Support Us

ހަނގުރާމަ ހުއްޓައިލުމުން ނޫނީ އަސީރުން ބަދަލު ކުރުމެއްނެތް

ހިފަހައްޓައިފައި ތިބި އަސީރުންގެ ތެރެއިން އެއްވެސް މީހަކު  ދޫކޮށްލެވޭނީ ހަނގުރާމަ ހުއްޓައިލުމުން ކަމަށް ޙަމާސުން ބުނެފިއެވެ. 

ރަހީނުން ބަދަލުކުރުމާބެހޭ އައު ޑީލަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ޓަކައި ޕެރިހުގައި އިސްރާއީލާއި މިޞްރާއި ޤަޠަރާއި އެމެރިކާގެ ބައްދަލުވުމެއް ރޭ ބޭއްވިއެވެ. އިސްރާއީލު ބުނާގޮތުގައި މި ބައްދަލުވުމުގައި ކުރިއަށް ފިޔަވަޅެއް އެޅުނެވެ. އެކަން ކުރުމަށް ހަމަޖެހެމުންދަނީ ފިޔަވަހިތަކަކަށް ބަހައިލައިގެންނެވެ. 

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް ބުނާގޮތުގައި އިސްރާއީލުގެ 100 އަސީރުން ދޫކޮށްލާތީ ދެ މަސްދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލާނެއެވެ. ދޫކޮށްލާ މީހުންގެ ތެރޭގައި އިސްކަން ދެވޭނީ އަންހެނުންނަށާއި ކުޑަކުދިންނަށާއި ބަލިމީހުންނަށެވެ. މި މީހުންގެ ބަދަލުގައި އިސްރާއީލުން ފަލަސްޠީނުގެ ވަރަށް ގިނަ ހައްޔަރީން ދޫކޮށްލާނެއެވެ.

މި ބައްދަލުވުމާ ބެހޭގޮތުން ޙަމާސުން ބުނިގޮތުގައި އަސީރުން ދޫކޮށްލުން ގުޅިފައިވަނީ ހަނގުރާމަ ހުއްޓުމާއެވެ. ޙަމާސްގެ ސިޔާސީ ދާއިރާގެ ރައީސް ސާމީ އަބޫ ޒުހްރީ ރޮއެޓަޒަށް ވިދާޅުވިގޮތުގައި  ޕެރިސް ބައްދަލުވުން ކާމިޔާބުވުން އޮތީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް ގޮވައިލާގޮވައިލުން ތަކަށް އިޖާބަދޭ މިންވަރެއްގެ މަތީގައެވެ. 

އިސްރާއީލުން ބުނާގޮތުގައި ހަމާސުން ހިފަހައްޓައިފައިވާ އިސްރާއީލު މީހުންގެ ޢަދަދަކީ 136 އެވެ. އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 8،800 މީހުން ހައްޔަރުކޮށްފައި އެބަތިއްބެވެ. 

ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި މިޞްރުން ހުށައަޅަނީ އިސްރާއީލުގެ އަސީރުންތައް ދޫކޮށްލާތީ ހަތަރު މަސް ދުވަހަށް ހަނގުރާމަ ހުއްޓައިލުމަށެވެ. މި ނޫސް ބުނާގޮތުގައި ފުރަތަމަ ފިޔަވަހީގައި އިސްރާއީލުން ހަ ހަފުތާގެ މުއްދަތަށް ހުރިހާ ބާވަތެއްގެ ޙަމަލާތައް ހުއްޓައިލައި އިންސާނީ އެހީތައް ޣައްޒާއަށް އެތެރެކުރުން އިތުރުކުރުމަށެވެ. 

މި އައު ޑީލް ބުނާގޮތުގައި ދެވަނަ ފިޔަވަހީގައި ދޫކޮށްލާނީ އިސްރާއިލުގެ އަންހެން ސިފައިންނެވެ. އެއަށްފަހު ފިރިހެން ސިފައިންނާއި މަރުވެފައިވާ ސިފައިންގެ ހަށިގަނޑުތަކެވެ. 

ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި މި އައު ޑީލުގައި ޙަމާސަށް  ބައިނަލްއަޤްވާމީ ޖާމިނުވުން ދޭނެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ޖާމިނުވުން ވެސް ހިމެނެއެވެ. މި ޖާމިނުވުމުގެ ދަށުން ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *