ޅެންވެރި މޮޅު ޝާއިރެކޭ މިީ ރޫހުވަނީ ލާމެހިފައޭ
ހިތްޕުޅު ހެޔޮ ސާފުކަމުންނޭ ރޫހުވަނީ ލާމެހިފައޭ
***
ތިނަދޫއަށް ނިސްބަތްވާ ޝަޚުޞިއްޔަތު ދައްކައިދޭ ފުރިހަމަ ނަމޫނާ
އަލިދޯދިން ވިދާލުމުންނޭ ރޫހުވަނީ ލާމެހިފައޭ
ހިތްޕުޅު ތިރި ފާހަގަވާ ބަސްމަދުކަން ސާބިތުވާ ސާދާ މިޒާޖާ
ހިނިތުންވީ މޫނުފުޅުންނޭ ރޫހުވަނީ ލާމެހިފައޭ
އަދަބީ އެކި ފަންނުތަކާ ގައުމާއެކު ކުރިއަރުވާން ވަޒަނުގެ ތަރައްގީ
ދެއްކެވި ގަދަ ހިއްވަރަކުންނޭ ރޫހުވަނީ ލާމެހިފައޭ
ބިންހެޔޮވީ ފަސްގަނޑުގާ މުޑުވައްކޮށް އިންދެވިހާ ޅެންވެރި ބަގީޗާ
ގަސްތައް ހެދި ފޯދިލުމުންނޭ ރޫހުވަނީ ލާމެހިފައޭ
މަސްވެރިކަން އާލާވާ ދަނޑުވެރިކަން ތާޒާވާ ރާގުން ގަތާހާ
ޅެންތައް މޮޅު ޗާލުކަމުންނޭ ރޫހުވަނީ ލާމެހިފައޭ
ޝަރަފުގެ އިއްޒަތް ލިބިފާ ގައުމީ ވޭ ފެންވަރުގާ ޅެންވެރި އަފީފަށް
ގާބިލުކަން މިންކުރުމުންނޭ ރޫހުވަނީ ލާމެހިފައޭ
ސިއްހަތަކާ ހަށިހެޔޮވީ އުމުރުފުޅެއް ދެއްވާނދޭ މަތިވެރި ކަލާކޯ
ހިތްހެޔޮވީ ދުއާތަކުންނޭ ރޫހުވަނީ ލާމެހިފައޭ