Support Us

2027ގައި ދުނިޔޭގެ އެންމެ ބޮޑު ތިންވަނަ އިޤްތިޞާދަށް އިންޑިޔާ ވާނެ

ދެހާސް ހަތާވީހުގައި ދުނިޔޭގެ އެންމެ ބޮޑު ތިންވަނަ އިޤްތިޞާދަށް އިންޑިޔާ ވާނެ ކަމަށް އެ ޤައުމުގެ މާލީ ވުޒާރާއިން ބުނެފިއެވެ.

މިއަދު އިންޑިޔާގެ ހަތަވިވަރަކަށް 3.7 ޓްރިލިއަން ޑޮލަރު ވާއިރު 2027 ގައި އިންޑިޔާގެ ހަތަވިވަރަ ފަސް ޓްރިލިޔަނަށް މައްޗަށް ދާނެ ކަމަށް ވެސް އެ ވުޒާރާއިން ލަފާކުރެއެވެ.

މި ހަފުތާގެ ތެރޭގައި އިންޑިޔާގެ ވަގުތީ ބަޖެޓް އިޢުލާން ކުރާއިރު މި ކަން ހާމަވެގެންދާނެއެވެ. އިންޑިޔާގެ މާލީ ވުޒާރާއިން އިއްޔެ ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުގައި މި ހިނގާ 2024 މާލީ އަހަރުގައި އެ ޤައުމުގެ އިޤްތިޞާދު 7% އަށް ހެދިބޮޑުވާނެކަމަށް ލަފާކުރެވެއެވެ. މި ގޮތަށް އިޤްތިޞާދު ހެދިބޮޑުވެއްޖެނަމަ މި އަހަރު ވާނީ ވިދިވިދިގެން އިންޑިޔާގެ އިޤްތިޞާދު 7% އަށް ހެދިބޮޑުވާ ތިންވަނަ އަހަރަށެވެ.

އިންޑިޔާގެ އިޤްތިޞާދީ އެންމެ ބޮޑު މުޝީރު ނާޖިސްވަރަން ވިދާޅުވާގޮތުގައި ސަރުކާރުގެ އަމާޒަކީ 2047 އަށް ދާއިރު އިންޑިޔާ ކުރިއަރައިފައިވާ ޤައުމަކަށް ހެދުމެވެ. އޭނާ ވިދާޅުވިގޮތުގައި އިންޑިޔާގެ އިޤްތިޞާދުގެ މޯޓަރަކީ އެތެރޭގެ ބާޒާރާއި ވުނަކުރުމެވެ. މި އަމާޒު ޙާޞިލް ކުރެވުނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ސަރުކާރުން އެޅި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވިގޮތުގައި މާއްދީ ބިނާރާއި ސުމޭކު ބިނާރުގައި ވުނަކުރުމުގެ ސަބަބުން ޞިނާޢަތާއި ބާޒާރު ވަނީ ވަރުގަދަވެ ހަރުދަނާވެފައެވެ. އޭނާ ވިދާޅުވިގޮތުގައި 2025ގެ މާލީ އަހަރުގައި ވެސް 7% ގެ ކުރިއެރުމެއް ޙާޞިލްކުރެވޭނެކަމަށް ލަފާކުރެއްވެއެވެ.

މި އަހަރުގެ އޭޕްރީލާއި މެއިމަހުގެ ތެރޭގައި އިންޑިޔާގައި ޢާންމު އިންތިޚާބު ބޭއްވޭނެއެވެ. އިންޑިޔާގެ މާލީ ވަޒީރު ވަގުތީ ބަޖެޓް 1 ފެބްރުވަރީގައި ހުށައަޅުއްވާނެއެވެ. ސަރުކާރުގެ ޚަރަދުތަކާއި ވާރުތަކުގައި ސަރުކާރުގެ މިއަދުގެ ސިޔާސަތަށް މާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަކަށް މުޙައްލިލުން ދެކެވަޑައެއް ނުގަންނަވައެވެ.

ގޯލްޑްމަން ސެކްސް ބޭންކު ބުނާގޮތުގައި 2075 ވަނަ އަހަރު އިންޑިޔާ ދުނިޔޭގެ އެންމެ ބޮޑު ދެވަނަ އިޤްތިޞާދަށް ވާނެއެވެ. ޖަޕާނާއި ޖަރްމަނު ފަހަތަށް ޖައްސައިފައެވެ. އަދި ފަހަރެއްގައި އެމެރިކާ ވެސް ފަހަތަށް ކޮއްޕައިލައިފައެވެ. މިއަދު އިންޑިޔާއަކީ ދުނިޔޭގެ ފަސްވަނަ އިޤްތިޞާދީ ބާރެވެ. އެމެރިކާއާއި ޗައިނާއާއި ޖަޕާނާއި ޖަރްމަނަށްފަހުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *