  • ކީރިތި ޤުރްއާން ޚަތިމުކުރުމަށްފަހު
  • ރަސޫލާގެ ނަންފުޅު ގަނެވޭ އާޔަތެއް ކިޔަވާއިރު
  • މުޞީބާތެއް ކުރިމަތިވާ ވަގުތު
  • މީހަކާ ކާވެނިކުރަން ޚުޠުބާ ކިޔާއިރު
  • ޤުނޫތުކިޔާ ނިންމާލާއިރު
  • ބަންގި ގޮވުމަށްފަހު

ޞަލަވާތް ކިޔެވުމުގެ ސިއްރުތަކުގެ ތެރެއިން

ދަންނަބޭކަލުން ވިދާޅުވާގޮތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ ޙަބީބާ އަދި މުޞްޠަފާގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ ތައުފީޤު އަބާއްޖަވެރިއަކަށް ނުދެއްވާނެއެވެ. ﷲގެ ރަސޫލާގެ މައްޗަށް ޞަލާވާތް ކިޔެވުމުގައި ތިބާއަށް ތައުފީޤު ދެއްވައިފިނަމަ އެއީ ތިބާއަށް ލިބުނު ހެޔޮ ޚަބަރެކެވެ. ތިބާއަކީ ބާއްޖަވެރިއެކެވެ.

ކީރިތި ރަސޫލާ ﷺގެ މައްޗަށް ޞަލަވާތެއް ތިބާއަށް ކިޔެވިއްޖެނަމަ މި ޞަލަވާތުގެ ސަބަބުން ތިބާގެ މައްޗަށް މާތް ﷲ 10 ޞަލަވާތް ލައްވާނެތެވެ. ﷲ ތަޢާލާގެ އެންމެ ޞަލަވާތެއް ލިބުނު މީހާ މާތް ﷲ ޤިޔާމަތްދުވުހުން ނަރަކައިން ސަލާމަތްކުރައްވާނެތެވެ. އޭނާ ނަރަކައިން  މިންޖުކުރައްވާނެތެވެ. ﷲގެ ޞަލަވާތް އެކަމަށް ފުދޭތީއެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގައި ވަނީ  ((إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا [12]– ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!)) މި ބަސްފުޅުގައި މާތް ﷲ ޚިޠާބު ކުރައްވަނީ މުއުމިނުންނަށެވެ. އެކަލާނގެ މި ޚާއްޞަކުރައްވަނީ ވަކި ބަޔަކަށެވެ. ތެދުވެރިކަމާއެކު ﷲއަށް އީމާންވެ އަޅުކަންކުރާ އެކަލާނގެ އަޅުންނަށެވެ. މާތް ﷲ މި އަމުރުކުރެއްވި އަޅުކަން (ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުން) އަދާކުރުމުގައި ތައުފީޤު ދެއްވި މީހާއަށް ޤިޔާމަތްދުވަހުން އަމާންކަމާއި ރައްކައުތެރިކަން ދެއްވާނެއެވެ.

 

[1]– އަލްއަޙްޒާބު: 56

[2]– އަލްބަޤަރާ: 152

[3]– الحاكم، المستدرك على الصحيحين (٢٠٤٢)

[4]–  الفتح: 9

[5]– أخرجه البخاري (١٥) ومسلم (٤٤)

[6]– أخرجه أبو داود (٢٠٤١) وأحمد (١٠٨١٥)

[7]– أخرجه النسائي (١٢٩٧)، وأحمد (١٣٧٥٤)

[8]– أخرجه أبو داود (١٥٣١) والنسائي (١٣٧٤)، وابن ماجه (١٠٨٥)، وأحمد (١٦١٦٢)

[9]– المجموع: (4/ 548، ط. دار الفكر)

[10]– أخرجه أبو داود (٤٨٥٦)، والترمذي (٣٣٨٠)، والنسائي في ((السنن الكبرى)) (١٠٢٣٨)، وأحمد (٩٥٨٣)

[11]– أخرجه الترمذي (٣٥٤٦)، وأحمد (١٧٣٦)، والنسائي في ((السنن الكبرى)) (٨١٠٠)

[12] – އަލްއަޙްޒާބު: 56

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *