Support Us

ވާހަކަ: ހިތް އެދޭތީ- 11

އެއްކޮޅުން އޭނާގެ ފުރަތަމަ ލޯބިވެރިޔާގެ އާދޭސްތަކެވެ. އަނެއްކޮޅުން އޭނާގެ މާޔޫސީ ހަޔާތަށް ދިރުން ގެނެސްދިން ވަފާތެރިޔާއެވެ. ސިމާމު ދީނާއަށް ވަރަށް ހެވެވެ. އޯގާތެރިއެވެ. އަދި އޭނާ ވަނީ ދީނާގެ މައިންބަފައިންގެ ރުހުންވެސް ހޯދައިފައެވެ.

ދެން ހުރީ ސުނޭ އެވެ. އެއީ އޭނާގެ ފުރަތަމަ ލޯތްބެވެ. ސުނޭ އެވަނީ އަނެއްކާވެސް ހަޔާތަށް އައުމަށް ފައިނަގައިފައެވެ. ސުނޭގެ އާދޭސްތަކުގެ ސަބަބުން ސިމާމު ކައިރީ ދީނާ ވެފައިވާ ވަޢުދުތަކާއި އަހުދުތައް ހަނދާންނެތުނު ކަހަލައެވެ. ދީނާއަށް މަޑުމަޑުން ގޮސް ސުނޭގެ ތަނަވަސް މޭގައި ބޯއަޅާލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ދަނޑިވަޅުގެ ބޭނުންހިފައި ސުނޭގެ ދެއަތުން ދީނާ ވަށައިލިއެވެ. އަދި މަޑުމަޑުން ދީނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

ފުރަތަމަ ލޯތްބާ ދިމާއަށް ދީނާ އެނބުރުނީ ކޮންފަދަ ޖާދުވީ ބާރަކުންކަމެއް ޚުދު ދީނާއަކަށްވެސް ނޭނގުނެވެ. މާލޭގައިވީ އޭނާގެ މިހާރުގެ ލޯބިވެރިޔާއަށް މި ޚަބަރު ލިބުމުގެ ސަބަބުން ވެދާނެ ގޮތަކާމެދު އޭނާއަށް ޚިޔާލެއް ނުކުރެވުނެވެ. ސިމާމު ފަދަ އޯގާތެރި ތެދުވެރިއެއް ދެކެ ވީ ލޯބި ކެހިވެރި ލޯތްބަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައެވެ.

"ސުނޭ އަހަރެންވެސް.. ސުނޭ ބޭނުން. މިވީ ދުވަސްތަކުގައި އަހަންނަކަށްވެސް ސުނޭގެ މަތިން ހަނދާން ނައްތައެއް ނުލެވުނު،" އެގޮތަށް ސުނޭގެ މޭގައި ބޯއަޅާލައިގެން އޮވެ ދީނާ ވާހަކަ ދެއްކިއެވެ.

"ހަމަ ތެދެއްތަ؟.. ދެން އަބަދުވެސް ދީނާ ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގައި. އަހަންނަކީ ކެހިވެރި ލޯބިވެރިޔެކޭ ބުނެވޭނެ ދުވަހެއް ދެން ނުފަންނާނެ،" ސުނޭ ލިބުނު ކާމިޔާބީއަށް ޓަކައި ހިނިތުން ވެލިއެވެ.

"ދެން ދަނީއްޔޭ.. ނަދުވާމެން ގެއަށޭ ކިޔައިފައި މި ނިކުތީވެސް.. މިހާރު މާ ލަސްވެއްޖެ،" ދީނާ ގެއާ ދިމާއަށް ހިނގައިގަތެވެ. މާ ގިނައިރުވުމުން ނަދުވާމެން ގެއަށް ދިއުމުގެ ޚިޔާލު ބަދަލުވުމާ ވެސް އެކުގައެވެ.

ލިބުނު ކާމިޔާބީގެ ސަބަބުން ސުނޭނުގެ ތުންފަތަށް ލުއި ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ވިމާލު އައިސް ސުނޭއާ އަތްޖަހާލައި ކާމިޔާބީގެ އުފާ ފާޅުކުރިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ.. ކަލޭ އަހަންނަށް ދެވަނަ ދިރުމެއް ގެނެސްދީފި،" ހިނިތުންވެ ހުރި ސުނޭ ވާހަކަ ދެއްކިއެވެ.

"ތިހެން ނުބުނޭ ސުނޭ. މީ އަހަރެން ކުރަންޖެހޭ ކަމެއް… އަހަރެންގެ ސަބަބުން.."

"ތިޔަ ވާހަކަ ދެން ނުދައްކާ….ހިނގާ ކޮފީއަކަށް ދަމާ،" ވިމާލުގެ ވާހަކަ މެދުކަނޑާލުމަށްފަހު ސުނޭ ބުންޏެވެ.

ސިމާމު މާލެ ދިޔަތާ ދެތިން ދުވަސް ވީއިރުވެސް ދީނާގެ ޚަބަރެއް ނުވުމުން ވެގެން އުޅޭގޮތެއް ބެލުމަށް ނަދުވާ ނިންމީ ދީނާގެ ގެއަށް ދިއުމަށެވެ. އެހެންކަމުން ހަވީރުގެ ފިނި ޖެހިލި އިރު ނަދުވާ ހުރީ ދީނާމެން ގޭގައެވެ.

"ދައްތާ… ކޮބައިތަ ދީނާ؟ ސިމާމު ދިޔަ ފަހުން ނުވެސް ފެނޭ،" ދީނާގެ މަންމަ ފެނުމުން ނަދުވާ އަހައިލިއެވެ.

"އިހަކަށް ދުވަހު ނަދުވާމެން ގެއަށޭ ކިޔާފައި މިގެއިން ދިޔައީ.. ނުދޭތަ؟" ކުޑަކޮށް ހައިރާންވެފައި ދިޔާނާ އެހިއެވެ.

"ހޫނ.. ނާދެޔޭ… މި ދެ ދުވަސް ވަރަށް ބުރަކޮށް މިއުޅުނީ. އެހެންވެ މިގެއާ ހަމައަށްވެސް ނާދެވުނީ."

"އެހެންތަ.. ދޭބަލަ އޮންނާނެ ކޮޓަރީގައި."

ނަދުވާ ކޮޓަރިއަށް ވަތްއިރު އުއްޑުން އޮށޯވެލައިގެން ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ދީނާ އޮތެވެ. އެނބުރެމުންދާ ފަންކާއަށް ނަޒަރު ހިންގާލައިގެން އޮތް އިރު ދީނާގެ ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް ބުރުޖަހަމުން ދިޔައެވެ. އޭނާއަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން ގޮތެއް ނިންމުމަށް އުނދަގޫ ވަމުންދާ ކަހަލައެވެ. ދީނާގެ މޫނަށް އަރައި ފައިބަމުންދާ ކުލަވަރުތަކުން ކަމަކާ މާބޮޑަށް ފިކުރު ކުރާކަން ދެނެގަންނާކަށް ނަދުވާއަކަށް އުނދަގުލެއް ނުވިއެވެ. އިރުކޮޅަކު ދީނާއަށް ބަލަން ހުރެފައި ނަދުވާ ކަރު ކެހިލަމުން ދޮރުފަތް ލެއްޕިއެވެ. ދޮރުފަތް ލެއްޕުނު އަޑާއި މީހަކު ކަރުކެހިލި އަޑަށް ދީނާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދޮރާ ދިމާއަށް ދީނާ ބަލައިލިއެވެ. ނަދުވާ ފެނުމުން ވަރަށް މަސައްކަތުން ދީނާ ހިނިތުންވެލިއެވެ. ނަދުވާ ގޮސް ދީނާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.

"ދީނާ މަންމަ ބުނި ކުރީ ދުވަހު އަހަރެމެން ގެއަށޭ ކިޔާފައި ދީނާ ދިޔަ ވާހަކަ…،އަހަރެމެން ގެއަކަށް ނާންނަމެއްނު؟… އަނެއްކާ ކޮންތާކަށް އެ ދިޔައީ؟"

"އަހަރެން… އަހަރެން ތަނަކަށް ނުދަން… ތިގެއަށް ދާން ދަނިކޮށް މޫޑް ގޯސްވެގެން އަނބުރާލާފައި ގެއަށް އައީ،" ދީނާ ދޮގުހެދިއެވެ. ސުނޭގެ ވާހަކަ އެހާ އަވަހަށް ނަދުވާ ކައިރީގައިވެސް ބުނަން ބޭނުންނުވާތީއެވެ. ނަދުވާގެ ވިސްނުން ހުންނާނެ ގޮތް ދީނާ އަށް އެނގެއެވެ. ނަދުވާ އަށް ވެގެން ވީއްޔާ ދީނާ ދެން ސުނޭއާ ގުޅުނަކަ ނުދޭނެއެވެ.

"އެހެންތަ؟ ސިމާމު ޚިޔާލުތައް ހިތަށް އުނދަގޫ ކުރަނީ ދޯ؟" ނަދުވާ ދިމާކޮށްލިއެވެ.

"ނޫނޭ.. ދެން ހަމަ މޫޑް ގޯސްވީ އެވަގުތު އެހެންވެ ގެއަށް އައީ،" އެ ދުވަހު ކަން ހިނގައި ދިޔަގޮތް ނަދުވާއަށް ކިޔައިދޭކަށް ދީނާ ބޭނުމެއް ނުވިއެވެ.

"އެހެން ދެން އޯކޭ… ކީއްވެ މާބޮޑު ޚިޔާލަކަށް ގެއްލިފައި؟" ނަދުވާ އޮޅުންފިލުވަން ބޭނުންވިއެވެ.

"ކޮން ޚިޔާލަކަށް؟… އަހަރެން އެއްވެސް ޚިޔާލެއް ނުކުރަން.. ދެން ހަމަ އޮތީ ވައިވެފައި…"

"އަހަންނަށް އެނގެޔޭ… ސިމާމުގެ ޚިޔާލުގައެއްނު އަބަދު ތި އޮއްނަނީ… މިހާރު ރަނގަޅަށް އޭނާ މާލޭގެ ފެނަށް ހޭނެން ފަށައިފާނެ… މިބުނީ ދީނާ މަތިން ހަނދާން ނައްތާލައި އެހެން މީހެއް ހޯދަފާނެ،" ނަދުވާ ކުރީ ސަމާސާ އެވެ.

"ހޫނ.. މަށަށް ރަނގަޅީވެސް ތިގޮތް. އަހަރެންގެ ހިތުގައި މިހާރު ވަނީ ސުނޭގެ ނަން ބިންވަޅު ނެގިފައި," ކިތައްމެ ނުބުނަން އުޅުނަސް އެންމެ ފަހުން ނަދުވާ ދެއްކި ވާހަކައަކުން ދީނާއަށް ވެގެން އުޅޭގޮތް ތިލަކޮށްލެވުނެވެ.

"އަހަރެން އެހެން ބުނީ ސަމާސާއަކަށޭ… ސިމާމަކީ އެކަހަލަ މީހެއް ނޫނެއްނު؟" ދީނާ ވާހަކަ ދެއްކި ގޮތުން ނަދުވާ ހުރީ ދެރަވެފައެވެ. ހިތްހަމަނުޖެހިފައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *